ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު: ކޮންމެ ކެޓަގަރީއަކަށް ވަކި ޖަޖިން ޕެނަލެއް


  • ފަނޑިޔާރުންގެ ގޮތުގައި މިހާރު ވަނީ 39 މީހުން ކަނޑައަޅާފައި

  • އިސްފަނޑިޔާރުންގެ ޕެނަލެއް ވެސް ހިމެނޭނެ

އުފެއްދުންތެރިކަމުގެ މައުރަޒުގައި ކޮންމެ ކެޓަގަރީއަކަށް ވަކި ޖަޖިން ޕެނަލެއް އޮންނާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮންނާނީ މިމަހުގެ 25އިން ނޮވެންބަރު 2އަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ މިއަހަރުގެ މައުރަޒުގައި ހުރިހާ އަތޮޅަކުން ބައިވެރިވާކަމަށެވެ. އަދި މައުރަޒުގައި ބައިވެރިކުރާ ތަކެތި ޖަޖްކުރުމަށްޓަކައި ކޮންމެ ކެޓަގަރީއަކަށްވެސް ޚާއްސަ ފަނޑިޔާރުންގެ ޕެނަލެއް އޮންނާނެކަމަށާއި މިހާރުވެސް ފަނޑިޔާރުންގެ ގޮތުގައި 39 މީހަކު ކަނޑައަޅާފައިވާކަމަށް ސާމިހް ވިދާޅުވިއެވެ. ސާމިހު ވިދާޅުވީ އިސްފަނޑިޔާރުންގެ ޕެނަލެއް ވެސް ހިމެނޭނެކަމަށާއި ރަން 5 ވަނަ ހޮވުމަށްޓަކައި ވަކި ޕެނަލެއް އޮންނާނެކަމަށެވެ.

"ރަނގަޅަށް ތަރުތީބު ކުރެވިފައިވާ މައުރަޒަކަށް ވާނެ. ހިތްހަމަޖެހޭނެ މައުރަޒަކަަށް މިއަހަރުގެ މައުރަޒު ވެގެންދާނެ." ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވިއެވެ.

ބީސީސީން ވިދާޅުވީ މަރުރަޒުގައި ހުށަހަޅާ ތަކެތީގެ ފެންވަރަށާއި އުފެއްދުންތެރިކަމުގެ އިތުރަށް ބޭނުންކޮށްފައި ހުންނަ ތަކެއްޗަށްވެސް ފަނޑިޔާރުން ބަލާނެކަމަށެވެ. ފަނޑިޔާރުކަން ކުރާނީ އެ ދާއިރާތަކުން ފަންނުވެރި މީހުންކަމަށްވެސް ބީސީސީން ވިދާޅުވިއެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 7 ޑިސްޓްރިކްޓް ހުންނާނެއެވެ. އޭގެތެރޭގައި ދީނީ ދާއިރާ، ޓެކްނޮލޮޖީ ދާއިރާ، އަދި އިންޓަރނޭޝަނަލް ޑިސްޓްރިކްޓެއްވެސް މިއަހަރުގެ މައުރަޒުގައި ހިމެނެއެވެ. ވާދަކުރުމުގެ ބައި ހިމެނޭހެން 1000 އަށްވުރެ ގިނަ ވިޔަފާރިތަކުގެ އުފެއްދުންތައް މިއަހަރުގެ މައުރަޒުން ފެންނާނެއެވެ.

މި މައުރަޒުގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. މި މައުރަޒު ކުރިއަށް ގެންދަނީ އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރި ވުމުގެ ފުރުޞަތު ފަހިވާ ގޮތަށެވެ. ބީސީސީން ވަނީ މައުރަޒުގައި ތަކެތި ބަލައިގަންނަ ތާރީޚްތައް މިހާރު އާންމުކޮށްފައެވެ.

ކާބޯތަކެތީގެ ގިންތި އާއި ބަލައިގަންނަ ތާރީޚް

* ދަނޑުވެރިކަމުގެ އުފެއްދުންތައް އަދި ވެލިއު އެޑިޝަން
* މަސްވެރިކަމުގެ އުފެއްދުންތައް އަދި ވެލިއު އެޑިޝަން

މިތަކެތި ބަލައިގަންނަ ތާރީޚް: 15 އޮކްޓޫބަރު

* ކޭކް ޑެކަރޭޝަން: ތަކެތި ބަލައިގަންނާނީ 17 އޮކްޓޫބަރު

* އެހެނިހެން ހުރިހާ އުފެއްދުންތައް: ބަލައިގަންނާނީ 07 އޮކްޓޫބަރުން 13 އޮކްޓޫބަރަށް

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ގިންތީގެ އުފެއްދުންތައް ބަލައިގަންނާނީ އޮންލައިން ލިންކެއް މެދުވެރިކޮށެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައެވެ. ތަކެތި ހަވާލުކުރާއިރު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ކުރަންވާނެއެވެ. އަދި ބަންދުކުރަންޖެހޭ ތަކެތި ހުންނަންވާނީ ރައްކާތެރިކަމާއެކު ބަންދުކޮށްފައިކަމަށް ބީސީސީން ވިދާޅުވެއެވެ.

މިމައުރަޒުގެ ބޭނުމަކީ ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ވިޔަފާރިތަކަށް މާކެޓް ހޯދައިދީ އީޖާދީ ޚިޔާލުތައް ބަދަލުކުރުމުގެ މަގު ފަހިކޮށްދިނުމެވެ.

މިމައުރަޒު 9 ދުވަހަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.