ކޯވިޑް-19

ކޯވިޑް-19 : 13 ރަށަކާއި 8 ރިޒޯޓަކުން މިވަގުތު އެކްޓިވް ކޭސްތައް ފެނިފައިވޭ - އެޗް.ޕީ.އޭ


ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށަކާއި، 8 ރިޒޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މާލޭ ސަރަޙައްދުގެ އިތުރުން ދެން އެންމެ ގިނައިން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް މިވަގުތު ފެނިފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުންނެވެ. އެގޮތުން ހއ. އަތޮޅުގެ 3 ރަށަކުން ވަނީ އެކްޓިވް ކޭސްތައް ފެނިފައެވެ.

އުތުރުން ކޯވިޑްގެ ކޭސްތައް ފެނިފައިވަނީ:

ހއ. ކެލާ
ހއ. އިހަވަންދޫ
ހއ. ފިއްލަދޫ
ހދ. ނާވައިދޫ

ކޯވިޑް-19 ގެ ކޭސްތައް ފެނިފައިވާ އިތުރު ރަށްތަކަކީ:

ބ. ކުޑަރިކިލު
ބ. ކަމަދޫއާއި
ރ. އިނގުރައިދޫ
ރ. ހުޅުދުއްފާރު
ޅ. ހިންނަވަރު
ކ. މާފުށި
ވ. ފުލިދޫ
ފުވައްމުލައް ސިޓީ
އައްޑޫ ސިޓީ

އަތޮޅުތަކުން ކޯވިޑް-19 އެކްޓިވް ކޭސްތައް ފެނިފައިވީނަމަވެސް މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން އެއްވެސް ސަރަޙައްދަކުން ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް މިހާތަނަށް ފެނިފައިވާނުވާ ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ރަށްރަށުން ކޯވިޑް-19 ގެ ކޭސްތައް ފެންނަމުންދަނީ ތަފާތު އެކި ބޭނުންތަކަށް މާލެއަށް އައުމަށްފަހު އަނބުރާ ރަށްރަށަށްގޮސް ހޯމް ކަރަންޓީނުވާ ފަރާތްތަކުގެ ތެރެއިންކަމަށްވެސް އެ އެޖެންސީން ވިދާޅުވެއެވެ.

ކޯވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު، މިދިޔަމަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރުތައް ހުޅުވާލުމާއެކު، ރާއްޖޭގެ ރިސޯޓުތަކަށް ފަތުރުވެރިން ވަނީ އަންނަން ފަށާފައެވެ. މިއާއެކު ރާއްޖޭގެ ބައެއް ރިސޯޓުތަކުންވެސް ކޯވިޑް-19ގެ އެކްޓިވް ކޭސްތައް މިވަނީ އަލުން ފެންނަން ފަށާފައެވެ.

އެގޮތުން މިވަގުތު ރާއްޖޭގެ 8 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި 8 ފަތުރުވެރިއަކާއި 9 ސްޓާފަކު ހިމެނޭކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.