ކޯވިޑް-19

"ޓްރޭސްއެކީ"ގެ ބޭނުން ގިނަ ބަޔަކު ނުހިފާ، އެޕް އިތުރަށް ޑިވެލޮޕްކުރަނީ


"ޓްރޭސްއެކީ" އެޕްލިކޭޝަންގެ ބޭނުން ގިނަ ބަޔަކު ނުހިފާކަމަށާއި، އެ އެޕްލިކޭޝަން އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

"ޓްރޭސްއެކީ" އެޕްލިކޭޝަނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ނުވަތަ އެމީހަކާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ފަސޭހަކުރުމުގެގޮތުން ތަޢާރަފުކުރި ޚާއްސަ މޯބައިލް އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ތަޢާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. މި އެޕަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް، ޚާއްސަކޮށް ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް ފަރުމާކޮށްފައިވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭގޮތަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑުތަން އިތުރުވެފައިވާއިރު، އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަތުމަށްކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އެޗް.އީ.އޯ.ސީން ފާހަގަކުރައްވާފައިވެއެވެ. އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަވަސްކުރުމުގެގޮތުން ވިހާވެސް ގިނަ ބަޔަކު މި އެޕް ބޭނުންކުރުމަށް ބާރުއެޅިނަމަވެސް، ގިނަ މީހުން އެ އެޕް ބޭނުންކުރަމުންނުދާކަމަށެވެ. އަދި މިހެންވުމުގެ ސަބަބުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް މިވަގުތު އެޕްގެ ބޭނުން އެންމެ އެދެވޭގޮތުގައި ނުހިފޭކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ "ޓްރޭސްއެކީ" އެޕް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަމާބެހޭ ކޮންސެޕްޓް ތައްޔާރުކުރެވި، ރާއްޖޭން ބޭރުގެ ކަމާގުޅުންހުރި ކުންފުނިތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"ވަރަށް މުހިއްމުކަމެއް އެ އެޕްލިކޭޝަން ބޭނުންކުރުމަކީ ބޭރަށް ވަޑައިގަންނަވާ ގަޑިތަކުގައި. އަދި ބޭރަށް ވަޑައިގަންނަވާ މިންވަރުވެސް މަދުކުރަން އެބަޖެހޭ. ޓްރޭސްއެކީ އެޕްލިކޭޝަން އިތުރަށް ޑިވެލޮޕްކުރުމަށް މަސައްކަތްތަކެއްވެސް ކުރަމުން އެބަދޭ. އަދި އޭގެ ސަބަބުން ކޮންޓެކްޓް ޓްރޭސިންނަށް ފަސޭހަވާނެ ގޮތްތަކެއްވެސް ހެދުމުގެ މަސައްކަތްވެސް ކުރެވެމުންއެބަދޭ. މިހާރު އެކަމުގެ ކޮންސެޕްޓް ތައްޔާރުކުރެވި، މި މަސައްކަތް ބޭރުޤައުމުތަކުގައިވެސް ކޮށްފައިތިބި ކުންފުނިތަކާ ވާހަކަދެކެވި، އެކަމުގައި ރާއްޖެއަށް އެހީ ލިބޭނެ ގޮތެއް ހޯދުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން" މަބްރޫކް ވިދާޅުވިއެވެ.

"ޓްރޭސްއެކީ" އެޕްލިކޭޝަނަކީ ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކާރީގައިވާނަމަ ދެނެގަނެވޭނެ ފަދަ އެޕެކެވެ. އެގޮތުން، ފޯނުގެ ބްލޫޓޫތު މެދުވެރިކޮށް މިނެޓަކު ދެތިންފަހަރު "ބީކަން" އެއް ފޮނުވާލައެވެ. މި ބީކަންގައި އެކުލެވިގެންވަނީ އެޕް ބޭނުންކުރާ ފަރާތައް ދޫކުރެވޭ އައިޑީ އެކެވެ. މި އައިޑީ އަކީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންކަމުން ކޮންމެ ކޮންމެ މީހަކަށް އެ ބީކަންއަކީ ކާކުގެ ބީކަން އެއް ކަމެއް ނޭނގޭނެއެވެ. ބީކަންއެއް ފެނިއްޖެނަމަ، "ޓްރޭސްއެކީ" އެޕް އޭގެ ރެކޯޑެއް ރައްކާކުރެއެވެ.

މިގޮތަށް ރައްކާކުރެވޭ މަޢުލޫމާތު އޮޓޯއިން އެޗް.ޕީ.އޭއަށް ނުފޮނުވާނެއެވެ. އަދި ރެކޯޑާއި އެކީ އިތުރު އެއްވެސް ޒާތީ މަޢުލޫމާތެއް، މިސާލަކަށް ލޮކޭޝަން ފަދަ މަޢުލޫމާތު އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރެއެވެ. އެޕްގައި ޒާތީ މަޢުލޫމާތު ގެންގުޅޭގޮތުގެ ޕޮލިސީ، ވެބްސައިޓްގައި ޝާއިޢު ކޮށްފައިވެއެވެ. މި އެޕް އިންސްޓޯލްކޮށްފައިވާ ފަރާތަކުން ބައްޔަށް ޝައްކުކުރެވޭނަމަ، އެޗް.ޕީ.އޭ އިން އެމީހަކަށް ގުޅައި، މި ޑޭޓާ އަޕްލޯޑް ކުރަން އެދޭނެއެވެ. އަދި މި ޑޭޓާ އަޕްލޯޑު ކުރާނީ އެފަރާތުގެ ރުހުން ހޯދައިގެން، އެމީހެއްގެ އިޚްތިޔާރުގައެވެ. ޑޭޓާ ޑިކްރިޕްޓް ކުރުމަށްފަހު، އެމީހަކާއި ބައްދަލުވީ ކޮންބައެއްކަން ދެނެގަނެވޭނެއެވެ. އަދި މީގެތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގިގެންދާނެއެވެ.

މިފަދަ އެޕްތައް ދުނިއޭގެ އެހެން ޤައުމުތަކުގައިވެސް އަންނަނީ ބޭނުންކުރަމުންނެވެ. މި އެޕްގެ ކާމިޔާބީ ބިނާވެފައިވަނީ ވީހާވެސް ގިނަ މީހުން މި އެޕް އިންސްޓޯލްކޮށް ބޭނުންކުރުމާއެވެ. ޚާއްސަކޮށް، އެކި ކަންކަމުގައި މިދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާއި ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕް ބޭނުންކުރުން މުހިންމުކަން އެޗް.ޕީ.އޭއިންވެސް ވަނީ ފާހަގަކުރައްވާފައެވެ.