ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ތެލުގެ އަގުތައް ކޮންޓްރޯލްކުރުމުގެ މަޤްޞަދުގައި އެމެރިކާއަށާއި ބައިނަލްއަޤްވާމީ ބާޒާރަށް ޑީސަލް ފޯރުކޮށްދިނުމަށް ރަޝިއާއިން އެއްބަސްވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ.
މި އެއްބަސްވުމާ ގުޅިގެން، ޔޫކްރެއިން ހަނގުރާމައާ ގުޅުވައިގެން ރަޝިއާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޓްރަމްޕްގެ ސަރުކާރުން މިހާރު ވަނީ ވަގުތީގޮތުން އުވާލައިފައެވެ.
ހުކުރު ދުވަހު މީސް މީޑިއާ މެދުވެރިކުރައްވައި ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، ރަޝިއާގެ ރައީސް ވްލަޑިމީރް ޕޫޓިންއާއެކު ފޯނުން ކުރެއްވި ކާމިޔާބު މަޝްވަރާތަކަށްފަހު، އެމެރިކާއަށާއި ބައިނަލްއަޤްވާމީ ބާޒާރަށް 300،000 މެޓްރިކް ޓަނަށްވުރެ ގިނަ ޑީސަލް (ގާތްގަނޑަކަށް 2.25 މިލިއަން ފީފާ) ވަގުތުން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެވިފައެވެ. މީގެއިތުރުން، އަންނަ ނޮވެމްބަރު މަހު 500،000 ޓަނު، އަދި އޭގެ ފަހުން 1 މިލިއަން ޓަނުގެ ޑީސަލް ފޯރުކޮށްދިނުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ. މި ނިންމުމާ ގުޅިގެން އެމެރިކާގެ މާލީ ވުޒާރާއިން ވަނީ، އަންނަ އަހަރުގެ އޭޕްރީލް 7 ގެ ނިޔަލަށް ރަޝިއާގެ ޑީސަލް އެތެރެކުރުމުގެ ޙުއްދަ ދޭ ޚާއްސަ ލައިސަންސެއް މިހާރު ދޫކޮށްފައެވެ.
މި ފިޔަވަޅަކީ ކުރިއަށް އޮތް ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ކޮންގްރެސް އިންތިޚާބާ ދިމާކޮށް، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވެފައިވާ ސިޔާސީ ފިއްތުންތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާއި، އަދި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު ވަނީ 70 އިންސައްތަ އުފުލިފައެވެ. މިގޮތުން އެމެރިކާގައި ތެޔޮ ފީފާއެއްގެ އަގު 6.28 ޑޮލަރަށް އުފުލިފައިވާއިރު، ޓްރަމްޕް ވިދާޅުވީ ޢާންމު ރައްޔިތުންނާއި، ދަނޑުވެރިން އަދި ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ތެލުގެ އަގު ހެޔޮކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ.
ނަމަވެސް، މި އެއްބަސްވުމާ ގުޅިގެން އެކި ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް، ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކަށް ޔޫކްރެއިންގެ ވަފުދެއް އެމެރިކާގައި ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމުން، އެކަމަށް ފާޑުވިދާޅުވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، މިއީ ބާރުގަދަ އެކުވެރިންގެ ފަރާތުން ފެނިގެންދިޔަ ނިކަމެތި ނިންމުމެއް ކަމަށާއި، މިކަމުގެ ސަބަބުން ހަނގުރާމަ ކުރިއަށް ގެންދިއުމަށްޓަކައި ޕޫޓިންއަށް އެތައް ބިލިއަން ޑޮލަރެއްގެ މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން، ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޑޮން ބޭކަން ވެސް ވަނީ، މިއީ ޚުދުމުޚުތާރު ވެރިއަކަށް ލިބުނު ބޮޑު އިނާމެއްގެ ގޮތުގައި ސިފަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ހަކަތައިގެ ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މި އެއްބަސްވުމާއެކު ޑީސަލްގެ އަގު ބާޒާރުގައި ވަގުތީގޮތުން 5 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، މިއީ މި މައްސަލައަށް ލިބޭނެ ދާއިމީ ޙައްލެއް ނޫނެވެ.
މި މައްސަލައަށް ދުރުރާސްތާގެ ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، ފިނި ހަނގުރާމައިގެ ދުވަސްވަރު އެކުލަވާލާފައިވާ "ޑިފެންސް ޕްރޮޑަކްޝަން އެކްޓް"ގެ ބާރުތައް ބޭނުންކޮށްގެން، އެމެރިކާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެމެރިކާގެ ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި ޤާނޫނުގެ ދަށުން، ތިމާވެއްޓާއި ސްޓޭޓްތަކުގެ ބައެއް ޤާނޫނީ ހުރަސްތައް ގިރާކޮށް، ހަކަތަ އުފެއްދުން އިތުރުކުރުމަށްޓަކައި މާލީ އިނާޔަތްކާއި ޚާއްސަ ލުއިތައް ދިނުމުގެ ފުރިހަމަ ބާރު އެމެރިކާގެ ރައީސަށް ލިބިވަޑައިގަންނަވައެވެ.