ޚަބަރު

ޔަމަނުގެ ސަރުކާރުން ބާބުލް މަންދަބް ކަނޑުއޮޅި ހިފައިފި


ސައުދީ އަރަބިއްޔާގެ މަދަދު ލިބޭ ޔަމަނުގެ ސަރުކާރު ސިފައިން، ބާބުލް މަންދަބް ކަނޑުއޮޅިން ފެށިގެން މަޚާއާ ހަމައަށް އޮތް އައްސޭރިފަށް، އީރާނުގެ މަދަދު ލިބޭ ޙޫޘީ ހަނގުރާމަވެރިންގެ އަތްދަށުން މިނިވަންކޮށްފިއެވެ. ޔަމަނުގެ ސަރުކާރުން ބުނީ މިއާއެކު ރަތް ކަނޑުގެ ތެލުގެ މަގުގެ ކޮންޓްރޯލް ޙޫޘީންނަށް ގެއްލޭނެ ކަމުގައެވެ. މީގެ ރައްދުގައި ޙޫޘީން ބުނީ، ރިޔާޟްގެ ބައިނަލްއަޤުވާމީ ވައިގެބަނދަރާއި، އަރަމްކޯގެ މަރުކަޒުތައް ހިމެނޭގޮތަށް ސައުދީ އަރަބިއްޔާގެ މުހިންމު ތަންތަނަށް ހަމަލާ ދީފައިވާނެ ކަމުގައެވެ.

މި ކުރިމަތިލުންތަކުގެ ތެރޭގައި ޙޫޘީން ވަނީ ޔަމަނުގެ ތިންވަނައަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ތައިއްޒުގެ ކައިރިން ކުރިއެރުންތަކެއް ހޯދައި، ސަރުކާރު ސިފައިންނާ ދެކޮޅަށް އެ ސަހަރު ވަށައިލާފައެވެ. އަދި، ސައުދީ އަރަބިއްޔާގެ ވައިގެ ސަރަޙައްދަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް އެ ޖަމާޢަތުން ވަނީ ދީފައެވެ. ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ފަަޤީރު ޤައުމުގައި ހިނގަމުންދާ މި ހަނގުރާމައިގެ ސަބަބުން އިންސާނީ ކާރިސާ ވަނީ އިތުރަށް ގޯސްވެފައެވެ. އެކުވެރި ދައުލަތްތަކުގެ (އދ) މައިގްރޭޝަން އޭޖެންސީން ބުނީ، ހަނގުރާމަ އަލުން ފެށުނު ފަހުން 184،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމުގައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ސައުދީ އަރަބިއްޔާއާއި، ތުރުކީވިލާތު އަދި ޕާކިސްތާނުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެ ތިން ޤައުމުން އެއްބަސްވީ މައްކާ ދިފާޢީ އިއްތިޙާދުގެ އެއްބަސްވުމުގެ ދަށުން ސައުދީ އަރަބިއްޔާއަށް އަސްކަރީ ފައުޖުތަކާއި ވަސީލަތްތައް އަވަހަށް ފޮނުވުމަށެވެ. މީގެ އިތުރުން، ބާބުލް މަންދަބް ކަނޑުއޮޅިއާއި ޔަމަންގެ އެއްގަމު ސިފައިންނަށް ވައިގެ މަދަދު ދިނުމަށް ޓަކައި އެތައް ސަތޭކަ އަމާޒަކަށް ހަމަލާ ދީފައިވާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފައިވެއެވެ.

ޔަމަނުގެ ސަރުކާރުން ބުނީ ސަނާ ޕްރޮވިންސާއެކު އެތައް ސަރަޙައްދަކަށް ހަމަލާ ދީފައިވާ ކަމުގައެވެ. ޔަމަނުގެ ވަގުތީ ރައީސް ރަޝާދު އަލް-ޢަލީމީ ވިދާޅުވީ ޓެރަރިސްޓުންގެ އަތްދަށުން ޤައުމު މިނިވަންވަންދެން ހަނގުރާމަ ކުރައްވާނެ ކަމުގައެވެ. ޙޫޘީން ހިންގާ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ސަނާގެ ސަރަޙައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި ދެ މީހުން މަރުވެ ހަތް މީހުންނަށް އަނިޔާވެފައިވާ ކަމުގައެވެ.