ޚަބަރު

އޭޝިއަން ގޭމްސް: ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވާން ލިބުނު ފުރުސަތެއް


  • މުބާރާތުގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރި

  • އެންމެ ގިނަ ގައުމީ ރެކޯޑް ހެދީ ޝޫޓިންއިން

ޖަޕާނުގައި ކުރިއަށްދިޔަ 20 ވަނަ އޭޝިއަން ގޭމްސްއަށް ރާއްޖޭގެ ކޮންޓިޖެންޓް ދިޔައިރު، މި ގޭމްސްއަށް ގިނަ ކުޅިވަރުތަކުން ދިޔައީ، އަންނަ އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސް އަދި އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުންނެވެ. ގިނަ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅުންތެރިންވެސް މި ގޭމްސް ހިޔާރުކުރީ އެ ދެ ގޭމްސްއަށް ތައްޔާރުވާން ކޮށާ މަގެއްގެ ގޮތުގައެވެ.

މި ގޭމްސްއިން އެ މަގު ދިވެހި އެތުލީޓުން ކޮށައިފިއެވެ. އެޝިއާގެ އެންމެ ވަރުގަދަ އެތުލީޓުންނާ ވާދަކޮށް ދިވެހި އެތުލީޓުން ރަނގަޅު ފައިޓެއް ދީފިއެވެ. ދެން އޮތީ އޭޝިއަން ގޭމްސްއިން ލިބުނު ފިލާވަޅުތަކާއެކު އަންނަ އަހަރުގެ ބޮޑު ދެ ގޭމްސްގައި ނަތީޖާ ހާސިލް ކުރުމެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވީ ހަތް ކުޅިވަރަކުންނެވެ. އޭގެ ތެރެއިން ޝޫޓިން އިން ގިނަ ގައުމީ ރެކޯޑްތަކެއް ވަނީ އައު ކޮށްފައެވެ. އެގޮތުން ޝޫޓިން ޓީމުން 9 ގައުމީ ރެކޯޑެއް ހެދިއެވެ. ޝޫޓިން ޓީމުން ނުވަ ގައުމީ ރެކޯޑް އައު ކުރީ 10 އިވެންޓުގައި ވާދަކޮށެވެ. އޭގެ ތެރެއިން ޝޫޓިން ޓީމަށް އައު ނުކުރެވުނު ގައުމީ ރެކޯޑަކީ 10 މީޓަރު އެއާ ޕިސްޓަލް މެންސް އިންޑިވިޖުއަލް އިވެންޓު އެކަންޏެވެ.

ޝޫޓިންގެ އިތުރުން ސްވިމިންގް ޓީމުން ވެސް ވަނީ ގައުމީ ރެކޯޑްތަކެއް އައުކޮށްފައެވެ. މީގެ އިތުރުން، މުޅިން އަލަށް މި މުބާރާތުގައި ސާފިން އިވެންޓް ކުރިއަށްދިޔައިރު، ރާއްޖޭގެ ސާފަރުންނަކީ މި މުބާރާތުގެ ކޮލިފައިންގައި ވާދަކޮށް ސްލޮޓް ޔަގީންކުރި އެތުލީޓުންތަކެކެވެ. ސާފިން އިން ތިންވަނަ ބުރުގައި ޒުވާން އެތުލީޓުން ޔަސިން އަޙްމަދު ނާޝިދު ވަނީ ވާދަކޮށްފައެވެ.

ޓޭބަލް ޓެނިސް އަށް ވެސް މި ފަހަރުގެ މުބާރާތަކީ ރަނގަޅު މުބާރާތެކެވެ. ދުނިޔޭގެ ޓީޓީގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. އަދި މުބާރާތުގެ ގަދަ 16ގައި މޫސާ މުންސިފާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ވަނީ ވާދަކޮށްފައެވެ.