ރާއްޖޭގެ މައި ވައިގެ ބަނދަރު "ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް" ގެ ތަރައްޤީއަށް މިހާތަނަށް ހިންގުނު އެންމެ ބިޔަ އެއް މަސައްކަތަކަށް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލް ވާނެއެވެ. މިއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ މަސައްކަތެކެވެ.
ކުލަގަދަ ރަސްމިއްޔާތަކަށްފަހު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތާއި ދިމާކޮށް ވަނީ އައު ފަސިންޖަރ ޓާމިނަލް ހުޅުވާފައެވެ. އަދި މި ޓާމިނަލުން ފުރަތަމަ ޚިދުމަތްދިން އެއަރލައިންގެ ޝަރަފް ލިބިގެންދިޔައީ ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއަށެވެ. އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތްދޭ އެއަރލައިނަކަށް މޯލްޑިވިއަން ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިނަށް ދެއްވާ ޚާއްސަ އިސްކަމުގެ ތެރެއިންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސިންޖަރ ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ކޮޗިންއިން އައި މޯލްޑިވިއަންގެ ބޯޓުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް މޯލްޑިވިއަންގެ ބޯޓު ޖެއްސުމާއެކު ރާއްޖޭގައި މިހާތަނަށް މުޅިން އަލަށް ބޭނުންކުރަންފެށި އެއިރޯ ބްރިޖާއި ބޯޓު ކައިރިކޮށް ފަސިންޖަރުން ވަނީ އެއިރޯ ބްރިޖުން އައު ޓާމިނަލްއަށް ފައިބާފައެވެ.
އައު ޓާމިނަލް ބޭނުންކުރުމުގެ ޝަރަފް މޯލްޑިވިއަންއަށް ލިބުމަކީ މުޅި އެ ކުންފުންޏަށްވެސް ލިބިގެންދިޔަ ބޮޑު ޝަރަފެކެވެ. އަދި ފުރަތަމަ ފްލައިޓްގައި ރާއްޖެ އައި މޯލްޑިވިއަންގެ ކްރޫއިންވެސް ވަނީ މިއީ އެ ކުންފުންޏާއި އަދި އެމީހުންގެ އޭވިއޭޝަން ދާއިރާގައިވެސް މިހާތަނަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އައު ޓާމިނަލުން ޚިދުމަތް ހޯދި މޯލްޑިވިއަންގެ ފްލައިޓްގެ ކެޕްޓަން އަޙްމަދު ހުނައިން ވިދާޅުވީ، މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. މިހާތަނަށް ހުރިހާ ދުވަހު ބަހުގައި ފަސިންޖަރުން ބޯޓަށް އަރުވާ ފައިބާ ހެދުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ.
"މިއޮށް ހުރިހާ ދުވަހަކު އަޅުގަނޑުމެންނަށް ފުދޭވަރަކަށް ދަތިތަކާއި ކުރިމަތިލާންޖެހޭ. އެއީ ބަސް ބޭނުންކޮށްގެން މަތިންދާބޯޓަށް މީހުން އަރާފައިބާތީ. ނަމަވެސް މިހާރު މި އައު ޓާމިނަލްގެ އައު ބްރިޖާއިއެކު އަޅުގަނޑުމެންނަށް މިކަންތައްތައް ނިމުމަކަށް އައީ. މިކަމުގައި އަޅުގަނޑަށް ފުރަތަމަ ފުލައިޓް އޮޕަރޭޓްކުރަން ލިބުނު ކަމަށްޓަކައި ވަރަށް އުފާކުރަން. އަދި އަޅުގަނޑުމެންނަށް މި ފްލައިޓް އޮޕަރޭޓްކޮށް ބްރިޖާއި ކައިރިކުރުންވީ ޤައުމީ މަސައްކަތަކަށް." ކެޕްޓަން އަޙްމަދު ހުނައިން ވިދާޅުވިއެވެ.
