ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ ހަތަރު މީހުން ހައްޔަރުކޮށްފައިވާ މައްސަލައިގައި، އެ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި ތޫނިސްގެ ވެރިރަށުގައި ވަރުގަދަ އިހުތިޖާޖެއް ކުރިއަށް ގެންގޮސްފިއެވެ.
އިހުތިޖާޖުގެ ބައިވެރިން ތޫނިސް އާއި އަދި ފަލަސްޠީނުގެ ޤައުމީ ދިދަތަކާއެކު ހައްޔަރުގައި ތިބި ހަތަރު މީހުންގެ ފޮޓޯތައް ހިފައިގެން ތިބެ، ރައީސް ޤައިސް ސަޢީދުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށާއި ފަލަސްޠީނުގެ މިނިވަންކަމަށް ތާޢީދުކޮށް އަޑުއުފުލާފައިވެއެވެ.
މި އިހުތިޖާޖު އިންތިޒާމުކޮށްފައިވަނީ، ތޫނިސްގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ވާއިލް ނަވާރު، ޣައްސާން ޙަންޝީރީ، ޣައްސާން ބުޤްދޫރީ އަދި ނަބީލް ޝަނޫފީ ޝަރީއަތް ފެށުމުގެ ކުރިން ބަންދުގައި ބައިތިއްބަން ކޯޓުން އިތުރު ހަތަރު މަސްދުވަހުގެ މުއްދަތެއް ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
މި އަހަރުގެ މާޗު މަހުން ފެށިގެން މި ހަތަރު މީހުން ބަންދުކޮށްފައިވަނީ ސުމޫދު ފްލޮޓިލާއަށް ފަންޑު ހޯދުމުގައި މާލީ ގޮތުން މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ހައްޔަރުކޮށްފައިވާ މީހުންނާއި އެ މީހުންގެ ޤާނޫނީ ވަކީލުން މި ތުހުމަތުތައް ދޮގުކުރެއެވެ.
މި މައްސަލައިގައި ކަންބޮޑުވުންތައް އިތުރަށް ގޯސްވެފައިވަނީ، ބޭއިންސާފުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އިހުތިޖާޖުކުރުމުގެ ގޮތުން ފްލޮޓިލާގެ ސްޓިއަރިން ކޮމިޓީގެ މެންބަރު ވާާއިލް ނަވާރު، އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން އޭނާގެ ސިއްޙީ ހާލު ސީރިއަސްވުމުންނެވެ. އަދި ސެޕްޓެމްބަރު 9 ވަނަ ދުވަހު އަނެއް ތިން މީހުންވެސް ވަނީ މި ހަޅުތާލާ ބައިވެރިވެފައެވެ.
ނެޝަނަލް ކޮމިޓީ ފޯ ދަ ޑިފެންސް އޮފް ސުމޫދު ފްލޮޓިލާ އެކްޓިވިސްޓްސްގެ މެންބަރު ޣައްސާން ބުޢާޒީ އަލްޖަޒީރާ ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހައިހޫނުކަމުގެ ހަޅުތާލުގައި ނަވާރު ހުންނަތާ 35 ދުވަސް ވެފައިވާއިރު، އޭނާގެ ބަރުދަނުން 20 ކިލޯ ލުއިވެ، އަނބުރައިގަތުމާއި ނޭވާލާން ދަތިވުން ފަދަ ސިއްޙީ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބި މީހުންނަށް ލިބޭ ކޮންމެ ގެއްލުމަކާއި އަނިޔާއެއްގެ ފުރިހަމަ ޒިންމާ ރައީސް ޤައިސް ސަޢީދާއި އެ ޤައުމުގެ ސަރުކާރުން އުފުލަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ތޫނިސްގެ ދަރިވަރުންގެ ޖަމްޢިއްޔާ، ޖެނެރަލް ސްޓޫޑަންޓްސް ޔޫނިއަން (ޔޫޖީއީޓީ) އިން ވެސް ވަނީ ހައްޔަރުކޮށްފައިވާ ހަތަރު މީހުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ. އެ ޔޫނިއަނުން ބުނި ގޮތުގައި، ހައްޔަރުގައި ހުރި ޙަންޝީރީ މީގެ ކުރިން ޔަހޫދީ ދައުލަތުގެ ޖަލުގައި ބަންދުކޮށްފައި ހުރިއިރު ލިބުނު އަނިޔާތަކަށް އަވަސް ސަރޖަރީއެއް ހަދަން ޖެހިފައިވީ ނަމަވެސް، ޖަލުގެ ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އެ ފަރުވާ ދިނުމަށް ތޫނިސްގެ ކަމާބެހޭ ފަރާތްތަކުން އިޙުމާލުވެފައިވާ ކަމަށެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗުންވެސް ވަނީ، ތޫނިސްގެ ސަރުކާރުން މާލީ ކުށްތަކާއި ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަދަނީ ޖަމްޢިއްޔާތަކަށާއި އިޖުތިމާޢީ މަދަދުވެރިންނަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް، ރައީސް ޤައިސް ސަޢީދުގެ ސަރުކާރުން މި ތުހުމަތުތައް ދޮގުކޮށް، ބުނަމުންދަނީ އެ ޤައުމުގެ ޝަރުއީ ނިޒާމަކީ މިނިވަން އަދި ޤާނޫނުގެ އިމުގެ ތެރެއިން ހިނގާ ނިޒާމެއް ކަމަށެވެ.