ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖުން ޕާކިންގ ސްލޮޓް ކުއްޔަށް ދޫކުރަން ފަށަނީ


މާލޭ ދެކުނު ފަރާތުގައި ތަރައްޤީކޮށްފައިވާ އިންޑަސްޓްރިއަލް ވިލެޖުގައި ފުލުހުންގެ ޕޯސްޓެއް ޤާއިމުކޮށް، ވަގުތީގޮތުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުގެ ކަންކަން މިހާރަށްވުރެ ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ އެތަނުގެ ޕްލޭންތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑަަސްޓްރިއަލް ވިލެޖުގައި ހުރި ވެލި ފުނިތަކާއި، ހުރިހާ ކުނިބުނިތަކެއް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ މަސައްކަތް އެންމެ ލަސްވެގެން 2 ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް ކުރަމުންދަނީ ވެމްކޯއާއި ޕަބްލިކް ވޯކްސް ގުޅިގެންނެވެ.

މޭޔަރ ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމަށްފަހު އެތަނަށް އިތުރަށް ކުނިއެޅުމުގެ ފުރުޞަތު ނުދޭނެކަމަށެވެ. އަދި އެ ސަރަޙައްދުގެ ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އެތަނުގައި ފުލުހުންގެ ޕޯސްޓެއް ބެހެއްޓުމަށް ނިންމާ، ފުލުހުންނާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެތަނަށް ވަންނަ އެކްސެސް ކޮންޓްރޯލްކުރާނަން. ވަދެވޭނެވަކި މަގަކާއި، ނުކުތުމަށް ވަކި މަގެއް ކަނޑައަޅާނަން. އެތަނުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ ޕޮލިހާ ވާހަކަދައްކައިގެން ޕޮލިސް ޕޯސްޓެއް ބަހައްޓައިގެން ޕޮލިހުންގެ ސަރވަލައިލަންސްގެ ދަށުން އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރަން. އިރާދަކުރެއްވިއްޔާ ދެން އެތަން ސާފުކުރުމަށްފަހު އެތަނަށް އިތުރަށް ކުނި އެޅުމުގެ ފުރުޞަތެއް ނުދޭނަން" މޭޔަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ މާލެ ތެރޭގައި ހުރި އެކިކަހަލަ ސިނާޢީ މަސައްކަތް ކުރާ ގަރަޖުތަކާއި، ވޯކްޝޮޕްފަދަ ތަންތަން އާއްމުން ދިރިއުޅޭ ތަންތަނަށް ވަކިން ބެހެއްޓުމަށްޓަކާ މާލޭ ދެކުނު ފަރާތު ފަޅުން ހިއްކައިގެން ހެދި ސަރަހައްދެކެވެ. ނަމަވެސް މިހާތަނަށްވެސް އެ ސަރަޙައްދަށް ސިނާޢީ މަސައްކަތް ކުރާ ތަންތަން ބަދަލުކުރެވިފައެއް ނުވެއެވެ.

މޭޔަަރ ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުގެ ހަޤީޤީ ޕްލޭނާއެއްގޮތަށް އެތަނަށް ސިނާޢީ ތަންތަން ބަދަލުކުރުމަށްޓަކާ މާލޭގައި ހިންގާ އެފަދަ ތަންތަނާއި ބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި މިހާރުވެސް ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކޮށްފައިވާކަން ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ، އެތަނުގެ ހަޤީޤީ ޕްލޭނާ އެއްގޮތަށް ސިނާޢީ މަސައްކަތްކުރާ ތަންތަން އެ ސަރަހައްދަށް ބަދަލުކުރެވެންދެން އެތަނުން ސިޓީ ކައުންސިލަށް އާމްދަނީ ލިބޭނެފަދަ ގޮތަކަށް ކަންކަން ކުރުމުގެ ވިސްނުން ސިޓީ ކައުންސިލުން ގެންގުޅޭކަމަށެވެ. އެގޮތުން ކާރާއި ޕިކަޕާއި ހެވީ ވެހިކަލްތަކަށް ޕާކުކުރުމަށް ވަކި ސްލޮޓްތަކެއް ކަނޑައަޅާ، ވަކި ޢުޞޫލެއްގެ މަތިން އެތަންތަން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށް މޭޔަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"މިހާރު މުޅިތަން އެއޮތީ ބޭނުންގޮތަކަށް އެތަނުގައި ޕާކުކުރެވޭގޮތަށް. އެހެންނަމަވެސް އަޅުގަނޑުމެން އެތަނުގެ ޕްލޭން ހަދައި، ޕާކު ކުރެވޭނެ ސްލޮޓްތައް ހަދާ، ހެވީ ވެހިކަލްތަކަށް ވަކި ސަރަޙައްދެއް، ކާރަށް ވަކި ސަރަޙައްދެއް، ޓެކްސީތަކަށް ވަކި ސަރަޙައްދެއް، ޕިކަޕް ލޮރީ ވަކި ސަރަޙައްދެއް، ކުއްޔަށް ކުޑަ ދުވަސްކޮޅަކަށް ދޭގޮތަށް މި ނިންމަނީ ވަގުތީގޮތުން. އެއީ އެތަނަކީ މާލޭތެރޭގައި ހުރި ގުދަންތަކާ އެއްޗެހި ބަދަލުވާންޖެހޭ ތަންވީމަ އެ މަޝްރޫޢު ފެށެންދެކަށް. އެހެންވީމަ މިހާރު އެތަން ބޭނުންކުރާގޮތް ބަދަލުވެ، އެތަނުން އާމްދަނީ ލިބޭގޮތަށް އަދި އެތަނުގައި ރައްކާތެރިކޮށް ޕާކުކުރެވޭނެގޮތް އަޅުގަނޑުމެން މި ކަނޑައަޅަނީ" މޭޔަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މާލެތެރޭގައި ހުރި ސިނާޢީ މަސައްކަތް ކުރާ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް އެފަދަ ތަންތަނާއި ގުޅޭ މައުލޫމާތު އެއްކުރުމަށް ޙާއްސަ ޕޯޓަލްއެއް މާލޭ ސިޓީ ކައުންސިލުން ވަނީ ޤާއިމުކޮށްފައެވެ. އަދި މި މަސައްކަތުގައި ވީހާވެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކޮށް މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާތީ، މާލޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާ އަޅާތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަނުގެ މަޢުލޫމާތު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިޕޯޓަލް މެދުވެރިކޮށް ކައުންސިލަށް ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ ޕްލޭނެއްނެތި ދޫކޮށްލާފައިވާ ތަނެއްގެ ބަދަލުގައި އެތަނަކީ މުހިންމު، މަސައްކަތްތަކަށް ބޭނުންކުރެވޭ ތަނަކަށް ހަދާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި އެތަން ތަރައްޤީވެގެން އަންނައިރު، އަލަށް ފަށާ ވިޔަފާރިތަކަށްވެސް އެތަނުން ޖާގަ ހަމަޖައްސާނެކަން ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.