މެޑިކަލް ރިޕޯޓްސް ތަކުގައި ސޮއި ކުރުމުން ބާސެލޯނާއިން އެ ޓީމުގެ ކެޕްޓަންކަން ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން އަށް އަލުން ދީފި އެވެ.
އޭނާގެ އަތުން ކެޕްޓަންކަން އަތުލީ މީގެ އެއް ދުވަސް ކުރިންނެވެ. އެއީ އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކީޕަރުގެ މެޑިކަލް ރިޕޯޓްސް ތަކުގައި ސޮއި ކުރަން ދެކޮޅު ހެދުމުންނެވެ. ބާސެލޯނާއިން އޭނާ ލައްވައި މި ރިޕޯޓްސް ތަކުގައި ސޮއި ކުރުވަން ބޭނުންވީ އޭނާގެ މުސާރައިގެ 80 ޕަސެންޓްގެ ޖާގަ ހުސްކުރުމަށެވެ. އެއީ އެ ޖާގަ ބޭނުންކޮށްގެން އަލަށް ޓީމަށް ގެނައި ކުޅުންތެރިން ރަޖިސްޓަރ ކުރުމަށެވެ. ނަމަވެސް މިކަމަށް އިޖާބަދޭން ޓާސްޓެގަން ފުރަތަމަ ބޭނުންނުވީ އޭނާގެ ނުގަބޫލުގައި އެއްވަން ކީޕަރަކަށް ޖޯން ގާސިއާ ކުލަބަށް ގެނައުމުންނެވެ.
އަލަށް ގެނައި ކުޅުންތެރިން ރަޖިސްޓަރ ކުރުމަށް ބާސެލޯނާ އަށް މާލީ ހާލަތު ރަނގަޅު ކުރަން އޮތީ މަޖުބޫރުވެފަ އެވެ. މިކަން ނުކޮށް ވާން އޮތީ ޓާސްޓެގަން ކަހަލަ މުސާރަ ބޮޑު ކުޅުންތެރިންގެ މުސާރަ ޝީޓުން ޖާގަ ހުސްކޮށްގެންނެވެ. އެކަން ކުރެވެން އޮތީ ކުޅުންތެރިޔާ ހަތަރު މަހަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ ނަމަ އެވެ.
ޓާސްޓެގަން އޮޕަރޭޝަން ކުރުމުގެ ކުރިން އިއުލާނު ކުރީ އޭނާ އަލުން ކުޅުމުގެ ތެރެ އަށް އަންނާނީ ތިން މަސް ދުވަހުން ކަމަށެވެ. އަދި އޭނާގެ އޮޕަރޭޝަނުގެ އެއްވެސް ކަމެއްގައި ބާސެލޯނާގެ މެޑިކަލް ޓީމުން ބައިވެރި ނުކުރެ އެވެ. ނަމަވެސް އޮޕަރޭޝަން ކުރި ޑޮކްޓަރުގެ ރިޕޯޓްގައި ވަނީ މަދުވެގެން ހަތަރެއް ނުވަތަ ފަސް މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ. އެކަމަކު ލަލީގާގައި މި ރިޕޯޓްތައް ރަޖިސްޓަރ ނުކުރެވުނީ ޓާސްޓެގަން ސޮއި ނުކުރުމުންނެވެ.
މިހެންވެ އޭނާ އަތުން ކެޕްޓަންކަން ވަގުތީ ގޮތުން އަތުލުމުގެ އިތުރަށް ބާސެލޯނާއިން ވަނީ އެއްވަނަ ނަންބަރު ވެސް ރަޖިސްޓަރ ނުކޮށްފަ އެވެ. ޓާސްޓެގަން ކުލަބާއެކު ސުލްހަވާން ތައްޔާރަށް ހުރި ކަމަށް ބުނެ ނޫސް ބަޔާން ނެރުނީ މި ހިސާބުންނެވެ.
އަނިޔާގެ ސަބަބުން ހުސްވި ސީޒަނުގައި އެއްކޮށް ނުކުޅެ ހުންނަން ޖެހުމާއެކު ބާސެލޯނާއިން މިހާރު ބޭނުންވަނީ އުމުރުން 34 އަހަރުގެ ޖަރުމަނު ކީޕަރު އެކުލަބު ދޫކޮށް އެހެން ކުލަބަކަށް ދިއުމަށެވެ. އެއީ ގާތްގާތުގައި އަނިޔާވެ، ކުރީގެ ކުޅުން ނުދެއްކިދާނެ ކަމަށް ބަލައިފަ އެވެ.