އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ މި ހަފުތާގެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންގެ އަޑު ސިލްސިލާގެ 9 ވަނަ ޕްރޮގްރާމްގައި މީހަކު ވަނީ ޓެމޫއިން އޯޑަރުކުރުމަށް ހުރި ދަތިތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ގިނަ ރައްޔިތުންނަކީ ޓެމޫއިން ތަކެތި ގެންނަ ބައެއްކަމަށާއި މިހާރު އެ ވިޔަފާރިކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރިއެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަަށް ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސްއާ ބައްދަލުކުރެއްވި ލޯފަން މީހަކުވެސް ވަނީ އެމީހުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި މިސްކިތްތަކުގެ ސަފުތަކާއި ގިބުލަ އެމީހުންނަށް ފަސޭހައިން އެނގޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އާރްޓީއެލް ބަހުގައި ދަތުރުކުރާއިރު ބަސް މަޑުކުރާ ސަރަޙައްދު ނޭގުން ފަދަ ކަންކަން ހިއްސާކުރިއެވެ.
ރައީސްގެ ކިބައިން އޭނާ އެދުނީ ބަސް ދަތުރުކުރާއިރު އެ ބަސް ހުއްޓަނީ ކޮން ސަރަޙައްދަކަށްކަން އެނގޭނެ ނިޒާމެއް ހަމަޖައްސައިދިނުމަށެވެ. އަދި ބޮޑު ތަކުރުފާނު މަގު މިހާރު ހަދާފައި އޮތް ސަރަޙައްދު ލޯފަން މީހުން ފަދަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަން ފާހަގަކުރައްވާ ދެން ހުރި މަގުތައް ހަދާއިރުވެސް އެކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ އޭނާ ހިއްސާކުރި ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.
ރައްޔިތުންގެ އަޑު ސިލްސިލާގެ ތެރެއިން މިހާތަނަށް 9 ޕްރޮގްރާމެއް ގެނެސްދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް 101 މީހުންނާ ބައްދަލުކުރައްވާ އެމީހުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. އަދި މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާ އިދާރާތަކާ ގުޅިުގެން މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.