ގެސްޓް ހައުސްތައް ހުޅުވިޔަސް ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި ރައްޔިތުންނަށް ލުއި ދެވޭނީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިންކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ޑރ ނަޒްލާ މިހެން ވިދާޅުވީ ބ.އަތޮޅު ދަރަވަންދޫގައި އަލުން ގެސްޓް ހައުސްތައް ހުޅުވުމަށް ހުއްދަދިނުމުން، ރައްޔިތުން ކުރަމުންގެންދާ މުޒާހަރާ ގުޅިގެން ބ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ހުރިހާ ކައުންސިލެއް ހިމެނޭ ގޮތައް އޮންލައިންކޮށް ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، އަތޮޅުތެރެއަށް މި ބަލި ފެތުރެން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށާއި، ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ހުއްދަ ދިނުމަށް އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅަނީ، ބައްޔާބެހޭގޮތުން ދިރާސާތަކެއް ހެދުމަށްފަހު ރައްޔިތުންނަށް ލުއި ދެވެން އޮންނަ އެންމެ ކުޑަމިންވަރަކަށް ބަލައިގެން ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ވިދާޅުވިއެވެ.
މާލެއިން ހޯމަ ކަރަންޓީންއަށް ރަށްރަށަށް ދިޔަ މީހުންގެ ތަރެއިން، 200 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާކަން ފާހަގަކުރަމުން ނަޒްލާ ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް އަމަލު ކުރުމަށް ދޫކޮށްލިނަމަ އެ މީހުންގެ ފަރާތުން މުޅި ރާއްޖެއަށް ބަލި ފެތުރި ރާއްޖޭގެ ސިއްޙީ ނިޒާމަށް އޮނި ނޯންނަ ވަރަށް ދަރަޖައަކަށް މިކަންގޮސް އެތައް ބައެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
މާލެ ސަރަހައްދުން އަރާ ފޭބުމަށް އެޗްޕީއޭއިން ގައިޑްލައިންއެއް ހަދާ އަމަލު ކުރަންފެށުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާ، އެހެން ނަމަވެސް މިހާތަނަށް މި ބަލި އަތޮޅު ތެރެއަށް ފެތުރުން ކޮންޓްރޯލް ކުރެވިފައި އޮތީ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުންކަމަށް ޑރ ނަޒްލާ ރަފީގް ވިދާޅުވިއެވެ.
"މާލެއިން ހޯމް ކަރަންޓީނަށް މީހުން ރަށްރަށަށް ދާންޖެހޭތީ ވަރަށް ގިނަ ޝަކުވާ އާ ގޮނެޖެހުންތައް ކުރިމަތިވި. މިހާތަނަށް މާލެއިން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ތެރެއިން 200 ވުރެ ގިނަ ރިލީސް ސާމްޕަލް ވަނީ ޕޮސިޓިވެފަ، ކަރަންޓީން ނުކުރިނަމަ 200 އައުޓްބްރޭކް އަތޮޅުތެރޭގައި އޮންނާނެ. އަދި މިކަން ކޮންޓްރޯލް ކުރެވޭނެތޯ ބަލި ފެތުރޭނީ ކިހާމިންވަރަކަށްކަން އެނގިލައްވާތޯ؟" އެޗްއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ވިދާޅުވިއެވެ.
ބ.އަތޮޅު ކައުންސިލްގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އެ ކައުންސިލްތަކުގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީންނާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް ޓެގް އިން އަދި އެޗްޕީއޭ އާ އެލްޖީއޭ އާއި ބ.އަތޮޅު ހޮސްޕިޓަލުން ވަނީ ބައިވެރިވެފައެވެ.
ބ.އަތޮޅުގައި ގެސްޓްހައުސް ވިޔަފާރި ކުރާ ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކުން ގެސްޓްހައުސް ވިޔަފާރި އަލުން ހުޅުވާލުމާއި ގުޅިގެން އެރަށެއްގެ ރައްޔިތުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ބައެއް އުސޫލުތަކަށް ލުއިދިނުމަށް ވަނީ އެދިފައެވެ. އެގޮތުން ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރިސޯޓްތަކުގެ މުވައްޒަފުންނެކޭ އެއްއުސޫލަކުން އަމަލު ކުރުމަށްވެސް މިބައްދަލުވުމުގެ ބައިވެރިން ވަނީ މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ކިބައިން އެދިފައެވެ.
މިހެން މިފަރާތްތަކުން ފާހަގަކޮށްފައި ވަނީ ގެސްޓު ހައުސް އަށް އަންނަ މީހާ އާއި ރަށުގެ ރައްޔިތުންނާއި ކޮންޓެކްޓްވާނެތީ އާއި އެތަނުގެ މުވައްޒަފުން ދުވަހުގެ މަސައްކަތަށް ފަހު އާއިލާ ކައިރިއަށް ދެވޭގޮތަށް އޮތުމުންނެވެ. ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ހުއްދަ ދެނީ ކައުންސިލްތަކުން ބައެއް ކަންކަން ފުރިހަމަކުރުމުންނެވެ.
މިކަންކަން ބަލައި ލުއި ދެވެން އޮތް މިންވަރެއް ދެނެގަނެ ދިރާސާތަކެއް ހައްދައި ކަމާއި ގުޅޫންހުރި އިދާރާތަކާއެކު މަސްވަރާތަކެއްކޮށް ލުއި ދެވެންއޮތް މިންވަރެއް ދެނެގަންނާނެކަމަށް އެކަންއެލްޖީއޭއިން ވަނީ ވިދާޅުވެފައެވެ.