ތިމާވެށި

އެމްއެސްޕީއޭގެ ފަރާތުން ހުޅުމާލޭގައި ސާފުކުރުމުގެ ހަރަކާތެއް


މޯލްޑިވްސް ސޮސައިޓީ އޮފް ޕަރފޯމިންގ އާރޓްސް، އެމް.އެސް.ޕީ.އޭގެ ފަރާތުން ހުޅުމާލޭގައި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އެމް.އެސް.ޕީގެ ފަރާތުން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އެޖަމިއްޔާގެ މެންބަރުންނާއި، ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއްމު ރައްޔިތުންގެ އިތުރުން، ފުލުހުންނާއި، އެމް.އެން.ޑީ.އެފް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން އެމް.އެސް.ޕީ.އޭގެ ޖެނެރަލް ސެކްރެޓްރީ އަމްޖަދު އިބްރާހިމް ވިދާޅުވީ، މިއީ އެޖަމިއްޔާގެ ފަރާތުން ހުޅުމާލެ ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ދެވަނަ ހަރަކާތްކަމަށާއި، މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި ހުޅުމާލޭ ބޮޑުމަގުން ފެށިގެން ގެސްޓް ހައުސްތަކާއި ހަމައަށް ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުގެ ބޮޑުބައެއް ސާފުކޮށްފައިވާކަމަށެވެ. އަމްޖަދު ވިދާޅުވީ، މި ހަރަކާތުގައި ތިމާވެއްޓަށް ގެއްލުންވާޒާތުގެ ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިއާއި، ދަޅު އަދި ކޮތަޅު ފަދަ  އާރޓިފިޝަލް ކުނި އެއްކުރެވުނުކަމަށާއި، ފަސް ލޮރީ ފުރާ ކުނި އުކާލާފައިވާކަމަށެވެ. އެމް.އެސް.ޕީ.އޭގެ ފަރާތުން ހުޅުމާލެ ސާފުކުރުމުގެ ފުރަތަމަ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. މޯލްޑިވްސް ސޮސައިޓީ އޮފް ޕަރފޯމިންގ އާރޓްސް، އެމް.އެސް.ޕީ.އޭއަކީ މުޖުތަމަޢުއަށް ފައިދާހުރި އެކިކަހަލަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އިޖްތިމާޢީ ކަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ.