ކޯވިޑްގެ ސަބަބުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ޒުވާނުންނާއި ޖަމިއްޔާތަކުގެ ދައުރު ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައި ވަނީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި ދެމެދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަދި ރަޖިސްޓްރަރ އޮފް އެންޖީއޯސް އަހުމަދު އިރާޝްއެވެ. އަދި ޔޫއެންއޯޑީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޔޫއެންއޯޑީސީގެ ދެކުނު އޭޝިއާ ސަރަހައްދުގެ އޮފީހުގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ ތޮއިބާ ސައީދެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ވަނީ މުޖުތަމަޢުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ކުށް މަދުކުރުމާއި، ގުޑް ގަވަނެންސްގެ އުސޫލުތައް ހިފެހެއްޓުމުގައި ޒުވާނުންނަކީ އަދުގެ މުޖުތަމަޢުގެ މައްސަލަތަކަށް ލޯ ހުޅުވުފައިވާ ބަޔަކަށް ހެދުމަށް ތަމްރީންތައް ކުރިއަށްގެންދިއުމާއި ހޭލުންތެރިކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް މިދަނޑިވަޅުގައިވެސް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ދިގު މުއްދަތަކަށް ކުރިއަށްގެންދެވޭނެ ޕްރޮގްރާމްތައް ރޭވުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ވަނީ ކޯވިޑްގެ ސަބަބުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ދައުރާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މިކަންކުރުމަށް ޔޫއެންއޯޑީސީއިން ރާއްޖޭގައި މަސައްކަތްކުރާނެ މަގު ޗާޓެއް އެކުލަވާލުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވެއެވެ.