ޚަބަރު

ތެލުގެ ސަޕްލައި އިތުރުކުރުމަށް ޓްރަމްޕް ފިޔަވަޅުތަކެއް އެޅުއްވި ނަމަވެސް އަގު ދަށަށް ނުވޭ


ތެލުގެ ސަޕްލައި އިތުރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ތެލުގެ އަގުތައް އަދިވެސް ދަށަށް ނުގޮސް ރެކޯޑު މިންވަރެއްގައި ވަނީ ހިފެހެއްޓިފައެވެ. މި އަަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން އެމެރިކާގައި ތެލުގެ އަގު ވަނީ އޭގެ ކުރިއާ އަޅާ ބަލައިއިރު 70 އިންސައްެތަ އިތުރުވެފައެވެ. އެމެރިކާގައި މި ވަގުތު ތެލުގެ އަގު އުޅެނީ ގެލޮންއެއް 6.28 އެމެރިކާ ޑޮލަރަށެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ވެސް ތެލުގެ އަގުތަކަށް ވަނީ އަސަރުކޮށްފައެވެ.

ތެލުގެ އަގު ތިރިކުރުމަށް ޓްރަމްްޕް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެމެރިކާއަށް ވާގިވެރިވާ ޤައުމުތަކުގެ އަތުގައި ހުރި ތެލުގެ ރިޒާވް ސްޓޮކު ބާޒާރަށް ނެރުމަށް ބާރު އެޅުއްވުން ހިމެނެއެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ 100 ފީފާގެ ތެލާއި ތެލުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ޖީ7ގެ ޤައުމުތަކާއެކު އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. އޭގެ އިތުރުން އެ ތެލަކަށް ޓެކްސް ނުނަގާ ރަތް ކުލައިން ކުލަޖައްސާފައިވާ ކޮށްފައިވާ ރެޑް-ޑައިޑް ޑީސެލް މަގުތަކުގައި ދުއްވާ އުޅަނދުތަކަށް އެޅުމުގެ ފުރުޞަރު ވެސް ދީފައިވެއެވެ. ނަމަވެސް މި ފިޔަވަޅުތަކާ އެކު ވެސް ޙާލަތު ރަނގަޅުވެދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

100 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް ނިންމާފައިވާ ނަމަވެސް، އޭގެ ތެރެއިން ބޮޑު ބަޔަކީ މިދިޔަ މާރިޗު މަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ހަކަތައާ ބެހޭ އިދާރާގެ މެންބަރު ޤައުމުތަކުން ކުއްލި ޙާލަތުގައި ބާޒާރަށް ނެރުމަށް ނިންމި ތެލުގެ ބާކީ ބައެވެ. އެހެންކަމުން ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ ތެލުގެ އައު ސަޕްލައިއެއް ނޫނެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނީ ކުރިން ބާޒާރަށް ނެރުމަށް ޤައުމުތަކުން އެއްބަސްވެފައިވާ ސްޓޮކު ބާޒާރަށް ނެރޭ ތާރީޚު އަވަސްކޮށް، އެ ސްޓޮކުގައި ވަކި ބާވަތްތަކެއްގެ ތެޔޮ ހިމެނުމަށް އެމެރިކާއިން އެހީތެރިވެފައިވާ ކަމަށެވެ. އެ ގޮތުން ޑީސެލް ބާޒާރަށް ނެރޭ މިންވަރު އިތުރުކުރުމަށް އެމެރިކާއިން އެހީތެރިވެފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

