ތަރައްްޤީ

ފެން ހިންދާ ނިޒާމާއެކު ހޮޅުދޫގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ: އެންވަޔަރަންމަންޓް މިނިސްޓަރ


ނ.ހޮޅުދޫ ފެން ހިންދާ ނިޒާމުގެ ޚިދުމަތާއެކު، ރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ މިހެން ވިދާޅުވީ، ހޮޅުދޫ ފެން ހިންދާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ހޮޅުދޫ ކައުންސިލާއި މިއަދު މިހަވާލުކުރާ ފެން ހިންދާ ނިޒާމަކީ އެރަށަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކާ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢެއްކަމަށެވެ. ހޮޅުދޫއަކީ ޒަމާނުންސުރެ ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ރަށެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެކަމުގެ ސަބަބުން ފެންބޮޑުވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ސްކޫލް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭކަމަށެވެ. އަދި މިކަމުގެ ސަބަބުން އާއްމުންގެ މުދަލަށާއި، ގޯތި ގެދޮރަށް ތަފާތު އެކި ގެއްލުންތައް ލިބި، ރަށުގެ މަގުތައް ޗަކަވެ، މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ އުނދަގޫތައް ކުރިމަތިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ހޮޅުދޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމަކީ ރާއްޖޭގެ ރަށްރަށަށް ދިމާވާ މައްސަލަތައް ދިރާސާކުރެވި، ދިވެހި ވެއްޓާގުޅޭނެހެން ފަރުމާކޮށްފައިވާ ދިވެހި ޑިޒައިނެއްކަމަށެވެ. އަދި މިނިޒާމު ބޭނުންކުރަން ފެށުމާއެކު ފެންބޮޑުވުމުގެ މައްސަލައަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ ބޯކޮށްވާރޭވެހުމުގެ ސަބަބުން އަދި އުދައެރުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ، ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުން. އަޅުގަނޑަށް އެނގިފައިވާގޮތުން ބޯކޮށް 10 ވަރަކަށް މިނެޓަށް ވާރޭވެހުނަސް، މިރަށުގެ މަގުތަކުގައި ވަރަށް ފަސޭހައިން ފެންބޮޑުވޭ. އެހެންކަމުން މިއަދު އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން މި ފެން ހިންދާ ނިޒާމުގެ ސަބަބުން އެ މައްސަލަ ކުރިމަތިނުވާނެކަން. މިއީ ވަރަށް ރަނގަޅަށް ފަރުމާ ކުރެވިފައިވާ ނިޒާމެއް" އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް ޢަލީ ވިދާޅުވީ، ހޮޅުދޫގައި މީހުން ދިރިއުޅޭ 300 އަށްވުރެ ގިނަ ގޭބިސީ ހުންނައިރު، ފެންބޮޑުވުމުގެ މައްސަލައަކީ އެއިން ކޮންމެ ގޭބިސީއެއްގައި ދިރިއުޅޭ ރައްޔިތުންގެވެސް ނުހަނު ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި މިކަމަށް މި ސަރުކާރުން އަވަސް ހައްލެއް ހޯއްދަވައިދެއްވިކަމަށްޓަކާ މެމްބަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޔޫނުސް ވިދާޅުވީ، ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ ރަށުގެ މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންކަމަށެވެ. އެހެންކަމުން އެ މަސައްކަތްވެސް ކުރަމުންދާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

"ޒަމާންތަކެއްވަންދެން ހައްލުނުވެ އޮތް މި ބޮޑު މައްސަލައަށް ރައީސް ޚާއްސަ ސަމާލުކަމެއްދެއްވާ މިކަން ހައްލުކޮށްދެއްވީތީ ޝުކުރުވެރިވަން. މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނީ ރަށުގެ މަގުތައްވެސް ޒަމާނީ ފެންވަރަށް ހެދި ތަރައްޤީކުރެވިގެން. އެކަމަށް މިދަނީ މަސައްކަތް ކުރަމުން. އެ މަސައްކަތުގެ ތެރެއިން ރަށުގެ މަގުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ" މެމްބަރު ޔޫނުސް ވިދާޅުވިއެވެ.

ހޮޅުދޫ ފެން ހިންދާ ނިޒާމު ޑިޒައިންކޮށް، ފީސިބިލިޓީ ސްޓަޑީއާއި، އީ.އައި.އޭ ހެދުމުގެ މަސައްކަތް ކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ރިއަން ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑުންނެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 7.33 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ރަށުގައި ޕަމްޕް ސްޓޭޝަނެއް ޤާއިމުކޮށް، އައުޓްފޯލެއް ވަނީ އަޅާފައެވެ.

މީގެ އިތުރުން، ހޮޅުދޫގައި އަލަށް ޤާއިމުކޮށްފައިވާ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިންމާ، އެތަން ހިންގާ ބެލެހެއްޓުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހޮޅުދޫ ކައުންސިލާއި ޙަވާލުކޮށްފައެވެ. އެ ސެންޓަރު ރަށު ކައުންސިލާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޙުސެއިން ރަޝީދު ޙަސަނެވެ. މި ސެންޓަރުގެ ސަބަބުން ރަށުގައި ތިމާވެއްޓާ ރަށްޓެހި އަދި ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް ނައްތާލުމަށް މަގުފަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.