ނެޝަނަލް ޝޫޓިން ސްޕޯޓްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026ގައި ވާދަކުރާ ޕެރައެތުލީޓުން މުބާރާތަށް ތަމްރީނުކުރުމުގެ މަސައްކަތް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފައްޓައިފިއެވެ.
ހުޅުމާލޭ ސްޕޯޓްސް އެރީނާގައި ދާދި ފަހުން ހުޅުވި އައު ޝޫޓިން ރޭންޖްގައި ޕެރަ އެތުލީޓުން ތަމްރީނުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް 12 ޕެރަ އެތުލީޓަކުވަނީ މުބާރާތާ ގުޅި، ތަމްރީނުތައް ހަދަން ފަށާފައެވެ. ޝޫޓިން އެސޯސިއޭޝަނުގެ 3 ކޯޗަކާއެކު މި އެތުލީޓުން ޓްރޭނިންތައް ހަދަމުން އަންނައިރު، އަދިވެސް ޕެރަ އެތުލީޓުން މުބާރާތާ ގުޅޭނެކަމަށް އުންމީދުކުރާކަމަށް ޝޫޓިން އެސޯސިއޭޝަނުންވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ.
"ޕެރަ ޝޫޓަރުން ތަމްރީނުކުރުމުގެ ކަންކަން މުބާރާތް ފެށެންދެން ކުރިއަށްދާނެ. އަދިވެސް އިތުރު އެތުލީޓުން މުބާރާތާއި ގުޅޭނެކަމަށް ބެލެވެނީ. މިއީ އުންމީދީ މަންޒަރެއް" ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު އިސްމާއީލް ޝަފީޤް ވިދާޅުވިއެވެ.
ޕެރަ އެތުލީޓުން ޓްރޭން ކުރުމުގެ މަސައްކަތް މުބާރާތާ ޖެހެންދެން ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާނެކަމަށް އެސޯސިއޭޝަނުން ބުންޏެވެ. އެގޮތުން ހޯމަދުވަހު ތަމްރީނުތައް ފަށާފައިވާއިރު، އެތުލީޓުންގެ ކިބައިން ފެންނަ ޝައުގުވެރިކަމާއި ޖޯޝަކީ ޤައުމީ ޕެރަ ޝޫޓިން ޓީމެއް ބިނާކުރުމަށް ކުރަމުން އަންނަ އުންމީދަށް ގެނެސްދިން ދިރުމެއްކަމަށް އެސޯސިއޭޝަނުން ސިފަކުރެއެވެ.
ހުޅުމާލޭ ޝޫޓިން ރޭންޖުގައި ކުރިއަށްދިޔަ ފުރަތަމަ ޕެރަ ޓްރޭނިން ސެޝަން ބައްލަވާލެއްވުމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެކަމަނާގެ އިތުރުން ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީގެ އިސްވެރިންވެސް މި ޓްރޭނިން ސެޝަންގައި ބައިވެރިވެވަޑައިގެންނެވިއިރު، ޖަޕާނުގެ ސަފީރުވަނީ ޕެރަ އެތުލީޓުންގެ ކުރިއެރުމަށްޓަކައި ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޕެރަ އެތުލީޓުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރަމުންދާ ހިތްވަރަށް އެކަމަނާވަނީ ހިތްވަރުދެއްވާފައެވެ.
ނެޝަނަލް ޝޫޓިން ސްޕޯޓްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިހާރުވެސް ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ 10 ވަނަ ދުވަހުގެ 23:59 އާއި ހަމައަށް އޮތްއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހު ހުޅުމާލޭ ޝޫޓިން ރޭންޖްގައެވެ.