މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީގެ 9 ކުޅުންތެރިން ހިމެނިއްޖެ އެވެ.
ފްރާންސް ފުޓްބޯލް އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނަން އިއްޔެ އިއުލާން ކުރިއިރު މި ލިސްޓުގައި ހިމެނިފައިވާ ޕީއެސްޖީގެ ނުވަ ކުޅުންތެރިންނަކީ އުސްމާން ޑެމްބެލޭ, ޖިއާންލުއިޖީ ޑޮންނަރޫމާ, ޑިސަޔާ ޑުއޭ, އަޝްރަފް ހަކީމީ, ކްވިޗާ ކްވަރަޓްސްކޭލިއާ, ނޫނޯ މެންޑޭޒް, ޖޮއާއޯ ނެވޭސް, ފަބިއަން ރުއިޒް ގެ އިތުރުން ވިޓީނިއާ އެވެ.
ނިމިގެންދިޔަ ސީޒަނުގައި ޕީއެސްޖީ އިން ތިން މުބާރާތް ކާމިޔާބު ކޮށްފައިވާއިރު އެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ޕީއެސްޖީ އިން ވަނީ ފްރެންޗް ލީގުގެ ޗެމްޕިއަންކަމުގެ އިތުރުން ފްރެންޗް ކަޕް ވެސް ހޯދާފަ އެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީ އިން ހޯދި ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ހުރިހާ މުބާރާތެއްގައި އެ ކްލަބަށް 35 ލަނޑު ޖަހައިދިން އުސްމާން ޑެމްބެލޭ އެވެ.
ބެލޮންޑިއޯ އަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ބާސެލޯނާގެ ރަފީނިއާ އާއި ލަމީން ޔަމާލްގެ އިތުރުން ލިވަޕޫލްގެ މުހައްމަދު ސަލާ އާއި މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް އެވެ.
މީގެ ތެރެއިން އުމުރުން 18 އަހަރުގެ ލަމީން ޔަމާލް ވަނީ ކޮޕާ ޓްރޮފީއަށްވެސް ނޮމިނޭޓް ވެފަ އެވެ. ކޮޕާ ޓްރޮފީ އަކީ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑެވެ.