ޚަބަރު

ޒޯން 4ގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ


  • ޒޯން 4 ގައި ހިމެނޭ އަތޮޅުތަކަކީ، މ، ފ، ދ، ތ، ލ

  • އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގެ 4 ޒޯނެއްގައި ވަނީ ފަށާފައި

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ފެރީގެ ޚިދުމަތް ޒޯން 4 ގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ޒޯން 4 ގައި ހިމެނޭ އަތޮޅުތަކަކީ، "މ، ފ، ދ، ތ، އަދި ލ އަތޮޅެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ޢަބްދުﷲ ފާރިޝް ހުސައިން ވިދާޅުވީ، އާރްޓީއެލްގެ ގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޓީސީސީން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިުއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އެ ޚިދުމަތް ފެށުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި އެ ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ފާރިޝް ވިދާޅުވިއެވެ.


"މިހާރު ރާއްޖޭގެ 4 ޒޯނެއްގަ ޚިދުމަތް ފެށިފަ މިވަނީ. ޒޯން 1 އަދި 2 އެންމެ ފަހުން މި ނިމިގެން މިދިޔައީ. ދެން އަޅުގަނޑުމެންގެ މިސްރާބު މިއޮތީ ބާކީ އިން 2 ޒޯނުގެ ތެރެއިން ޒޯން 4އަކާ ދިމާލަށް" ފާރިޝް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގެ 4 ޒޯނެއްގައި މިހާރު ފަށާފައިވާކަމަށެވެ. އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ ބ. އަތޮޅުގައެވެ.

"މި ނިޒާމުގެ ތެރެއިން މިހާރު މިއޮތީ 4 ޒޯނެއް މިއޮތީ ނިމިފައި. އެއީ ޒޯން 1، ހއ، ހދ، ށ ގެ 41 ރަށް މިހާރު އެއޮތީ ނިމިފަ. ދެން ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ޒޯން 2 މި ކޮމްޕްލީޓް ވީ. ދެން ޒޯން 5ގަވެސް އަޅުގަނޑުމެން ވާނީ މި ޚިދުމަތް މިހާރު ފަށާފައި. ޒޯން 5 އެއީ ގއ،ގދ ގެ 18 ރަށެއް. ޒޯން 6 ގަވެސް ފަށާފައި. އެއީ އައްޑޫ ފުވައްމުލައް." ޔާސިރު ވިދާޅުވިއެވެ.

މީގެއިތުރުން، ޔާސިރު ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، އެ ވުޒާރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން، އެކި ރަށްރަށުގައި ފެރީ ޓާމިނަލްތައް އެޅުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 27 ޓާމިނަލެއް އަޅާފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ޚިދުމަތަށް ބޭނުންވާ އިތުރު ފެރީތައް ބަނުމުގެ މަސައްކަތްތަކާއި، ފެރީ ސްޓޮޕްތަކާއި، ހަބް ޓާމިނަލްގެ އިތުރުން ފެރީ ޓާމިނަލްތައް އެޅުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ކުރައްވަމުންދާކަމަށެވެ.

އެގޮތުން ރ. އުނގޫފާރުގައި ހަބް ޓާމިނަލެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށާއ، މިހާރު އެމަސައްކަތުގެ މޯބަލައިޒޭޝަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުދެކެވެ.

ރާއްޖޭގެ 11 އަތޮޅެއްގެ 110 ރަށެއްގައި މިހާރު ވަނީ އާރުޓީއެލްގެ ޚިދުމަތް ފަށަފާއެވެ.