މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހަކީ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްދާ ރަށެކެވެ. ރަށުގެ ކައުންސިލާއި، ސަރުކާރުން ގުޅިގެން ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ކުރަމުން އަންނަނީ އިންތިހާއަށް ބޭނުންތެރި މަސައްކަތްތަކެކެވެ. ޚާއްސަކޮށް ރަށުގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރ. ކިނޮޅަހު ކައުންސިލުގެ ރައީސް އަޙުމަދު ޙުސައިން ވިދާޅުވީ، ކިނޮޅަހުގައި އެއްފަހަރާ 6 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އޭގެތެރޭގައި ސްކޫލުގެ މަލްޓިޕާޕޯސް ހޯލު އަދި 4 ކްލާސްރޫމުގެ މަސައްކަތާއި، ފުޓްސަލް ދަނޑުގެ މަސައްކަތާއި، ވޭސްޓް ސެންޓަރާއި، ޕޮލިސް ސްޓޭޝަނާއި، ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތުގެ އިތުރުން ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ހިމެނެއެވެ.
"ހުރިހާ މަޝްރޫޢުތަކަކީވެސް މުހިންމު މަޝްރޫޢުތައް. އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމުވާނީ ސްކޫލްގެ ކްލާސްރޫމުގެ މަސައްކަތް. ދެން ކައުންސިލް އިދާރާގެ އައު އިމާާރާތުގެ މަސައްކަތް." ރ. ކިނޮޅަހު ކައުންސިލުގެ ރައީސް އަޙުމަދު ޙުސައިން ވިދާޅުވިއެވެ.
ކިނޮޅަހުގައި ގާއިމުކުރާ 4 ކްލާސްރޫމާއި މަލްޓިޕާޕޯސް ހޯލުގެ ސަބަބުން ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލުލިބި، ސްކޫލުގެ އިތުރުހަރަކާތްތައްވެސް ކުރިއަށް ގެންދިޔުމަށް އިތުރު ލުއިފަސޭހަކަން ލިބޭނެއެވެ.
ކިނޮޅަހަކީ ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް އުޅެމުން އަންނަ ރަށަކަށްވުމާއެކު، ރަށުގައި ކުޅިވަރު ކުޅޭނެ ފުޓްސަލް ކޯޓެއް ނެތުމަކީ ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއެވެ. މިކަމަށް ހައްލު ހޯދާދިނުމަށް ސަރުކާރުން އެރަށުގައި އަލަށް ތަރައްގީކުރަމުންދާ ފުޓްސަލް ދަނޑާއެކު ރަށުގެ ޒުވާނުންނަށް ކުޅިވަރުގައި ކުރިއަރައިގެންދިޔުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ކުޅިވަރުގެ ރޮނގުން ރަށަށް އިތުރު ކާމިޔާބީ ހޯދުމަށްވެސް މަގުފަހިވާނެއެވެ. ފައިނުގައި ތަރައްގީކުރާ އިންޑޯ އަދި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މިހާރުވަނީ އެއްކޮށް ނިންމާލާފައެވެ.
ކިނޮޅަހުގައި ޤާއިމުކުރަމުންދާ ކައުންސިލުގެ އައު އިމާރާތާއި ޕޮލިސް ޕޯސްޓުގެ ސަބަބުން ރަށުގެ ރަށްވެހި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވި، ޚިދުމަތްތައް ފުޅާކުރެވޭނެއެވެ. އަދި ހެލްތު ޕޯސްޓުގެ އެކްސްޓެންޝަން އިމާރާތާއެކު މިހާރު 8 ގަޑިއިރަށް ދެމުން އަންނަ ޞިއްޙީ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކުރެވި، ޑޮކްޓަރުންގެ އަދަދުވެސް އިތުރުކުރެވި ލެބޯޓަރީގެ ޚިދުމަތްފަދަ އިތުރު ޚިދުމަތްތައްވެސް ތައާރަފްވާނެއެވެ.
މީގެ އިތުރުން، އެރަށުގައި އަލަށް ގާއިމުކުރެވޭ ވޭސްޓް ސެންޓަރުގެ ސަބަބުން "ޒީރޯ ބާނިންގް"ގައި އޯގަނިކް ގަސްކާނާވެސް އުފައްދަމުން ރަށުގެ ކުނިވެސް މެނޭޖުކުރެވޭނެއެވެ.
އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ ކިނޮޅަހަކީވެސް ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ކުރިއަށްގެންދަމުން އަންނަ ރަށަކަށް ވީހިނދު ރަށުގެ ރައްޔިތުންގެ އުއްމީދަކީވެސް އަދި ސަރުކާރުގެ އަމާޒަކީވެސް ވީހާވެސް އަވަހަކަށް މި މަޝްރޫޢުތައް ނިންމާލުމެވެ. މި މަޝްރޫޢުތައް ނިމުމާއިއެކު ރަށުގެ ރައްޔިތުންނަށް އުމްރާނީގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި އަދި އިގްތިޞާދީގޮތުންވެސް އެތައް މަންފާތަކެއްކުރާނެއެވެ.