ލ. ފޮނަދޫގައި ޤާއިމުކުރާ ފެން ތަހުލީލުކުރާ ލެބޯރެޓަރީގެ ޑިޒައިން ކޮންސަލްޓަންސީގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ، ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަމަށެވެ. އެގޮތުން ލ. ފޮނަދޫގައި ޤާއިމުކުރާ، ސަރަހައްދީ، ފެން ތަހުލީލުކުރާ ލެބޯރެޓަރީ ޤާއިމުކުރުމުގެ މަޝްރޫއުގެ ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާއެވެ. އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާވިއަތު އަބްދުއްސައްތާރެވެ.
މި އެއްބަސްވުމުގެ ދަށުން، ފޮނަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ، ފެން ތަހުލީލުކުރާ ލެބޯރެޓަރީގެ މަސައްކަތުގެ ސާވޭކުރުމާއި ޑިޒައިނަޢީ ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ޑިޒައިން ކޮންސަލްޓަންސީގެ މަސައްކަތްތައް ކުރުމަށް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ ދެ ލައްކަ ހަތްދިހަ ހާސް ތިން ސަތޭކަ ރުފިޔާއަށެވެ. ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މި މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރެވޭ މިފަދަ ފެން ތަހުލީލުކުރާ ލެބޯރެޓަރީތަކުގެ ސަބަބުން ރަށްރަށުގައި ފޯރުކޮށްދެވޭ ފެނަކީ ރައްކާތެރި، ހަމައެހެންމެ ކޮލެޓީ ހިފެހެއްޓިފައިވާ ފެންކަން ކަށަވަރުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ވަޢުދުފުޅެކެވެ. ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެކަށީގެންވާ ފެނާއި ނަރުދަމާ ނިޒާމް މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމްކޮށް އޭގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް މިހާރުވަނީ ބީލަންކޮށް ކޮންޓަރެކްޓަރުންނާއި ހަވާލުކޮށްފައެވެ. އަދި 2023ގެ ނިޔަލަށް މުޅި ރާއްޖޭގެ އާބާދީއަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޙިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްޓަކައި ފެނާއި ނަރުދަމާ އާއި ބެހޭ ޤާނޫނު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ތަސްދީގު ކުރައްވާފައެވެ. އަދި ފެނުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ވަނީ ހަދާފައެވެ.