ޚަބަރު

އެޗްއީއޯސީގެ ކުއްލި ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު 4 ޖަހާއިރު


ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ މިދަނޑިވަޅުގައި ކުއްލި ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު ބޭއްވުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީއިން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރެސް ކޮންފަރެންސަކީ ބައެއް މުހިންމު އެންގުންތަކާއި މައުލޫމާތުތަކެއް ރައްޔިތުންނަށް ދިނުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެސް ކޮންފަރެންސެކެވެ. އެޗްއީއޯސީން އާންމުކޮށް ޕްރެސް ބާއްވަމުންދަނީ ރޭނގަޑު 10 ޖަހާއިރުއެވެ. މިއީ މިފަހަކަށް އައިސް ދުވާލުގެ ގަޑިއެއްގައި ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ ޕްރެސް ކޮންފަރެންސެވެ.

މާލެ ސަރަހައްދުގައި ބަލީގެ ނުރައްކާ ބޮޑުވެ ބައްޔައް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ފާއިތުވެދިޔަ 5 ދުވަހެއްގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 500 އަށްވުރެ ގަތީގައި އުޅޭއިރު ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4000 އަށްވުރެ ގިނަ މީހުން ވަނީ ފާހަގަކުރެވިފައެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ރާއްޖޭގައި ބަލީގެ ޙާލަތު ގޯސްވަމުންދާކަމަށާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަމެއްދޭން ޖެހޭކަމަށެވެ. އެގޮތުން ބޭކާރުގޮތުގައި ބޭރަށް ނުކުމެ، އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް އުޅޭ މީހުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވުމެއްކަމަށް ނަޒްލާ ވިދާޅުވިއެވެ. މި ފަދަ ކަންކަމަކީ ގިނަ ބަޔަކު މިބަލީގެ ނުރައްކަލަށް ވެއްޓިގެންދާނެ ކަމެއް ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ބަލީގެ ހާލަތު އިތުރަށް ގޯސްވުމުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވުން ވަނީ ލަސްކޮށްފައެވެ. އަދި މިއަދު ވަނީ މާލެ ސަރަހައްދުގެ ސްކޫލުތައް ހުޅުވުމަށް ކުރިން އިއުލާންކުރި މުއްދަތު ފަސްކޮށްފައެވެ. މިހާރު ސްކޫލުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ފަހުންނެވެ.