މި ފްލައިޓްގެ ކެޕްޓަން ޙުސައިން ހައިދަރުވެސް ފާހަގަކުރައްވާގޮތުގައި އެއީ ވަރަށް އުފާވެރި ދުވަހެކެވެ. ޚާއްސަކޮށް އެއިރޯ ބްރިޖާއެކު ޕައިލެޓުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ޕައިލެޓުންނަށް ވަރަށް އުފާވެރި ދުވަހެއް. ގައިޑެންސްއާއިއެކު ބްރިޖަށް ކައިރިކުރަން ލިބުނީމަ ވަރަށް ބައިވަރު ފަސޭހައާއި ގުޅިފައިވާކަމެއް އެއީ. މިއަދަކީ ވަރަށް އުފާވެރި ދުވަހެއް." ކެޕްޓަން ޙުސައިން ހައިދަރު ވިދާޅުވިއެވެ.
ވީއައިއޭގެ އައު ފަސިންޖަރ ޓާމިނަލްއިން ޚިދުމަތް ހޯދު މޯލްޑިވިއަންގެ ފްލައިޓްގެ ކެބިންކުރޫއިންގެ ހެދުމުންވެސް މިއީ އެ ކުންފުންޏަށް ވަރަށް ތާރީޚީ އުފާވެރި ދުވަހެއްކަން ޔަޤީންވެއެވެ. ކެބިން ކުރޫއިން އަޅައިގެން ތިބީ ދިވެހި ޤައުމީ ހެދުމެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖަރ ކެބިން ކްރޫ ޢަލީ މިހާދު ވިދާޅުވީ، އޭނާގެ 16 އަހަރުގެ ކެރިއަރުގައި އެއީ ވަރަށް އުފާވެރި ދުވަހެކެވެ. ދިވެހި ހެދުމުގައި ފަސިންޖަރުންނަށް ޚިދުމަތްދޭން ފުރުސަތު ލިބުމަކީވެސް ވަރަށް އުފާވިކަމެއްކަމަށާއި ފްލައިޓުން ރާއްޖެ އައި ދިވެހިންގެ ފަރާތުންވެސް މިކަމަށް ލިބުނީ ވަރަށް ބޮޑު ތަރުހީބެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި ފްލައިޓުގެ އަންހެން ކުރޫއިން ދިވެހި ދިގު ހެދުމުގައި ތިބި އިރު، ފިރިހެން ކްރޫއިން ލައިގެން ތިބީ މުންޑާއި ހުދު ގަމީހެވެ.
"ކޮޗިންއިން މާލެ އައި ދަތުރުގައި ދިވެހިންގެ ފަރާތުން އެބޭފުޅުން ވަރަށް ހިތްހަމަޖެހިފައި ވަރަށް އުފާވެފައި ހުރީ. އަޅުގަނޑުމެންވެސް މިއަދު ދިވެހި އެޓަޔަރއެއްގައި ހުރެވުން މިއީވެސް އަޅުގަނޑު ވަރަށް ފަހުރުވެރިކަމާއިއެކު ފާހަގަކޮށްލާ ދުވަހެއް. އެކަންތަކަށްވެސް ވަރަށް ޕޮޒިޓިވްކޮށް ޕެސެންޖަރުންގެ ފަރާތުން ކޮމެންޓް ލިބިގެންދިޔަ. މި ހުޅުވިގެންދިޔަ އައު ޓާމިނަލްއާއިއެކު އަޅުގަނޑުމެންގެ ވަގުތު ސަލާމަތްކުރެވި ހަމަ އެއާއިއެކު ޕެސެންޖަރުންގެ ވަގުތުވެސް ސަލާމަތްކުރެވި އެކި ގޮތްގޮތުން ވަރަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ އައު ޓާމިނަލްގެ މޮޑާން ވަސީލަތްތަކާއިއެކު." މިހާދު ވިދާޅުވިއެވެ.
ވެލާނާ އެއަޕޯރޓުގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓަށެވެ. މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލާނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ.
ވެލާނަރ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.
މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.