ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން އެއް ރަށުން އަނެއް ރަށަށް މުދަލާއި ތަކެތި އުފުލުމަކީ، އަބަދުވެސް ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. މީގެ ތެރެއިންވެސް ދިވެހިންގެ ދިރިއުޅުމާއި، ޚާއްސަކޮށް ކަނޑުދަތުރުފަތުރާއި މަސްވެރިކަމަށް ބޭނުންވާ ތެލުގެ އަގު އަތޮޅުތަކުގައި ބޮޑުވުމަކީ، ޒަމާނުއްސުރެ ރައްޔިތުން އުފުލަމުން އައި ބޮޑު ތަކުލީފެކެވެ.
ގިނަ އަތޮޅުތަކުގައި އަމިއްލަ ފަރާތްތަކުން ތެލުގެ ޚިދުމަތް ދެމުންދާތީ، އާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހުމުގެ ޝަކުވާއަކީ އެތައް އަހަރެއްވީ ކަންބޮޑުވުމެކެވެ. ނަމަވެސް މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކާއެކު، މިކަމަށް ދަނީ ހައްލު ލިބެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެށި މަސައްކަތް މިހާރު ދަނީ، ވަރަށް ހަލުވިކަމާއެކު ކުރިއަށެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރިން ޤާއިމުކޮށް ނިންމުމަކީ، ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
މި އިންގިލާބީ ބަދަލުގެ ދަށުން، ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑު ހެދުމުގެ ބިޔަ މަޝްރޫޢު އިފްތިތާޙުކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް 8 އަތޮޅެއްގެ 9 ރަށެއްގައި ތެޔޮ ޝެޑުތައް ހަދައި، އެތަންތަނުން ކާމިޔާބުކަމާއެކު މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.
• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ރ. ދުވާފަރު
• ބ. އޭދަފުށި
• ދ. މީދޫ
• ދ. ކުޑަހުވަދޫ
• ފ. ނިލަންދޫ
• ނ. މަނަދޫ
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިއަހަރުގެ ތެރޭގައި އިތުރު ރަށްތަކެއްގެ މަސައްކަތް ނިންމައި، އައު ފިއުލް ސްޓޭޝަންތައް ހުޅުވިގެންދާނެއެވެ. މިއީ ރައްޔިތުން ވަކިން ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކާއި، މަސްވެރިންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ. މީގެއިތުރުން ސިނާޢީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ އެތައް ގުނައަކުން މަދުވެގެންދާނެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ޚިދުމަތުގެ ސަބަބުން ތެޔޮ ހޯދުމަށް ދުރު ރަށްރަށަށް ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ ވަގުތު ސަލާމަތްވެ، އެތައް ތަކުލީފަކުން ރައްޔިތުން މިންޖުވެގެންދާނެއެވެ. މިއީ، އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ރައްޔިތުންނަށް ދަތިވެ، އެތައް އަހަރެއް ވަންދެން ބުރަ އުފުލުމުގައި ވޭތުކުރި މިފަދަ އެތައް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން މިވަނީ، ލުއިފަސޭހަކަން ގެނެސްދެއްވަން ފަށްޓަވާފައެވެ. އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން މުޅި ރާއްޖެއަށް މި އިންތިޒާމު ފުޅާވެގެންދާއިރު، މިއީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ރައްޔިތުންގެ ޖީބަށް ލުއިކޮށްދީ، ހަމަހަމަކަމާއެކު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅަކަށް ވެގެންދާނެއެވެ.