ބ.އަތޮޅުގައި އެންމެ ހިތްގައި އެއްމަންޒިލަކީ އެއަތޮޅުގެ ދެކުނަށް އޮންނަ ގޮއިދު އަތޮޅެވެ. އެސަރަހައްދުގެ އެންމެ މުހިއްމު ރަށްތަކުގެ ތެރޭގައި ބ ފެހެންދޫ ހިމެނެއެވެ.
ފަތުރުވެރިންގެ މަޤްބޫލްކަން ހޯދާފައިވާ ފެހެންދޫގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް އޮތް ގޮންޖެހުމަކީ ލަފާ ފުރޭނެ ރަގަޅު ބަނދަރެއް ނެތުމެވެ. އެހެން ނަމަވެސް މިހާރު ފެހެންދޫގައި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އައު ބަނދަރާއެކީ ގެސްޓްހައުސް ވިޔަފާރި ފުޅާވެގެންދާނެކަމަށް އެރަށުން ކައުންސިލުން ވަނީ ހާމަކޮފައެވެ.
ގޮއިދުއަތޮޅު ފަދަ ދެވަނަ މަންޒިލެއް ބ.އަތޮޅަކު ނެތެވެ. ހިތްގައިމު ހިތްހެޔޮ އޯގާތެރި ރައްޔިތުންތަކެއް ދިރިއުޅޭ، ފެހެންދޫ އަކީ މިއަތޮޅުގައި ހިމެނޭ އެހެން ރައްތަކެކޭ އެއްގޮތައް ރިތި ގޮނޑުދޮށާއި ސާފު މޫދެއް އޮތް ރަށެކެވެ. ފަތުރުވެރިންގެ ސަމާލުކަން ލިބެނީ މިދެނެނެވި ކަންކަމާއެކުގައެވެ. ފަތުރުވެރިން ރާއްޖޭގެ ރަށްރަށަށް އައުމުގެ ބޭނުންތަކުގެ ތެރޭގައި ރާއްޖޭގެ ޘަޤާފީ ދިރިއުޅުން ދެކެލުން ހިމެނެއެވެ. ފަތުރުވެރިންނަށް ފާލަމަކު ރަށަށް ފޭބުން އެއީ ރާއްޖެގެ ޘަޤާފީ ދިރިއުޅުން ދައްކުވައިދޭ އެމީހުންނަށް ޝައުގުވެރިކަމަކަށް ވެއެވެ.
ފެހެންދޫގެ ފާލަމަކީ ރަށު ރައްޔިތުންވެސް ހުރިހާ ބޭނުމެއް ކުރަން މިހާތަނަށްއައިރު ބޭނުން ކުރަމުން ދިޔަ ފާލަމެވެ. މާލެއިން މުދާ ގެނައުމާއި، ގެދޮރު އިމާރާތް ކުރަން ގެންނަ މުދާވެސް ބާލަނީ މި ފާލަމަށެވެ. ފެހެންދޫ އޮންނަނީ 11 ނޯޓިކަލް މޭލުގެ ބޮޑު ފަޅެއް ތެރޭގައެވެ. އެހެންކަމުން ފަތުރުވެރިން އުފުލުމަށާ، އެހެން ކަންކަން ކުރުމަށް ބޭނުން ކުރަނީ ކުދި ޑިންގީތަކެވެ. މިނޫންގޮތަކަށް ފެހެންދޫގެ ރަށްޔިތުންނަށް ލަފާފުރޭނެ ގޮތެއް ނޯވެއެވެ. ބަނދަރެއް ނެތުމުން މި ވިޔަފާރި ފުޅާ ކުރުމަށްވެސް ބޮޑެތި ގޮންޖެހުން ތަކެއް ހުރިކަން މި ރަށުގެ ރައްޔިތުން މީގެކުރިން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ފެހެންދޫގައި މިހާރު ހަދަމުން ދާ ބަނދަރުގެ މަސައްކަތް ނިމުމުން އިގްތިސާދީ ގޮތުން ރަށަށް ލިބޭނެ ކުރިއެރުން ތަކާއި ގުޅޭ ގޮތުން ވާހަކަދައްކަމުން އެރަށު ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ، އައު ބަނދަރާއެކީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ގަބޫލް ކުރާކަމަށެވެ.
