ޚަބަރު

ޣައްޒާގެ އެއްބަސްވުން އޮތީ ކަރުދާހުގައި، ޤަތުލުޢާންމަށް އެއްވެސް ބަދަލެއް ނާދޭ


ފަލަސްޠީނުގެ ޣައްޒާގެ ނަސްލުހޭދު ހުއްޓާލުމުގެ އެއްބަސްވުމަށް އެއް އަހަރު ފުރިފައިވާއިރު، އެއީ ހަމައެކަނި ކަރުދާހުގައި އޮތް ނަމެއް ކަމުގައި، 100 އަށްވުރެ ގިނަ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާތަކުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ. 2025 އޮކްޓޫބަރު 10 ގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ އެހީތެރިކަމާއެކު އެކުލަވާލި އެއްބަސްވުމަށްފަހު ވެސް، ޔަހޫދީ ފައުޖުތަކުން ދަނީ ކޮންމެ ދުވަހަކު ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް ޝަހީދުކުރަމުންނެވެ. އެމްނެސްޓީ، ނޯވީޖިއަން ރެފިއުޖީ ކައުންސިލް، އަދި ސޭވް ދި ޗިލްޑްރަން ފަދަ ޖަމުޢިއްޔާތަކުން ބުނީ، އެއްބަސްވުމަށްފަހު ފާއިތުވި އަހަރު ޔަހޫދީން ދިން ހަމަލާތަކުގައި 1،471 މީހުން ޝަހީދުކޮށްލާފައިވާ ކަމުގައެވެ. މީގެ ތެރޭގައި 327 ކުޑަކުދިން ހިމެނެއެވެ.

ނޯވީޖިއަން ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔާން އެގެލަންޑް ވިދާޅުވީ، "ހަނގުރާމަ ހުއްޓާލިތާ ފުރިހަމަ އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ލުޔެއް ލިބިފައިނުވުމަކީ ލަދުވެތިކަމެއް" ކަމުގައެވެ. ޣައްޒާގެ އިމާރާތްތަކުގެ %80 ހަލާކުވެފައިވާއިރު، 2 މިލިޔަން މީހުންނަށް ބޯހިޔާވަހިކަން ބޭނުންވެއެވެ. އަދި، 1.4 މިލިޔަން މީހުން ތިބީ ބަނޑުހައިހޫނުކަމުގެ ކާރިސާއެއްގައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) ލަފާކުރާ ގޮތުގައި، ޒަޚަމްވި މީހުންގެ ތެރެއިން %24 މީހުންނަށް ވަނީ އުމުރުދުވަހުގެ ބޮޑެތި ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހިފައެވެ.

ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި ހުރި 36 ހަސްފަތާލުގެ ތެރެއިން އެއްވެސް ތަނެއް ފުރިހަމައަށް މަސައްކަތެއް ނުކުރާ ކަމުގައެވެ. ބޭސްފަރުވާއަށް ޤައުމުން ބޭރަށް ގެންދަންޖެހިފައިވާ 18،500 މީހުންގެ ތެރެއިން 1،000 މީހުން ވަނީ ފަރުވާ ނުލިބި ޝަހީދުވެފައެވެ. މި ޙާލަތުގައި ވެސް ޔަހޫދީ ސިފައިން ދަނީ ޣައްޒާގެ މެދުތެރޭގެ ރެފިއުޖީ ކޭމްޕްތަކަށާއި ޚާން ޔޫނިސް ފަދަ ސަރަޙައްދުތަކަށް ބަރު ހަތިޔާރުން ހަމަލާދެމުންނެވެ. މީގެ އިތުރުން 'ޔެލޯ ލައިން' ކުއްލި ގޮތަކަށް ބަދަލުކޮށް، ފަލަސްޠީނުގެ ރައްޔިތުން ވަނީ އިތުރަށް ތާށިކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް 74،254 މީހުން ޝަހީދުކޮށް، 175،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 21،000 ކުޑަކުދިން ހިމެނޭއިރު، މިއީ ހަނގުރާމައިގެ ކުރިން އޮތް އާބާދީގެ %3 އެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވީ، ޔަހޫދީން ޖަވާބުދާރީ ނުކުރެވުމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ބޮޑެތި ޖަރީމާތައް މެދުކެނޑުމެއްނެތި އިތުރުވަމުންދާ ކަމުގައެވެ.