ކޯވިޑް-19

ރާއްޖެއިން އިތުރު 140 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 140 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ. މިއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 76،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން ހޯމަދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 140 މީހުންނެވެ.

މީގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 59 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 74 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 7 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76،019 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މިއާއެކު މިބައްޔަށް މިވަގުތު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސް ވަނީ އުޅެނީ 3،000 އިން ދަށުގައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،470 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 14 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 95 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73،321 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް ރާއްޖޭގައި ރިކޯޑް ޢަދަދަކަށް ވަނީ ސާމްޕަލް ނަގާފައެވެ. އެގޮތުން 8،553 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 216 މީހުން ވަނީ ނިޔާވެފައެވެ.