ރާއްޖޭގެ 14 ރަށެއްގައި ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.
މި މަސައްކަތަކީ ވާރލްޑް ބޭންކްގެ އެހީގައި ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11 – 14 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މި ރަށްތަކަށް، ބިލްޑް، ފިނޭންސް، އޯން، އޮޕެރޭޓް، އެންޑް ޓްރާންސްފަރ އުޞޫލުން ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މަޝްރޫޢަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ 9 ސެޕްޓެމްބަރ 2021 ގެ ނިޔަލަށެވެ. މި މަޝްރޫއަށް ބިލަން ހުށަހެޅަންޖެހޭ ގޮތުގެ ތަފްސީލާއެކު މަޝްރޫޢުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.
2021 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢިން ޖުމްލަ 36 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމާއި އެކު ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.
ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމެވެ.
ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު %20 އިތުރު ކުރުން ހިމެނެއެވެ. އޭގެއިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ޤައުމަކަށް ހެދުމެވެ.