"އެކަން ކުރުމަށް މިހާތަނަށް އައިއިރު އޮތް ގޮންޖެހުން ވަރަށްވެސް ބޮޑު އިންވެސްޓް ކުރަން ވަރަށް ބައިވަރު މީހުން އެބަތިބި، އެކަކަމު ދެގުނަ ޙަރަދު ކުރަންޖެހޭ މިހާރު، އާބަނދަރާއެކީ ރަށުގެ މާލީ ހާލަތު ދެގުނައަށް އުފުލިގެންދާނެ އަދި ރަށަށް ވަދެ ނުކުމެވޭނެ ގޮތްވުމުން މި ވިޔަފާރި އިތުރުރަށް ފުޅާވެގެންދާނެ އެއީ ހަމަ ޝައްކެއްވެސް އޮތްކަމެއް ނޫން" ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވިއެވެ.
އާބާދީގެ ގޮތުން ބަލާނަމަ ފެހެންދުއަކީ އަތޮޅުގައި އޮތް އެންމެ އާބާދީ މަދު ރަށެވެ. ފެހެންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ލަފާ ފުރުމަށް ބަނދަރެއް ނެތުމަކީ ރައްޔިތުންނަށް މިހާތަނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށާއި، އެކަމަކު ރަށަށް އަންނަ ފަތުރުވެރިން ތިލަ ފަޅަކުން ޑިންގީއެއްގައި ދުއްވާފައި ރަށަށް އައިސް ފާލަމަކުން ފޭބުން އެއީ އެމީހުން ޝައުގުން ފުރިގެންދާކަމެއްކަމަށް އެމީހުން ދެކޭކަމަށެވެ.
"ފަތުރުވެރިންނަށް ވަރަށް ކަމުދާކަމަކަށް ވަނީ ލަކުޑި ފާލަމަކުން ރަށަށްފޭބުން އެކަމު އެއީ ފަތުރުވެރިކަމުގެ އަނެއްފަރާތަށް ބަލައިފިނަމަ އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ވިސްނަންވީ ރައްޔިތުންގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް. ސަގާފީ ހުރިހާކަމެއް މިރަށުން ފެންނާނެ، ރީތި މޫދަކާ ފިނޮޅުތައްވެސް ރަށުގެ ވަށައިގެން އެބައޮތް، ޑައިވް ކުރުމަށާ ސްނޯކްލިން ކުރުމަށް ރީތި ބޮޑު ފަރެއްވެސް އެބައޮތް. މިހުރިހާކަމެއް މި ސަރަހައްދުގައި އެބައޮތް. އަދި ކުރީގެ ސަރުކާރުތަކަށް އާބާދީ މަދު ނިކަމެތި ރައްޔިތުންތަކެއް ދިރިއުޅޭކަމަށް ސިފަވެފައި އޮންނަ މި ރަށުގައި ބަނދަރެއް ހެދުމުން ކިހާ އާމްދަނީއެއް އިތުރުވެގެންދާނެތޯ. ހަމަގައިމުވެސް އޭގެ ނަފާ މުޅި ރާއްޖެއަށްކުރާނެ" ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވިއެވެ.
ފެހެންދޫގައި މިހާރުވެސް 3 ގެސްޓްހައުސެއް އަންނަނީ ހިނގަމުންނެވެ. ކޯވިޑް 19ގެ ބަލިމަޑުކަމާއި ގުޅިގެން ގެސްޓްހައުސްގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި އޮތްނަމަވެސް މިކަން ފެށުމަށް މިހާރު އެރަށުން އަންނަނީ ތައްޔާރުވަމުންނެވެ. ގެސްޓްހައުސް ވިޔަފާރި ފެށުން މަޑުޖައްސާލާފައި އޮތީ ފަތުރުވެރިން އައުމުން ރައްޔިތުންނަށް އެހެން ރަށްރަށަށް އަރާ ފޭބުމުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތައް އަމަލުކުރަންޖެހުމުގެ ސަބަބުންނެވެ.
މިހާރު ބ.އަތޮޅުގައި ލޯކަލް ޓުއަރިޒަމް ފެށުމަށް ހުއްދަ ދީފައި ވަނީ 3 ރަށަކަށެވެ. އެއީ ކަމަދުއަށާއި، މާޅޮހާ ދަރަވަންދޫއެވެ.