ފެރީ ނިޒާމުގެ ޚިދުމަތް ދިނުމަށްޓަކައި ގަލްފް ކްރާފްޓާއި ބަނުމަށް ޙަވާލުކުރި 17 ލޯންޗުގެ މަސައްކަތް އަންނަ ޖެނުއަރީމަހުގެ ނިޔަލަށް ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް"ގެ ދަށުން އެންމެ ފުރަތަމަ ޚިދުމަތް ދޭން ފެށުމަށް ނިންމާފައިވަނީ ހއ، ހދ، އަދި ށ އަތޮޅު ހިމެނޭ ޒޯން އެކެއްގައެވެ. ފެރީގެ ޚިދުމަތް ދިނުމަށްޓަކާ 17 ސްޕީޑް ފެރީ ލޯންޗެއް ބަނުމަށް ޔޫ.އޭ.އީގެ މަޝްޙޫރު ކުންފުންޏެއްކަމަށްވާ ގަލްފް ކްރާފްޓާއި އެމް.ޓީ.ސީ.ސީން ޙަވާލުކޮށްފައިވަނީ 11 އޭޕްރީލް 2021 ގައެވެ. "އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް"އަކީ ޒަމާނީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓެވެ.
މި މަޝްރޫޢުގެ ދަށުން ޚިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗް ފެރީތަކަކީ މިހާރު ބޭނުންކުރާ ފެރީތަކަކަށްވުރެ ފެންވަރުގެ ގޮތުން ރަނގަޅު އަދި ދުވެލި އަވަސް ފެރީތަކެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.
ގަލްފް ކްރާފްޓާއި މި 17 ފެރީ ބަނުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވަނީ މި ލޯންޗުތައް ބަނުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. މި ފެރީތައް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓުން ކުރިއަށް ގެންދަނީ އެކުންފުނީގެ ރާއްޖޭގައި ހުންނަ ސައިޓުގައެވެ. އަދި މި ހުރިހާ ފެރީތަކެއްގެ މަސައްކަތް މިއަންނަ ޖެނުއަރީމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
ހައި ސްޕީޑް ފެރީ ނިޒާމުގެ ޚިދުމަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާ ޒޯން އެކެއްގައި މީހުން ދިރިއުޅޭ 41 ރަށް ހިމެނެއެވެ. އެމްޓީސީސީން ބަނުމަށް ހަވާލުކުރި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އަދި ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތައް އެމް.ޓީ.ސީ.ސީން މިހާރު ބޭނުންކުރާ ފެރީތަކުގެ ސްޕީޑަށްވުރެ ތިން ގުނަ އަވަސްވާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިއީ އޭސީ ފެރީތަކެއްކަމަށާއި، މި ފެރީތަކަކީ އާއްމުންނަށް ދަތުރުކުރަން ފަސޭހަ، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އަރާފޭބޭނެހެން ފަރުމާކޮށްފައިވާ ފެރީތަކެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.
ޒޯން އެކެއްގައި ހިމެނޭ 41 ރަށުގައި ފެރީގެ ޚިދުމަތް ފެށުމަށްޓަކާ ބޭނުންވާ ސަރވޭގެ މަސައްކަތް މިދިޔަ މާރިޗުމަހުގެ ތެރޭގައި ވަނީ ކޮށްފައެވެ.
މި ސަރވޭގެ މަސައްކަތްތަށް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާއި، އެމްޓީސީސީ ގުޅިގެންނެވެ. މިސަރވޭއަކީ ރަށްރަށުގައި ފެރީ ޓަރމިނަލާއި، ފެރީ ސްޓޮޕްތައް ހަދާނެ ސަރަޙައްދު ކަނޑައެޅުމާ އަދި އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކުރިއަށްގެންދިޔަ ސަރވޭއެކެވެ.
އެމް.ޓީ.ސީ.ސީން ވިދާޅުވީ، މައި ފެރީ ޓަރމިނަލް ހެދުމަށް ހަމަޖެހިފައިވަނީ ގިނަ ބަޔަކު ދަތުރުކުރާ ބޮޑެތި ރަށްތަކުގައިކަމަށެވެ. އެގޮތުން 5 ރަށުގައި ފެރީ ޓަރމިނަލް ހަދާނެއެވެ. އަދި އެހެން ރަށްތަކުގައި ހަދާނީ ފެރީ ސްޓޮޕްތަކެކެވެ. މިއިން ކޮންމެ ތަނަކީވެސް މީހުންނަށް ހިޔަލުގައި މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމްތަކާއެކު ހަދާ ތަންތަނެވެ. ސަރވޭގެ މަސައްކަތް ނިންމާ ބައެއް ރަށްރަށުގައި ފެރީ ޓަރމިނަލާއި ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކައުންސިލްތަކާއި ގުޅިގެން އެކުންފުނިން ދަނީ ކުރަމުންނެވެ. ހަމައެހެންމެ ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފެރީ ކޮންޑަކްޓަރުންނާއި، ސްޕީޑް ބޯޓް ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރާނެ ދިވެހި މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.
މިއަހަރުގެ ފަހު ކުއަރޓަރުގައި ޒޯން އެކެއްގައި ފެރީގެ ޚިދުމަތްދޭން ފެށުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ފެރީތައް ދަތުރުކުރާ ގަޑިތަކާއި ޝެޑިއުލް މޯބައިލް ފޯނުން ބަލާލެވޭނެކަމަށާއި، ކުރިއާލާ ސީޓް ބުކްކުރަން ބޭނުންވާ ފަރާތްތަކަށް އެ ޙިދުމަތްވެސް ދެވިގެންދާނެކަމަށް އެމް.ޓީ.ސީ.ސީން ހާމަކުރެއެވެ.