ޚަބަރު

ޖަޕާނުން ދެ މިލިޔަން މީހުން ރައްކާތެރި ހިސާބުތަކަށް، ރަޝިޔާގެ ސަރަޙައްދުތަކުގައި ކުއްލިހާލަތު


ރަޝިޔާއަށް އައި ބާރުގަދަ ބިންހެލުމަކާ އެކު އެ ޤައުމުގެ އިތުރުން ޖަޕާންގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ސުނާމީއެއް އެރުމާ އެކު، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ދެ މިލިޔަނަށް ވުރެ ގިނަ މީހުންނަށް އަމުރު ކޮށްފިއެވެ. ޖަޕާނަށް ސުނާމީ އަރާފައި ވަނީ ޕެސިފިކް ކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށެވެ. އޭގެ ތެރޭގައި ހޮއްކައިދޯ ހިމެނެއެވެ. ވަކިން އޮންނަ އެ ރަށުގައި 10,500އެއްހާ މީހުންގެ އާބާދީއެއް އޮވެއެވެ.

ސުނާމީގެ ރާޅުތައް ބެލުމަށް ޢާންމުން އައްސޭރިފަށުގެ ސަރަޙައްދުތަކަށް ޖަމާވަމުންދާ ކަމުގެ ރިޕޯޓުތަކާއި، ޖަޕާންގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ އެ ކަމާ ދެކޮޅަށް އިންޒާރު ނެރެފައެވެ. އަދި، ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް އަމުރު ކޮށްފައެވެ. ޖަޕާންގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް މިހާރު ވެސް ދަނީ ސުނާމީގެ ރާޅުތައް އަރަމުންނެވެ. އޭގެ ތެރޭގައި އެ ޤައުމުގެ ދެކުނުގައި އޮތް ވަކަޔަމާ ޕްރިފެކްޗަރުގެ ރަށްތައް ވެސް ހިމެނެއެވެ.

"ތިން މީޓަރުގެ އުސް ރާޅުތައް ޖަޕާނަށް އަރާނެ"

ޖަޕާންގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ބައެއް ސަރަޙައްދުތަކަށް ތިން މީޓަރުގެ އުސް ރާޅުތައް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޖަޕާންގެ އެކި ސަރަޙައްދުތަކަށް ސުނާމީގެ ރާޅުތައް އަރަމުންދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރިއެވެ.

ބިންހެލުން އައިސްފައި ވަނީ ރަޝިޔާގެ ކަމްޗާތުކާގެ އައްސޭރިފަށަށެވެ. ބިންހެލުންތައް ދިރާސާ ކުރާ އެމެރިކާގެ ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ، ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑު 8.8ގައި ކަމުގައެވެ. މިއީ، ފާއިތުވި 14 އަހަރުގެ ތެރޭގައި އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އަދި، ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ރެކޯޑު ކުރެވިފައިވާ އެންމެ ބާރުގަދަ 10 ބިންހެލުމުގެ ތެރޭގައި ހިމެނިގެން ގޮސްފައިވާ ލޮޅުމެކެވެ.

ރަޝިޔާގެ ސަޚަލިން ސަރަޙައްދުގައި ކުއްލިހާލަތު

ބިންހެލުމާ ގުޅިގެން ރަޝިޔާގެ ބައެއް ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އަދި، އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކަށް ވަނީ ސުނާމީގެ ރާޅުތައް އަރާފައެވެ. މިކަމާ ގުޅިގެން، ރަޝިޔާގެ ސަޚަލިން ސަރަޙައްދުގެ ބައެއް ރަށްތަކުގައި ވަނީ ކުއްލިހާލަތު އިޢުލާނު ކޮށްފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ އުތުރުގައި ވަކިން އޮންނަ ރަށްތަކެއް ކަމުގައިވާ ކުރީލް އައިލެންޑްސް ހިމެނެއެވެ. ސަޚަލިންގެ މޭޔަރު ވިދާޅުވީ، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ.

ކަމްޗާތުކާއަށް އައި ބިންހެލުމާ އެކު ޕެސިފިކް ކަނޑުގެ އައްސޭރިފަށް ހިއްސާ ކުރާ ގިނަ ޤައުމުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. އޭގެ ތެރޭގައި ތައިވާން، ފިލިޕީންސް، ޗައިނާ، އެމެރިކާގެ ހަވާއީ، ކެލިފޯނިޔާ، ގުއާމް، ކެލިފޯނިޔާ، އެލެސްކާ އަދި ވޮޝިންގްޓަންގެ އިތުރުން ކެނެޑާގެ ބްރިޓިޝް ކޮލަމްބިޔާ ސަރަޙައްދު ހިމެނެއެވެ. އެމެރިކާގެ ރަށްތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ގިނަ ރައްޔިތުން ދަނީ ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އިންޑޮނީޝިޔާއިން ވެސް ވަނީ ސުނާމީގެ އިންޒާރު ނެރެ، އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ހަވަނައަށް އެންމެ ބާރުގަދަ ލޮޅުން

ރަޝިޔާގައި ބިންހެލުމާ ގުޅިގެން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެއީ، އެ ޤައުމުގެ އެންމެ އިރުމަތީ ސަރަޙައްދުގައެވެ. ސުނާމީގެ ރާޅުތައް އަރައި، ރަޝިޔާގެ ސެވެރޮ-ކުރިލްސްކް ސަރަޙައްދުގައި ފެން ބޮޑުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ބިންހެލުންތައް ދިރާސާ ކުރާ ޔޫއެސް ޖިއޮލޮޖިކަލް ސަރވޭން ބުނީ، ޖަޕާންގެ ކަމްޗާތުކާއަށް އައިސްފައިވާ ބިންހެލުމަކީ، ތާރީޚުގައި ވެސް މިހާތަނަށް ރެކޯޑު ކުރެވިފައިވާ ހަވަނައަށް އެންމެ ބާރުގަދަ ލޮޅުން ކަމުގައެވެ.