ނ. ކެނދިކުޅުދޫގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އެ ރަށުގެ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ކެނދިކުޅުދޫ ކައުންސިލާ އެދާއިރާގެ މެމްބަރު މުޙައްމަދު ޢަފޫ ޙާމިދާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެރަށުގައި މަސްވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން ދާއިރާތައް ކުރިއެރުވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކެނދިކުޅުދޫ ގޭދޮށު މަސް ފެކްޓަރީގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ވަނީ ޙިއްޞާކުރައްވާފައެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކެނދިކުޅުދޫގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާއި، އެކަން ކުރިއެރުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކޮށްފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ވަކި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީ ކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ސަރުކާރުން ވަނީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރަން 5 ސަރަޙައްދެއްވެސް ކަނޑައަޅުއްވާފައެވެ.
ވަކިވަކި ރަށްރަށުގައި މެރިކަލްޗަރގެ ދާއިރާއިން ހުރި ފުރުސަތުތައް ބުނެދީ މި ދާއިރާއިން މީހުން ބިނާކުރުމަށްވެސް ދަނީ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދަމުންނެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 6 ތަމްރީން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ޕްރޮގްރާމުތަކުގައި 76 މީހުން ވަނީ ތަމްރީންކޮށްފައެވެ.