ކޯވިޑް-19

ކޯވިޑް-19 : މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރުގައި މިހާތަނަށް 250 އަށްވުރެ ގިނަ ތަންތަން ބަލައިފި


އެޗް.ޕީ.އޭއިން ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރުގައި މިހާތަނަށް 250 އަށްވުރެ ގިނަ ތަންތަން ބަލާ އިންސްޕެކްޓްކޮށްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

މި އިންސްޕެކްޝަނަކީ އާއްމު ޙިދުމަތްދޭ ތަންތަނުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތައް ތަންފީޒުކުރާ މިންވަރު ބެލުމަށް ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނާބެހޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރުގައި މިހާތަނަށް 259 ތަނެއް ބަލާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 254 ތަނެއް ހުރީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށްކަމަށާއި، މިހާތަނަށް ބަންދުކޮށްފައިވަނީ 3 ކެފޭއެއްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ބެލި ތަންތަނުގެ ތެރެއިން 254 ތަނެއް އިންސްޕެކްޓްކޮށް ރަނގަޅުކަމަށް ވަނީ ފާހަގަކުރެވިފައި. އެއީ 206 ފިހާރައަކާއި، 39 ކެފޭއަކާއި، 6 ސެލޫނެއްގެ އިތުރުން 3 މާރުކޭޓް. މިހާތަނަށް ބަންދުކޮށްފައިވަނީ 3 ކެފޭ. އިންސްޕެކްޓްކުރުމަށްފަހު ފާހަގަވި ކަންކަން ރަނގަޅުކުރުމުން އަލުން ހުޅުވުމުގެ ހުއްދަ ކެފޭއަކަށާއި ފިހާރައަކަށް އަޅުގަނޑުމެން ވާނީ ދީފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މާލޭ ސަރަޙައްދުގައި ކުރިއަށްގެންދާ މި މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރު 2 ހަފްތާގެ މުއްދަތަކަށް ކުރިއަށްދާނެކަމަށެވެ. އަދި މިފަހަރު އައްމު ހިދުމަތްދޭ ތަންތަނުގެ އިތުރަށް އާއްމު ދަތުރުފަތުގެ ހިދުމަތަށް ބޭނުންކުރާ ބަސް، ފެރީފަދަ އުޅަނދުތަކާއި ބައެއް އޮފީސްތައްވެސް އިންސްޕެކްޓް ކުރަމުންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރު ފަށާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި އިންސްޕެކްޝަނުގައި އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުނުކުރާ ތަންތަނާމެދު، އެޗްޕީއޭގެ އުސޫލުތަކުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން އުސޫލާ ޚިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރާނެއެވެ. އަދި އުސޫލާ ޚިލާފުވާ 2 ވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް 3 ދުވަހަށް އެތަނެއް ބަންދުކުރާނެއެވެ. އުސޫލާއި ޚިލާފައިވާ 3 ވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް އެތަނެއް 5 ދުވަހަށް ބަންދުކުރާނެއެވެ.

އެޗް.ޕީ.އޭއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މި އިންސްޕެކްޝަންތައް ހިންގަން ފަށާފައިވަނީ ޖުލައިމަހު ފުރަބަންދަށް ދިން ލުއިތަކާއެކުއެވެ. މިހާތަނަށް މީގެ 3 އިންސްޕެކްޝަންވަނީ ކުރިއަށްގެންގޮސްފައެވެ. ފުރަތަމަ ބުރުތަކުގައިވަނީ ކޭފޭ ރެސްޓޯރަންޓާއި، ފިހާރަތަކާއި، ބޯކޮށާ ތަންތަނާއި ސެލޫންތަކުގައި ޚިދުމަތްދޭއިރު އެޗްޕީއޭގެ މިންގަނޑަށް ޢަމަލުކުރޭތޯ ވަނީ ބަލާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އިޙުމާލުވެފައިވާ ފަރާތްތަކަށް ނަސޭހަތްދިނުމާއި، ޖޫރިމަނާކޮށް، ޚިދުމަތްދޭ ތަން ބަންދުކޮށްފައިވެއެވެ. މި އިންސްޕެކްޝަންތަކުގައި 2900 ތަނެއް ބަލައި، 207 ތަނަކާއިމެދު ފިޔަވަޅުއަޅާފައިވެއެވެ.