ޚަބަރު

ލ. އަތޮޅުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ މީހުން ތަމްރީނުކުރަނީ


  • އެކި ދައިރާތަކަށް އަމާޒުކޮށް ސެޝަންތައް ކުރިއަށް ގެންދާނެ

  • ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 20 އިން 24 އަށް

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ "ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް" ލ. އަތޮޅުގައި ފަށައިފިއެވެ. ޕްރޮގްރާމް ފެށުމަށް ބޭއްވި ސެޝަންގައި 30 ބައިވެރިން ބައިވެރިވެފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ފައްޓަވައިދެއްވާ ބައިވެރިންނާ މުޚާތަބުކުރައްވަމުން އެކޮމިޝަންގެ މެންބަރު އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވަނީ، މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ހިއުމަން ރައިޓްސް ޑިފެންޑަރުން މުހިންމު އަދި އަގުހުރި ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. އަދި މި ފަސް ދުވަހުގެ ތަމްރީނުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި، އިންސާނީ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

މި މަހުގެ 20 އިން 24 ވަނަ ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެޗްއާރްސީއެމް އަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއާއި، ކޮމިޝަނުގެ "ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ" އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޕްރޮގްރާމެއް ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ބިނާވެފައިވަނީ މިފަދަ ފަރާތްތައް ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ "ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް" ގެ މައްޗައްކަން އެޗްއާރްސީއެމުން ފާހާހަގަކުރެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެކި ދާއިރާތަކަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިސިލް ބްލޯވަރ ޤާނޫނަށާއި، ޖިންސީ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ތަމްރީންތަކުގެ އިތުރުން ފުލުހުންނަށް އަމާޒުކޮށްގެން އެންޓި ޓޯޗަރ ސެޝަންތަކާއި، އަންހެނުންނާއި ޖަމްއިއްޔާތަކަށް ހާއްސަ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، އެޗްއާރްސީއެމްގެ ދެ ޓީމަކުން ލ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި އެކި މުއައްސަސާތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ލ. އަތޮޅުގެ މާބައިދޫ، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ، މާވަށް، އަދި މުންޑުއަށް އެކޮމިޝަނުގެ ވަފުދުން ދަތުރުކޮށް ސެޝަން ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ. މިއީ އެ ކޮމިޝަނުން އިންސާނީ ހައްޤުތަކާއި ގުޅޭ މައުލޫމާތު މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ފުޅާދާއިރާއެއްގައި ކުރިއަށްގެންދެވޭ ހަރަކާތެއް ކަމަށް އެޗްއާރްސީއެމުން ފާހަގަކުރެއެވެ.