ކޯވިޑް-19

ކޯވިޑް-19 : މާލޭގައި މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް ތަޢާރަފުކޮށްފި


ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖެހުމަށް ކުރާ މަސައްކަތުގެ ދަށުން، މާލޭގައި މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް ފާޠިމަތު ހިމްޔާ ވިދާޅުވީ، ރާއްޖޭގައި މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ އެޗް.ޕީ.އޭއާއި، ދަމަނަވެއްޓާއި، ދިވެހި ރެޑް ކްރެސެންޓް ގުޅިގެންކަމަށެވެ.

އެގޮތުން މި ޚިދުމަތުގެ ދަށުން ރެޑް ކްރެސެންޓުންގެ ޓީމްތައް ގޭގައަށްގޮސް ޢުމުރުން ދުވަސްވީ މީހުންނަށާއި، އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިމްޔާ ވިދާޅުވިއެވެ. އަދި މި ޚިދުމަތަށް ރަޖިސްޓްރީވާން ޖެހޭނީ ދަމަނަވެށި މެދުވެރިކޮށްކަމަށްވެސް ހިމްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެޗް.ޕީ.އޭއާއި ދަމަނަވެއްޓާގުޅިގެން މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް މާލޭގައި ވަނީ ފެށިފައި. މި ޚިދުމަތް ކުރިއަށް މިދަނީ ޢުމުރުން ދުވަސްވީ އަދި އެނދުމަތިވެފައިވާ ފަރާތްކަށް ގޭގެއަށް ގޮސް ވެކްސިން ޖަހައިދީގެން. މީގައި އަޅުގަނޑުމެން މި އަދާކޮށްދޭ ދައުރަކީ އަޅުގަނޑުމެންގެ ވެހިކަލް ސަރވިސްއާއި، ޕޭޝަންޓް ޓްރާންސްޕޯޓް ޓީމްގެ ދަރުމަވެރިން ފޯރުކޮށްދޭ އެހީތެރިކަން" ހިމްޔާ ވިދާޅުވިއެވެ.

ހިމްޔާ ވިދާޅުވީ، މާލޭ ސަރަޙައްދުގައި ވެކްސިންގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެ ޖަމްޢިއްޔާގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އެގޮތުން މިމަހުގެ 5ވަނަ ދުވަހުން ފެށިގެން ރެޑް ކްރެސެންޓްގެ ދަރުމަވެރިން ސޯޝަލް ސެންޓަރުގައި ރަޖިސްޓްރޭޝަންގެ ކަންކަމުގައާއި ޢުއުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކަށް ފަރުވާކުރާ މީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާކަމަށް ހިމްޔާ ވިދާޅުވިއެވެ. އަދި ދިމާވެދާނެ އެމަރޖެންސީ ޙާލަތަކަށް ތައްޔާރުވުމުގެގޮތުން އެމްބިއުލާންސްގެ ޚިދުމަތްވެސް ފޯރުކޮށްދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީއާއި، ޅ.ހިންނަވަރުގައިވެސް ރެޑް ކްރެސެންޓްގެ ޓީމްތައް ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ކަންކަމުގައި ހަރަކާތްތެރިވަމުންދާކަން ހިމްޔާ ފާހަގަކުރެއްވިއެވެ. މާލޭގައި މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް މިހާރު ދޭން ފަށާފައިވާއިރު، އަތޮޅުތަކުގެ ބައެއް ރަށްރަށުގައި، އެ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން އަންނަނީ ގޭގެއަށް ޒިޔާރަތްކޮށް، ގޭބިސީތަކުގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންނާއި، އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދިނުމުގެ ކަންކަން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް ތިރީސް އަށް ހާހަށްވުރެ ގިނަ މީހުންނަށްވަނީ ވެކްސިންގެ ފުރަތަމަ ޑޯސް ޖަހާފައެވެ.