ކޯވިޑް-19

ކޯވިޑް-19 : ތޫފާނުގެ ރޯޅިގަދަވެ، ރާޅުތައް ބޮޑެތިވާން ފަށައިފި- މަބްރޫކް


ކޯވިޑް-19ގެ ކޭސްތައް ރާއްޖޭން ފެނުނުތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރާއްޖޭގެ ޙާލަތު އަނެއްކާވެސް މިވަނީ ގޯހުން ގޯހަށްދާން ފަށާފައެވެ. މާލޭއާއި އަތޮޅުުތަކުގައިވެސް ހަލުވިކަމާއެކު މި ބަލި ދަނީ ފެތުރެމުންނެވެ.

ބަލީގެ 4 ވަނަ ރާޅަކާއި ރާއްޖެ މިހާރު މިވަނީ ކުރިމަތިލާފައެވެ. ވަކިން ޚާއްސަކޮށް މެއިމަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ މިވަނީ ކޯވިޑް-19ގައި މިއިން ދުވަހަކު ރާއްޖެ ނުދެކޭހާ ނުރައްކާތެރި ޙާލަތަކަށް ވެއްޓިފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ.

އެގޮތުން މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެކަނިވެސް 3897 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 9 މީހަކުވަނީ މެއިމަހުގެ ފުރަތަމަ ހަފްތާގައި ނިޔާވެފައެވެ. 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނުކަމަށް ރާއްޖޭގައި މިހާތަނަށް ރިކޯޑްކުރެވިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް ރާއްޖެއިން ކޯވިޑުގެ 766 ކޭސް ފެނިގެން ރިޕޯޓްކޮށްފައިވާއިރު، މާލެއިން އެކަނިވެސް އެދުވަހު ވަނީ 571 މީހަކަށް ބަލިޖެހިފައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިދިޔަ ހަފްތާއެއްހާ ދުވަހަކީ ކޯވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލީ ހިސާބުން، މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި އެންމެ ހިތްދަތި ހަފްތާކަމަށެވެ. އެގޮތުން ރިކޯޑް މިންވަރަކަށް ކޯވިޑްގެ ކޭސްތައް އިތުރުވެ، ބަލީގައި ނިޔާވި މީހުންގެ ޢަދަދުވެސް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއެކު ރާއްޖެ ނުރައްކާތެރި ޙާލަތަކަށް ވެއްޓިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަމުން މިދާ ދަތުރުގައި ތޫފާނުގެ ރޯޅި ގަދަވެއްޖެ، އޮއިބާރުވެއްޖެ، ރާޅުތައް ބޮޑެތިވާން ފަށައިފި. މިއީ އަޅުގަނޑުމެން މިހާތަނަށް ދުށް އެންމެ ހިތާމަވެރި، އެންމެ އުނދަގޫ، އެންމެ ދަތި ދުވަސްތައް. އަޅުގަނޑު ބުނަން ބޭނުން، ފަހަތަށް ޖެހުމަކީ އަޅުގަނޑުމެންނަށް އޮތް ފުރުޞަތެއްނޫން. އަޅުގަނޑުމެން ފޯކަސްކުރަން މިވަގުތު އެބަޖެހޭ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ވިސްނުންތަކާއި، އެކި ކަންކަމުގައި ރުޅިއައުމާއި، ކަންބޮޑުވުންތައް ހުރިކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް މިއީ އެކަންކަން އެއްފަރާތްކޮށް އަޅުގަނޑުމެން އެންމެން ގުޅިގެން ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވިޔަނުދީ، މި ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތުކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަޅުގަނޑުމެންގެ މައިންބަފައިންނަށްޓަކާ، އަޅުގަނޑުމެންގެ ދަރިންނަށްޓަކާ. ދިވެހިވަންތަ ދިރިއުޅުމަށްޓަކާ، އަދި އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކާ. މިއަދު އެނޫންގޮތަކަށް އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެ ހަމަ އެއްގޮތެއްވެސް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން އެންމެން ގުޅިގެން އަނެއްކާވެސް މަސައްކަތްކުރަން މިއަށްވުރެ މުހިއްމު ވަގުތެއް އަދި މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އައިސްފައެއްނުވޭ" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 ޙާލަތު އަނެއްކާވެސް ގޯސްވެފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ މާލެއާއި އަތޮޅުތަކުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވަނީ ކާފިއު އިޢުލާންކޮށްފައެވެ. އަދި އޮފީސްތަކާއި، ސްކޫލްތަކާއި، ޖިމްތަކާއި ސެލޫންތައް ބަންދުކޮށްފައިވާއިރު، ކުޅިވަރު މުބާރާތްތައްވެސް ބޭއްވުން ވަނީ ހުއްޓުވާފައެވެ. މި ފިޔަވަޅުތަކާއެކު ނުކުންނަށް ނަތީޖާތަކަށް ބެލުމަށްފަހު، ޙާލަތު ރަނގަޅުނުވާނަމަ، ފުރަބަންދަކަށް ދާންޖެހިދާނެކަމުގެ އިންޒާރުވެސް ޞިއްޙީ މާހިރުން ވަނީ ދެއްވާފައެވެ.