ކޯވިޑް-19

ކޯވިޑް-19 : ގދ. ތިނަދޫގައި ތަރައްޤީކުރާ ކޯވިޑް ފެސިލިޓީގެ މަސައްކަތް އަންނަމަހު ނިމޭނެ - އެމް.ޓީ.ސީ.ސީ


ގދ. ތިނަދޫގައި ތަރައްޤީކުރާ ކޯވިޑް ފެސިލިޓީގެ މަސައްކަތް އަންނަމަހު ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރަމުންދާ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ޚާއްސަ ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ތިނަދޫގައި ތަރައްޤީކުރަމުންދަނީ 22 އެނދުގެ ޖާގައިގެ މެޑިކަލް ފެސިލިޓީއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ވަރަށް ހަލުވި މިނެއްގައި ކުރަމުންދާއިރު، މިހާތަނަށް މިމަޝްރޫޢުގެ 15 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އަންނަމަހުގެ 14 ވަނަ ދުވަހަށް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ. ތިނަދޫ މެޑިކަލް ފެސިލިޓީގައި އިންޓެންސިވް ކެއަރ ޔުނިޓް، އައި.ސީ.ޔޫވެސް ޤާއިމުކުރެވޭނެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމަށްޓަކާ ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ސަރުކާރުން ވަނީ ޚާއްސަ މެޑިކަލް ފެސިލިޓީތަކެއް ޤާއިމުކޮށްފައެވެ. އެއީ، ށ. ފުނަދޫ ކޯވިޑް ފެސިލިޓީއާއި، ބ. އޭދަފުށީ މެޑިކަލް ފެސިލިޓީއާއި، ލ. ގަން މެޑިކަލް ފެސިލިޓީއާއި، ގއ. ވިލިނގިލީ މެޑިކަލް ފެސިލިޓީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީއެވެ. މީގެ އިތުރުން ޓްރާންސިޓް މެޑިކަލް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ހއ. އިހަވަންދޫއާއި ފުވައްމުލައް ސިޓީގައިވެސް ވަނީ މެޑިކަލް ފެސިލިޓީއެއް ޤާއިމުކޮށްފައެވެ.