މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބޭނުންވަނީ ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން ތާރު ނާޅާކަމަށް ކަމަދޫ ކައުންސިލް ރައީސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ކަމަދޫ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު ވިދާޅުވީ، ކަމަދޫއަކީ ލޯކަލް ޓުރިޒަމް ފުޅާވެފައިވާ ރަށެއްކަމަށެވެ. އެހެންކަމުން އެރަށުގެ ރައްޔިތުން ބޭނުންވަނީ ޒަމާނީ ތަރައްޤީ ރަށަށް ގެންނައިރުވެސް ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން ތަރައްޤީކުރަންކަމަށެވެ. އެގޮތުން މއެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު އެމަސައްކަތް ތާރު ނާޅާ ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވާނެކަމަށް ޒަރީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރައީސްއަށް ދެންނެވިން، އަޅުގަނޑުމެން ކަމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބޭނުންވަނީ ތާރުއަޅައިގެން ނޫނޭ. ކަމަދޫއަކީ ފަތުރުވެރިކަން ތަރައްޤީވެފައިވާ ރަށެއްކަމުން މިރަށު ރައްޔިތުން އެދެނީ މަގުތަކުގެ ފެން ހިނދޭނެފަދަ ގޮތަކަށް ތާރުނާޅާ މަގު ހަދަން. ރައީސް ދެއްވި އެގޮތަށް މަގުތައް ހަދައިދޭނެކަމުގެ ޔަގީންކަން" ޙަސަން ޒަރީރު ވިދާޅުވިއެވެ.
ކަމަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ކަމަދޫ ރައްޔިތުން އެދޭގޮތަށް މަގުތައް ހެދުމުގެ މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ ކަމަދޫއަކީ ރާއްޖޭގެ ލޯކަލް ޓުރިޒަމްގައި ފާހަގަކޮށްލެވޭ ރަށެކެވެ. ކަމަދޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެރަށުގެ ކައުންސިލާއި ރައްޔިތުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެރަށުގެ ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށް ބަނދަރު ތަރައްޤިކޮށްފައިވާއިރު އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސްވަނީ ކޮށްފައެވެ.
މިހާރު އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ޚިދުމަތްތައް ރަށުގައި ޤާއިމުކުރުމަށް ކައުންސިލުންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެރަށުކައިރީން ފަތުރުވެރިންނާއި އެރަށުގެ ރައްޔިތުން ދަތުރުދާނެ ރަށެއް ހަމަޖައްސަވާދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.