ރެޑް-ޑައިޑް ތެލަކީ އެއިން ޓެކްސް ނުނަގާ ތެލުގެ ބާވަތަކަށްވި އިރު، އެމެރިކާގައި މަގުތަކުގައި ދުއްވާ އުޅަނދުތަކަށް އެ ތެޔޮ އެޅުމުގެ ޙުއްދަ އާންމުކޮށް ނުދެއެވެ. އޭގެ ބަދަލުގައި އެ ތެޔޮ ބޭނުން ކުރަނީ ދަނޑުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް ކުރާ އުޅަނދުތަކަށް އެޅުމަށެވެ. އާންމު މަގުތަކުގައި ދުއްވާ އުޅަނދުތަކަޠް ޓެކްސް ނަގައި ތެޔޮ އެކަނި ބޭނުންކުރެވޭ ގޮތަށް އެ ޤައުމުގައި ހަދާފައި އޮންނަނީ އެ ތެލުން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ މަގުތައް މަރާމާތުކުރުމަށާއި ހެދުމަށް ބޭނުންކުރުމަށެވެ.

ނަމަވެސް ތެޔޮ ތަދުވެފައިވާ މި ދަނޑިވަޅުގައި ޓްރަމްޕް ވަނީ މަގުތަކުގައި ދުއްވާ އުޅަނދުތަކަށް ވެސް ރެޑް-ޑައިޑް ތެޔޮ، ޓެކްސް ދެއްކުމެއް ނެތި ބޭނުން ކުރެވޭނެ ކަމަށް ނިންމާފައެވެ. އެކަމަކު އެ ތެލަށް ތެޔޮ ވިއްކާ ފަރާތްތަކުގެ މާ ބޮޑު ޝައުޤުވެރިކަމެއް ނެތެވެ. އެއީ ޓެކްސްއާ ގުޅުންހުރި ކަންބޮޑުވުންތަކާއި، އެ ތެޔޮ ވިއްކުމާ ގުޅޭ އިންތިޒާ
މްތައް ހަމަޖެއްސުމާ މެދު ހުރި ކަންބޮޑުވުންތަކިގެ އިތުރުން، އެ ތެޔޮ ބޭނުންކުރާ އުޅަނދުތައް އެހެން ސްޓޭޓުތަކަށް ދަތުރުކުރުމުން އުފެދިދާނެ މައްސަލަތަކާމެދު ހުރި ކަންބޮޑުވުންތަކެއްގެ ސަބަބުންނެވެ. އަދި އާދައިގެ ޑީސެލްގެ ބަދަލުގައި ރެޑް-ޑައިޑް ތެޔޮ ބޭނުންކޮށްގެން ޚަރަދު ކުޑަވާ މިންވަރު ވެސް ކުޑަވީމައެވެ.

ހަކަތައިގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުން ވެސް ވިދާޅުވަނީ ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހަކަތައިގެ ދާއިރާއަށް ކުރިމަތިވެފައިވާ ޙާލަތު ރަނގަޅުވުން އެކަށީގެން ނުވާ ކަމަށެވެ. މައްސަލައަށް އެދެވޭ ޙައްލެއް ހޯދޭނީ ދާއިމީ ގޮތަކަށް ހަނގުރާމަތައް ހުއްޓާލައިގެން ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

ތެލުގެ އަގުތައް އުފުލުމުގެ ސަބަބުން ޓްރަމްޕްއާއި އޭނާގެ ސިޔާސީ ޕާޓީއަށް ވެސް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ދަނޑުވެރިންނާއި ޓްރަކް ދުއްވާ މީހުންނާއި ރަށްފުޅުގެ ސަރަަޙައްދުތަކުގައި ވޯޓުލާ މީހުން ހިމެނޭހެން ގިނަ ބަޔަކަށް ވަނީ ބޮޑެތި އަސަރުތައް ކޮށްފައެވެ. އަދި ދިރިއުޅުމުގެ އަގު އުފުލެމުންދާތީ ރައްޔިތުން ވަނީ ހިތްހަމަނުޖެހިފައެވެ. ނޮވެމްބަރު މަހުގެ 3ވަނަ ދުަވަހު އެމެރިކާގެ މެދު ދައުރުގެ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާ އިރު، އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަޤުބޫލުކަން މިހާރު ހުރީ 32 އިންސައްތައިގައެވެ.