ޚަބަރު

ބަންގްލަދޭޝްގެ ހަތްހާހަށްވުރެ ގިނަ މީހުން ޤައުމަށް ފޮނުވާލައިފި


މިހާތަނަށް ބަންގްލަދޭޝްއަށް ނިސްބަތްވާ ހަތްހާހަށްވުރެގިނަ މީހުން ޤައުމަށް ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިމިގްރޭޝަނުން ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން ބޯޑަރު ބަންދުކުރި ހިސާބުން ފެށިގެން މިހާތަނަށް ބަންގްލަދޭޝްގެ ހަތްހާސް އެއްސަތޭކަ ނުވަ ރައްޔިތުން ރާއްޖެއިން ފުރުވާލާފައިވާކަމަށެވެ. މީގެ ތެރެއިން ހަތަރުހާސް އަށްސަތޭކަ ސާޅީސް ނުވަ މީހުންނަކީ ރާއްޖޭގައި އެއްވެސް ރަސްމީ ލިޔުމެއްނެތި ގަވާއިދާ ޚިލާފަށް އުޅެމުން އައި މީހުންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ދެހާސް ދުއިސައްތަ ފަސްދޮޅަސް މީހުންނަކީ ކޯވިޑް-19 އާއި ގުޅިގެން އެނބުރި ޤައުމަށް ދާން ބޭނުންވި މީހުންނެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިއްޔެވެސްވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 152 މީހަކު ޤައުމަށް ފޮނުވާލާފައެވެ. މިމީހުން ފޮނުވާލާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އަނބުރާ ޤައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީން ހޯދާ އެމީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން މިފަދަ ބިދޭސީން ފޮނުވުމަށް ހަފްތާއަކު 2 ފްލައިޓު ބޭއްވުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

ރާއްޖޭގައި ތިބި ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން އަންނަނީ އެޤައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެންނެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި މީހުން ފޮނުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަހަރުގެ ތެރޭގައި ވިހިހާސް ބިދޭސީން ފޮނުވާލުމަކީ ސަރުކާރުގެ އަމާޒެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އާބާދީ އިތުރުވެ އިޖުތިމާޢީ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙައްގުތައް ރައްކާތެރިކޮށްދީ އެމީހުންގެ ފަރާތުން އުފެދެމުން އަންނަ އިޖުތިމާޢި މައްސަލަތައް ކުޑަކުރުމަށް ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ޚާއްސަ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.