ޚަބަރު

ބަންގްލަދޭޝްގެ 200 މީހުން އަނެއްކާވެސް ފޮނުވާލައިފި


ބަންގްލަދޭޝްގެ، އިތުރު 200 ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.
ޤައުމީ އެއަރލައިންގެ ފްލައިޓެއްގައި ބަންގަލަދޭޝްއަށް ފޮނުވި 200 މީހުން ފުރާފައިވަނީ އިއްޔެއެވެ. ސަރުކާރުން ވަނީ ކޮންމެ ހަފްތާއަކު ދެ ފްލައިޓެއްގައި 200 ބަންގްލަދޭޝް މީހުން އެމީހުންގެ ޤައުމަށް ފޮނުވާލަމުން އަންނާނެކަމަށް ވިދާޅުވެފައެވެ.

މިކަން ކުރަނީ ދިވެހި ޚަރިޖިއްޔާއާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީ ގުޅިގެންނެވެ.

ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ މީހުންނާއި އަދި އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށްވަނީ އެ ފުރުސަތު ހުލުވާލާފައެވެ. އެގޮތުން މިހާތަނަށް ސާދަ ހާހަށްވުރެ ގިނަ މީހުން ވަނީ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.

ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން ކުރިއަށް ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ޤައުމުތަކަށް ފޮނުވާލާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެކި މަސައްކަތްތަކުގައި ރާއްޖޭގައި އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ ބިދޭސީން އުޅެމުން އަންނައިރު، ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންނަކީ ލިޔެކިއުނުތައް ހަމަނުކޮށް އުޅެމުން އަންނަ މީހުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.