ޚަބަރު

އެސިސްޓެންޓް ކޯޗުކަމާ ސޮބާހް ހަވާލުވީ އުރުބާނީއަށް އޮތް އިތުބާރުން


  • ސޮބާހް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސިކަން އިއުލާން ކުރީ ކޯޗު އުރުބާނީ

  • ސޮބާހް ވަނީ މީގެ ކުރިން އުމުރުފުރާތަކުގެ ގައުމީ ޓީމުތަކާއެކު މަސައްކަތް ކޮށްފައި

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ސޮބާހް މުހައްމަދު ހަވާލުވީ ގައުމީ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީއަށް އޮތް އިތުބާރުން ކަމަށް އޭނާ ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ގައުމީ ޓީމުން ވަނީ ހޮނިހިރު ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ފަރިތަކޮށްފައެވެ. މި ފަރިތަކުރުންތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރުބާނީ ވަނީ އޭނާގެ އެސިސްޓެންޓަކަށް ސޮބާހް ހަމަޖެއްސިކަން އިއުލާންކޮށްފައެވެ.

ސޮބާހަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޓެކްނިކަލް ކޯޗިން ޓީމުގައި ވެސް ހިމެނޭ ކޯޗެކެވެ. އަދި މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ސޮބާހް ވަނީ އުރުބާނީއާއެކު މަސައްކަތް ކޮށްފައެވެ.

"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ސޮބާހް ބުނީ ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ ފުރުސަތު ލިބުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން އޭނާ ހިފީ ކޯޗު އުރުބާނީއާއެކު ކުރިން ކުރި މަސައްކަތާއި، އުރުބާނީއަށް އޮތް އިތުބާރުން ކަމަށް ސޮބާހް ބުންޏެވެ.

ސޮބާހް ބުނީ ގައުމީ ސީނިއާ ޓީމުގެ ބެންޗުގައި ކޯޗެއްގެ ގޮތުގައި އިނުން އެއީ އޭނާ އެއް އިރެއްގައިވެސް ކޮންމެހެން ބޭނުންވި ކަމެއް ނޫން ކަމަށެވެ. އެކަމަކު އުރުބާނީ އެދުމުން އެ ފުރުސަތު ދޫކޮށްލަން ބޭނުންނުވީ ކަމަށް ސޮބާހް ބުންޏެވެ.

ސޮބާހް ބުނީ ސާފުގެ ފަހުން އޭނާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުންނާނެކަން ބުނަން ނޭނގޭ ކަމަށެވެ. އަދި މިވަގުތު ފޯކަސް ހުރީ ކުރިއަށް އޮތް ތިން މެޗަށާއި، ސާފު ޗެމްޕިއަންޝިޕަށް ކަމަށް ސޮބާހް ފާހަގަކުރިއެވެ.

ސޮބާހް ވަނީ މީގެ ކުރިން އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗުކަންވެސް އޭނާ ކޮށްފައިވެއެވެ.

ސޮބާހް ވަނީ ގައުމީ ޖާޒީގައި ކުޅުންތެރިއެއްގެ ގޮތުގައި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.