ކޯވިޑް-19

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި


ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ޚިދުމަތްދޭން ފަށައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޖީން އެކްސްޕަރޓް ކާޓްރިޖް ބޭނުންކޮށްގެންނެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯގެ އެހީގައި ސަރުކާރުން ރާއްޖޭގެ 6 ސަރަޙައްދެއްގައި މި ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރާ މަސައްކަތުގެ ދަށުން ކޮށްފައިވާކަމެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ޖީން އެކްސްޕަރޓް ކާޓްރީޖް ބޭނުންކޮށްގެން ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ ހަދަންޖެހޭ ޓްރައަލް ޓެސްޓްތައް ހެދުމުގެ މަސައްކަތް ނިންމައި، މެޝިނުގެ ކޮލެޓީވެސް ޗެކްކޮށްފައިވާކަމަށެވެ. އަދި އެޗް.ޕީ.އޭގެ ޚާއްސަ ހުއްދައާއެކު ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ލިބޭނެކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. މިއާއެކު އެންމެ ޕީކްވެގެންދާ ހާލަތެއްގައިވެސް ދުވާލެއްގެ މައްޗަށް 80 ސާމްޕަލް ޓެސްޓްކުރެވޭނެކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެތަން ޓަރޝަރީ ފެންވަރަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން 5 ޕްރައިވެޓް ރޫމާއި އެގްޒެކެޓިވް ރޫމެއް ހިމެނޭހެން އެ ހޮސްޕިޓަލުގައި އަލަށް ތަރައްޤީކޮށްފައިވާ ޕްރައިވެޓް ރޫމްތަކުގެ ވޯޑު މިއަހަރުގެ ޖެނުއަރީމަހު ވަނީ ހުޅުވާފައެވެ. އަދި ދުވަސް ނުފުރާ ވިހާ ކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް، އެން.އައި.ސީ.ޔޫގައި ނިއޯނޭޓަލް ވެންޓިލޭޓަރ މިމަހުގެ އެއްވަނަ ދުވަހު ވަނީ އިންސްޓޯލްކޮށްފައެވެ.

ކޯވިޑް-19އާއި ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޓެސްޓްކުރުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ 6 ތަނެއްގައި ޕީ.ސީ.އާރް މެޝިން ބޭނުންކޮށްގެން ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިހާރު މި އިންތިޒާމު ހަމަޖެހިފައިވަނީ އައި.ޖީއެމް.އެޗް، އޭ.ޑީ.ކޭ ހޮސްޕިޓަލް، ފުލުހުންގެ ޑީ.އެން.އޭ ލެބް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ.