ޚަބަރު

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ސިންގަޕޫރުގެ ޤައުމީ ދުވަހަކީ އޯގަސްޓް މަހުގެ 9 ވަނަ ދުވަސް

  • ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން މިހާރު ވަނީ އިތުރަށް ބަދަހިވެފައި

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ، ސިންގަޕޫރުގެ ޤައުމީ ދުވަހާއި ގުޅިގެން މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އަދި ރައްޔިތުންނަށް ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ވަނީ ފޮނުވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސުލްހަމަސަލަސްކަމާއި ފާގަތިކަމަކީ ސިންގަޕޫރުގެ ކުރިއެރުމުގެ މުހިންމު ސިފައެއްކަން ފާހަގަކުރައްވާ، އެގޮތުގައި އަބަދުވެސް ދެމިއޮތުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން މިހާރު އިތުރަށް ބަދަހިވެ، ދެ ޤައުމަށް ފައިދާ ކުރަނިވި ގުޅުމަކަށް ބަދަލުވެގެން ގޮސްފައިވާކަން އެމަނިކުފާން ފާހަގަކުރައްވާފައެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ އިރު، ދާދި ފަހުން އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދައުވަތަކަށް ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަތީ ފަންތީގެ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން މުހިންމު 3 ދާއިރާއަކުން ވަނީ އެއްބަސްވުންތައް އެކުލަވާލާފައެވެ. މި އެއްބަސްވުންތައް އެކުލަވާލީ ޤާބިލުކަން އިތުރުކުރުމާއި ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއިންނެވެ. މީގެ އިތުރުން އެޤައުމުގައި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވިއެވެ. މި ފޯރަމްގައި ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ވަނީ ކިޔައިދީފައެވެ.

މިދިޔަ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 2 އަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ސިންގަޕޫރުގެ ސަރުކާރާއިއެކު ކުރެވޭ މަޝްވަރާތަކާއި، އެކުލަވާލެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ރައްޔިތުންނަށް ފައިދާކުރަނިވި ނަތީޖާތަކެއް ހޯދޭނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވެފައެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ޤައުމަކަށްވި ދުވަހުއެވެ. ސިންގަޕޫރާއި ދިވެހިރާއްޖެ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރު ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.