ރަސްމާލެ މަޝްރޫއު ހިއްކަން ބަޖެޓުގައި ހިމެނި ނަމަވެސް އެ ބަޖެޓު ފާސްނުކޮށް އެފަޅު ހިއްކުމަށް އެހެން ގޮތެއް ހޯދަން މަޖުބޫރުކުރީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19ވަނަ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިގު ވިދާޅުވެއްޖެއެވެ.
ޠޯރިގު މިހެން ވިދާޅުވީ، ކުށްކޮށްގެން ހޯދާ މުދަލާބެހޭ ބިލަށް ބަހުސް ކުރައްވަމުން ރަސްމާލެ މަޝްރޫއުގައި ސަރުކާރުގެ ގޯސް ނިޔަތެއް އޮތްކަމަށް ދޭހަވާގޮތަށް އިދިކޮޅުގެ މެންބަރުން ވިދާޅުވުމާ ގުޅިގެންނެވެ. މެންބަރު ޠޯރިގު ވަނީ، ކުރީގެ މަޖިލިސްތަކާއި ސަރުކާރުތަކުގައި ޤައުމުގައި ކަންތައްތައް ކުރިގޮތް ތަފްސީލުކޮށް ހިއްސާކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިގު ވިދާޅުވީ، އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި އޭރު އިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ހުއްދަނެތި ލޯނު ނެގުމާއި ރާއްޖޭގެ ސްޓްރެޓެޖިކް އެސެޓުތައް ނުވިއްކޭނެ ގޮތަށް ޤާނޫނު އިސްލާޙު ކުރި ކަމަށެވެ. އެ އިސްލާޙު ގެނައީ އެއަރޕޯޓު ވިއްކާލުމަށާއި ބައެއް ރަށްތައް އެކި ފަރާތްތަކަށް ދިނުމަށް އޭރު ސަރުކާރުން މަސައްކަތް ކުރުމުން ކަމަށް ވިދާޅުވިއެވެ.
އެ ވެރިކަމަށްފަހު ޖެހިގެން އައި ޕީޕީއެމް ވެރިކަމުގައި ޤާނޫނަށް ދެވަނަ ފަހަރަށް އިސްލާޙުތައް ގެނެސް މާލިއްޔަތު ކޮމިޓީއަށް އޮތް ބާރުތައް އަނބުރާ ރައީސުލްޖުމްހޫރިއްޔާއަށް ދިން ކަމަށާއި ޤާނޫނު މިހާރުވެސް އޮތީ އެގޮތަށް ކަމަށް ޠޯރިގު ފާހަގަކުރެއްވިއެވެ. ޕީޕީއެމް ސަރުކާރުގައި އެ ބަދަލުތައް ގެނާއިރު މާލިއްޔަތު ކޮމިޓީގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެކަމާ ދެކޮޅު ހެއްދެވި ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންނެވުމުންވެސް އެ ބަދަލުތައް ނުގެންނަވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި 19ވަނަ މަޖިލީހުގައި އެފަދަ ބިލެއް ޠޯރިގު ހުށަހެޅުއްވުމުން މަޖިލީހުން ބޭރުކޮށްލީ ކަމަށްވެސް ވިދާޅުވިއެވެ.
ޠޯރިގު ވިދާޅުވީ، ރަސްމާލެ ހިއްކުމަށް ބޭނުންވާ 250 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ސަރުކާރުން ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެ ފައިސާ، އޭރު އެމްޑީޕީގެ މެންބަރުންގެ ދާއިރާތަކަށް ބަހާލައި ބަޖެޓު ފާސްކުރީކަމަށް ވިދާޅުވިއެވެ.
"ރަސްމާލެ ހިއްކުމަށްޓަކައި ލި 250 މިލިޔަން ރުފިޔާގެ ބަޖެޓު ބަހާލީ އޭރުގެ ރައްޔިތުންގެ މަޖިލީހުގައި ތިބި 65 ދާއިރާގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް. ވީމާ ރަސްމާލެ ހިއްކުމަށްޓަކައި އެހެން ގޮތްތަކެއް ހޯދަން ސަރުކާރަށް މަޖުބޫރުވީ މިދެންނެވި ސަބަބާހުރެ. ސަރުކާރެއް އުފެދިފައި އޭގެފަހުން ނިމެމުންދިޔަ ރައްޔިތުންގެ މަޖިލީހުން ކަންކުރިގޮތުން ރަސްމާލެ ޕްރޮޖެކްޓު ކޮންމެވެސް އެހެން މޮޑެލަކަށް ހިއްކާ ނުވަތަ ކުރިއަށްގެންދާ ގޮތަށް އޮތީ." މެންބަރު ޠޯރިގު ވިދާޅުވިއެވެ.
ކުރީ ސަރުކާރުތަކުގައި ދަރަނި ނެގި ނަމަވެސް ޤައުމަށް އާމްދަނީ ލިބޭނެ ފަދަ އެސެޓެއް އުފައްދާފައިނުވާކަން ފާހަގަކުރައްވައި ޠޯރިގު ވިދާޅުވީ، އޭގެ ސަބަބުން ދަރަނި ބޮޑުވެ، ބޭރުގެ އެއްވެސް ބަޔަކު ރާއްޖޭގައި ހައުސިންގެ ބޮޑެތި މަޝްރޫއު ހިންގުމަށް އެއްބަސްވާނެ ހާލަތެއްނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ރަސްމާލެ މަޝްރޫއާއެކު ރާއްޖެއަށް މުހިންމު އެސެޓެއް އުފައްދާފައިވާ ކަމަށާއި އެއަށް އިންވެސްޓަރުން ހޯދުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
"ރަސްމާލެ ޕްރޮޖެކްޓާއެކު ދިވެހި ރައްޔިތުންނަށް 500 މިލިޔަން ޑޮލަރުގެ ހައުސިން ޕްރޮޖެކްޓް ހިންގާނެ ފައިނޭންސް އެމީހުން ގެނެސްފައިވޭ. އަދި އެތަން ސިޓީއެއްގެ ގޮތުގައި އާބާދު ކުރާއިރު މީގަ އޮތީ ގެއްލުންތޯ ނުވަތަ ފައިދާތޯ ދިވެހި ރައްޔިތުން ނިންމަން އެބަޖެހޭ."
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރަސްމާލެ ޕްރޮޖެކްޓަކީ ދިވެހި ދައުލަތަށް އެންމެ ފައިދާ ކުރާނެ ޕްރޮޖެކްޓް ކުރިއަށް ހުރި ދުވަސްތަކުގައި. އެއީ ރާއްޖޭގެ އިޤުތިސާދު އޮތްގޮތާއި އަދި ރާއްޖޭގެ އިޤުތިސާދު ސިންދަފާތު ކުރުމަށްޓަކައި އެހެން ދިމާލަކަށް ގެންދިއުމަށްޓަކައި އެތައް މަސައްކަތެއް ކުރެވޭތޯ އެތައް ރައީސުންނެއް ބަލަމުން އަންނަނިކޮށް މިއަދު މިއޮތީ އެ ޕްރޮޖެކްޓު ހިނގާނެ ކަމުގެ އުއްމީދު ލިބިފައި." މެންބަރު ޠޯރިގު ވިދާޅުވިއެވެ.
ޠޯރިގު ވިދާޅުވީ، ރަސްމާލޭގައި މަޝްރޫއު ހިންގުމަށް އީގަލް ހިލްސްއާއެކު މަޝްވަރާ އެއްބަސްވުމެއް ގާއިމުކޮށްފައިވާއިރު މަޝްރޫއުގެ އެއްބަސްވުމެއްގައި ސޮއިކުރާއިރު ޝައްކުކުރެވޭ ކަންކަން ފިލުމަށް އެންމެ ރަނގަޅު ގޮތަކީ ހާމަކުރެވޭ މައުލޫމާތު މަޖިލީހާ ހިއްސާކޮށް އާންމުންނަށް އެ މައުލޫމާތު ހާމަކުރުން ކަމަށެވެ.