ސަޢުދީ ޢަރަބިއްޔާއިން ޙޫޘީންނާ ކުރިމަތިލުމަށް ތުރުކީވިލާތުން ދިފާޢީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެެވެ.
ތުރުކީވިލާތާއި ސަޢުދީ ޢަރަބިއްޔާއާއި ޕާކިސްތާނުން ގުޅިގެން ދިފާޢީ އެއްބަސްވުމެއްގައި މިދިޔަ އޮގަސްޓު މަހުގެ 7ވަނަ ދުވަހު މައްކާގައި ވަނީ ސޮއިކޮށްފައެވެ. މައްކާ ޖޮއިންޓް ޑިފެންސް އެގްރިމެންޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ތިން ޤައުމުން ކުރެ އެއްވެސް ޤައުމަކަށް ހަތިޔާރު ބޭނުންކޮށްގެން ދޭ ކޮންމެ ހަމަލާއަކީ ތިން ޤައުމަށް ވެސް ރައްދުވާ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ. އެ އެއްބަސްވުމުގެ މަޤްޞަދަކީ މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ތިން ޤައުމަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކަށް ރައްދު ދިނުމުގައި ތިން ޤައުމުން އެއްބާރުލުން އިތުރުކުރުމެވެ. އަދި ސަލާމަތީ ކަންކަން ވަރުގަދަކޮށް ސަރަޙައްދީ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމެވެ.
ޙޫޘީން ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެއްބަސްވުމުގައި ހިމެނޭ ތިން ޤައުމުން ވަނީ ސިޔާސީ އަދި އަސްކަރީ ބައްދަލުވުންތައް ބާއްވައިފައެވެ.
އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު އެ ޤައުމުތަކުން ވަނީ އެ ޤައުމުތަކުން ކޮށްދޭނެ ކަމަށް ބުނެފައިވާ ދިފާޢީ މަސައްކަތްތައް މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ނިންމާފައިވާ ކަމަށާއި، އަވަސް ގޮތަކަށް ޤައުމުތަކުގެ އަސްކަރީ ފައުޖުތަކާއި ވަޞީލަތްތައް ސަޢުދީ ޢަރަބިއްޔާއަށް ފޮނުވޭނެ ކަން ޔަޤީން ކުރަމުންދާ ކަމަށް ބުނެފައެވެ.
ތުރުކީވިލާތަކީ ނޭޓޯގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ޤައުމެވެ. އެ ޤައުމުގައި ވަރުގަދަ އަސްކަރީ ސިނާޢަތެއް ވެސް އޮވެއެވެ. ތުރުކީވިލާތުން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ޙޫޘީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ސަޢުދީ ޢަރަބިއްޔާއަށް ބޭނުންވާ ފަންނީ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. އަދި ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢުދީ ޢަރަބިއްޔާއިން އިސްވެ އުފައްދާފައިވާ އިއްތިޙާދުގައި ބައިވެރިވުމަށް ވެސް އެ ޤައުމުން ވަނީ ނިންމާފައެވެ.
ތުރުކީވިލާތުގެ އޮފިޝަލަކު ބުނީ ތުރުކީވިލާތުގެ ފަރާތުން ލިބޭނެ ކަމަށް ބެލެވިފައިވާ އެހީތެރިކަމަކީ އަސްކަރީ ސާމާނާއި، ޖާސޫސީ މަޢުލޫމާތާއި ހަތިޔާރު ނިޒާމުތައް ކަމަށެވެ. އެއްބަސްވުމުގެ ދަށުން އެ ޤައުމުން މިހާތަނަށް އެހެން ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވައިގެ ދިފާޢީ ނިޒާމު ފޯރުކޮށްދިނުން ހިމެނޭ ގޮތަށް ތުރުކީވިލާތުން ސަޢުދީ ޢަރަބިއްޔާއަށް އަސްކަރީ އެހީތެރިކަން މި ވަގުތަށް ފޯރުކޮށްދޭނީ އެއް ޤައުމުން އަނެއް ޤައުމަށް ފޯރުކޮށްދޭ އެހީތެރިކަމެއްގެ ގޮތުގައެވެ. އެއީ ތުރުކީވިލާތުގެ ޤާނޫނުހަދާ މަޖިލީހުން އަދި މިހާތަނަށް މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް ތަސްދީޤުކޮށްފައި ނުވާތީއެވެ. އެއްބަސްވުން ތަސްދީޤުކުރުމުން ތުރުކީވިލާތުން ފޯރުކޮށްދޭ އެހީތެރިކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.
ތުރުކީވިލާތުން މިހާތަނަށް ސައުދީ އަރަބިއްޔާއަށް އިންސާނީ ވަސީލަތްތަކާއި ތަޖުރިބާއާއި މައުލޫމާތާއި ލޮޖިސްޓިކަލް ސަޕޯޓް ފޯރުކޮށްދީފައިވެއެވެ. އެއީ ސަޢުދީ ޢަރަބިއްޔާއަށް ނުރައްކާތައް ދެނެގަނެ އެ ނުރައްކާތަކުން ދިފާޢުވުމުގެ ގާބިލްކަން ހަރުދަނާކުރުމަށެވެ. މި މަރުހަލާގައި ތުރުކީވިލާތުން ޢުދުވާނީ އަސްކަރީ ދައުރެއް ޢަދާކުރުމަށް އެއްބަސްވެފައެއް ނުވެއެވެ.
ފާއިތުވި ހަފްތާތަކުގައި ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ޙޫޘީންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ޔަމަނުގެ 200،000އަށްވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށް އދގެ ހިޖުރަކުރުމާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ. ޔަމަނުގެ 10 ގަވަރުނޭޓެއްގައި ދިރިއުޅޭ މީހުން ދަނީ ހަމަލާ ބަދަލުކުރަމުންދާ ސަރަޙައްދުތައް ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދަމުންނެވެ. ކަނޑުމަގުން ވެސް 3،700އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެެއެވެ. އދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމުން ވެސް ވަނީ ޔަމަނުގެ ކޮންމެ ހަތަރު ޢާއިލާއަކުން ތިން ޢާއިލާ މި ދުވަސްވަރު ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންދާ ކަމަށް ބުނެފައެވެ.