ކޯވިޑް-19

ކޯވިޑް-19 : އައްޑޫ ސިޓީން ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވި ނަމަވެސް ނުރައްކަލެއް ނެތް


އައްޑޫ ސިޓީން ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވި ނަމަވެސް ޙާލަތު ގޯސްނޫންކަމަށާއި، އެ ސިޓީގައި ބަލީގެ ނުރައްކަލެއްނެތްކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އިންޑިއާއިން އައި 53 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވީ، މި އެންމެނަކީވެސް ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ނެގި އެގްޒިޓް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންކަމަށެވެ. އަދި އެ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށާއި، އެއްވެސް މީހެއްގެ ގައިން އަލާމާތްތައް މިހާތަނަށް ފެނިފައިނުވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މި އެންމެނަކީވެސް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވެފައިވާ ބައެއްކަމުން، އެމީހުންނާއި އިތުރު ބަޔަކު ބައްދަލުވެފައިނުވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އިތުރު ނުރައްކަލެއް ނެތްކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ތަރައްޤީކުރާ ޕޮލިސް އެކަޑަމީގެ މަސައްކަތްކުރުމަށް އިންޑިއާއިން އައްޑޫ ސިޓީއަށް 128 މީހުން އައިސްފައިވަނީ ސެޕްޓެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން 44 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވަނީ އިއްޔެ އިރުއޮއްސި 6:00 އިން މިއަދުގެ އިރުއޮއްސި 6:00އާއި ދެމެދުކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަދި މިއަދުގެ އިރުއޮއްސި 6:00ގެ ފަހުން އިތުރު 9 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށް އެ ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.

މިއާއެކު އައްޑޫ ސިޓީގައި މިވަގުތު މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 67އަށް އަރާފައެވެ. މީގެ ކުރިން މާލެ ސަރަހައްދުން އައިސް ހޯމް ކަރަންޓީނުގައި ތިބި ބައެއް ފަރާތްތަކުގެ ތެރެއިން 14 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މި 14 މީހުން މިހާރު ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.