ޚަބަރު

ފަހަތުން އަރާ އާސެނަލްއިން ލީޑްސް ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފިއެވެ.

މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އެއް މެޗު މަދުން ކުޅެގެންވަނީ 15 ޕޮއިންޓް ލިބިފައެވެ. ލީޑްސް ޔުނައިޓެޑަށް ލިބިފައިވާ 9 ޕޮއިންޓާއެކު އޮތީ ތާވަލުގެ 6 ވަނައިގައެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި 60 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައިވާ ލީޑްސް ޔުނައިޓެޑްއިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ގުޑްމުންޑްސަންގެ އެސިސްޓަކުން ޖޭމްސް ޖަސްޓިންއެވެ.

ލީޑްސް އިން ލަނޑު ޖެހިތާ 7 މިނިޓު ފަހުން އާސެނަލްގެ ބެން ވައިޓް ދިން ޕާހަކުން ރިކާޑޯ ކަލަފިއޯރީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

އާސެނަލްއިން މެޗުގެ ނަތީޖާ އެއްވަރުކުރިތާ މިނިޓެއް ފަހުން އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާވަނީ އެ ޓީމަށް ތިން ބަދަލު ގެނެސްފައެވެ. އެގޮތުން ބެން ވައިޓާއި ކައި ހަވާޓްޒްގެ އިތުރުން މައިލްސް ލެވިސް-ސްކެލީގެ ބަދަލުގައި ޖުރިއެން ޓިމްބަރ އާޢި ވިކްޓާ ޔޯކެރެސްގެ އިތުރުން ބްރޫނޯ ގުއިމަރޭސް ވަނީ ކުޅެން އަރުވާފައެވެ.

މި މެޗުން އާސެނަލް މޮޅުވި ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑެކްލަން ރައިސްގެ އެސިސްޓަކުން ބްރޫނޯ ގުއިމަރޭސްއެވެ.