ކޯވިޑް-19

ކޯވިޑް-19 : 4 ދުވަސްފަހުުން ތިނަދޫގެ މޮނިޓަރިންގގެ ޙާލަތު އުވާލައިފި


ކޯވިޑް-19ގެ އެކްޓިވް ކޭހެއް ފެނުމާގުޅިގެން ގދ.ތިނަދޫގައި އިޢުލާންކޮށްފައިވާ މޮނިޓަރިންގގެ ޙާލަތު އުވާލައިފިއެވެ.

ގދ. ތިނަދޫއިން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވުމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ފަރާތުން އެ ރަށް މޮނިޓަރިންގގެ ޙާލަތަށް ލާފައިވަނީ މިދިޔަމަހުގެ 29ވަނަ ދުވަހުއެވެ. ތިނަދޫ މޮނިޓަރިންގެ ޙާލަތުން އުވާލާފައި މިވަނީ 4 ދުވަސްފަހުންނެވެ.

ގދ.ތިނަދޫ މޮނިޓަރިންގެ ޙާލަތު ދޫކޮށްލާފައިވީނަމަވެސް ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމާއި، ޢާއްމު ތަންތަނަށް ނުކުމެ އުޅޭއިރު ރައްކާތެރިވުމުގެގޮތުން މާސްކް ބޭނުންކުރުމަށް ތިނަދޫ ކައުންސިލުން އެރަށުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކާއި ބައްދަލުވި މީހުން ދެނެގަނެ، ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ގިނަ ޢަދަދެއްގެ ގެތައް ކަރަންޓީނުކޮށްފައިވާކަމަށާއި، ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 41 ރަށަކުން 80 އަށްވުރެ ގިނަ ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ވަނީ ފެނިފައެވެ.