ކޯވިޑް-19

ކޯވިޑް-19 : ސަރުކާރުން ކޮށްފައިވާ ބައެއް މުހިއްމު މަސައްކަތްތައް ކުރުކޮށް!


ކޯވިޑް-19 އާއެކު ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތަށް އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދިވެހިރާއްޖެއިންވެސް ދިޔައީ ދުރާލާ ތައްޔާރުވަމުންނެވެ. ހާލަތަށް އަންނަމުންދާ ބަދަލުތަކަށް ފާރަވެރިވެ، ކަމާބެހޭ ތަޖުރިބާކާރުންގެ މަޝްވަރާއާއި ލަފައާއެކު ހިނދުން ހިނދަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދީފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ސްޓޭންޑެޑް އޮޕަރޭޓިން ޕްރޮސިޖަރ، އެސް.އޯ.ޕީތައް ތައްޔާރުކޮށް، ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށް، ހާލަތު ދިޔައީ ވަރަށް ގާތުން މޮނިޓަރކުރަމުންނެވެ. 

ރާއްޖެއިން ކޯވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވެފައި ވަނީ 7 މާރޗު 2020 ގައެވެ. ނަމަވެސް ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކަށް މި ބަލި ފެތުރެން ފެށި ހިސާބުން މިދިޔަ ޖެނުއަރީމަހުގެ 22 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ދިޔައީ އާއްމުންގެ ރައްކާތެރިކަމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. ދޭސީއެއް، ބިދޭސީއެއް މިކަމުގައި ތަފާތުކުރުމެއްނެތިއެވެ. މި ބަލިމަަޑުކަމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެ ގޯސް ހާލަތަކަށް ތައްޔާރުވުމުގެ އިތުރުން، މާލީގޮތުންނާއި އިޖްތިމާއީ ގޮތުން އާއްމުންގެ ދިރިއުޅުމަށްކުރާ އަސަރު ވީހާވެސް ކުޑަކުރުމަށްޓަކާ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިމަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ސަރުކާރުން ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އޭގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބައެއް މުހިއްމު ކަންތައްތަކަށް މި ރިޕޯޓުގައި ބަލާލާނަމެވެ.

އިޖްތިމާއީ އެހީ:

ކޯވިޑް-19 ޖެހުމުން ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އެންމެ ބޮޑީ އުމުރުން ދުވަސްވީ ފަރާތްތަކަށާއި، އެހެނިހެން ބަލިތަކުގައި ދިގުމުައްދަތަކަށް ބޭސް ކާންޖެހޭ މީހުންނެވެ. އެހެންކަމުން އުމުރުން ދުވަސްވީ 1492 މީހެއްގެ ޙާލަތު ސަރުކާރުން އަންނަނީ ވަރަށް ގާތުން މޮނިޓަރކުރަމުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ 2508 މީހެއްގެ ޙާލަތުވެސް އަންނަނީ މޮނިޓަރކުރަމުންނެވެ. ނަފްސާނީ އަދި ޢިޖްތިމާއީ އެހީތެރިކަން ބޭނުންވާ ޖުމްލަ 3086 މީހަކަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ވަނީ ޚިދުމަތްދީފައެވެ. އަދި ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އައި.ޖީ.އެމް.އެޗްގެ ސެންޓަރ ފޯރ މެންޓަލް ހެލްތުން 2148 މީހަކަށް ޚިދުމަތްދީފައިވެއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 212 މީހަކަށް ފަރުވާދިނުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާއިރު، އާސަންދައިގެ ދަށުން ފަރުވާކުރުމަށް 37 މީހަކު އިންޑިއާއަށް ފުރުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި އެކަމަށް ބޭނުންވާ ހުއްދަ އިންޑިއާ ސަރުކާރުން ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

އެކިއެކި ޒަރޫރީ ބޭނުންތަކަށް މާލެއައިސް، ފުރަބަންދުގެ ސަބަބުން އެނބުރި ރަށަށް ނުދެވި ތިބި 3061 މީހަކު ޓްރާންސިޓް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އަނބުރާ ރަށަށް ދިއުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އަދި އެކި ބޭނުންތަކަށް ރާއްޖޭން ބޭރަށްގޮސްފައިވާ ދިވެހިންގެ ތެރެއިން އެނބުރި ޤައުމަށް އަންނަން ބޭނުންވާ ދިވެހިން ރާއްޖެގެނައުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 14 ޤައުމެއްގައި ތިބި 2602 މީހަކު ވަނީ އަނބުރާ ރާއްޖެގެނެސްފައެވެ. އަދި ޤަވާއިދާ ޚިލަފަށް ރާއްޖޭގައި އުޅެމުންދިޔަ 2498 ބިދޭސީއަކު އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައިވެއެވެ.

ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލުން ލުއިތަކެއްދީފައި ވާއިރު، ކުއްލި ދެއްކުމަށް ދަތިކަން ކުރިމަތިވި 112 މީހަކަށް ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ގޭބިސީތަކުގެ ކުއްލި ކޮންޓްރޯލް ކުރުމަށާއި، ކުލި ނުދެއްކިގެން ގެއިން ނެރެލުމާއި، ވަޒީފާއިން ވަކިކުރުންފަދަ ކަންކަމަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ބިލެއްވެސް ހުށަހަޅާފައެވެ.

މީގެ އިތުރުން ވަޒީފާ ގެެއްލިގެން ހުށަހަޅާފައިވާ 2919 މީހަކަށްވެސް ވަނީ އެހީތެރިވެދީފައެވެ.

ކޯވިޑް-19އާއި ގުޅިގެން ކޮށްފައިވާ ޚަރަދުތައް:

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށާއި، މި ޙާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 939 މިލިއަން ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ.

މީގެތެރެއިން ވަކިވަކި ދާއިރާތަކުން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، މެޑިކަލް ކޮންސިއުމަބަލް ހޯދުމަށް 419 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިދާރީ ކަންކަން ހަމަޖެއްސުމާއި ހިންގުމުގެ ކަންކަމަށް 174 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ފެސިލިޓީތައް ޤާއިމުކުރުމަށް 126 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެން.އީ.އޯ.ސީގެ މަސައްކަތްތަކަށް 33 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ އިތުރުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކަމަޑޭޝަންގެ އިންތިޒާމްތައް ހަމަޖެއްސުމަށް 22 މިލިއަން ރުފިޔާ އަދި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 1.32 މިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފައިވެއެވެ.

މާލީ އެހީ:

ކޯވިޑް-19ގެ މި ޙާލަތުގައި ރައްޔިތުންނަށް މާލީގޮތުން ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން 16،168 ލޯނެއް އަނބުރާ ދެއްކުމުގެ މުއްދަތު ސަރުކާރުން ވަނީ 6 މަސް ދުވަހަށް ފަސްކޮށްދީފައެވެ. ރުފިޔާއިން ބަލާނަމަ އެއީ 13.4 ބިލިއަން ރުފިޔާއެވެ. އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެސް.ޑީ.އެފް.ސީގެ ލޯނަށް އެދި ހުށަހަޅާފައިވާ 2370 ފަރާތެއްގެ ތެރެއިން 1356 ފަރާތަކަށް ސަރުކާރުން މިހާތަނަށް ވަނީ 245.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

ފްރީލާންސްވޯކަރުން ނުވަތަ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީ ދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިއުޒީޝަނުން، ޓެކްސީ ޑްރައިވަރުން އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާތަނަށް 11 މިލިއަން ރުފިޔާގެ މާލީ އެހީ ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އެންސްޕާ މެދުވެރިކޮށް 143 މީހަކަށް އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް 225 ދަރިވަރަކަށް މާލީ އެހީ ސަރުކާރުން ފޯރުކޮށްދީފައިވެއެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް:

ކޯވިޑް-19އާއި ދެކޮޅަށް ރާއްޖޭން ކުރަމުންދާ ހަނގުރާމައިގައި، އާއްމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، މާލީގޮތުންނާއި އިޖްތިމާއީގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކުއެކީގައިހެން، ރާއްޖޭގައި މިހާރު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ މަަޝްރޫޢުތަަކަަށްވެސް ހުއްޓުމެއް އަޔަނުދީ އެ މަަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ދިޔައީ ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި 1006 މަޝްރޫޢެއް ހިންގުމަށް ސަރުކާރުން އޮތީ ޕްލޭންކޮށްފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު 7.5 އިންސައްތަ ކުރިއަރާނެކަމަށް ސަރުކާރުން ކުރިން އަންދާޒާކޮށްފައިވެއެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ދަޢުލަތަށް ޢާމްދަނީ ވަންނަ މިންވަރު އެތައް ގުނައެއް ދަށްވެ، ރާއްޖޭގެ މުޅި ޢިޤްތިޞާދު 11.3 އިންސައްތަ ދަށްވާނެކަމަށް ސަރުކާރުން މިހާރު އަންދާޒާކުރެއެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓާނުލާ ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މީހާރުވެސް 291 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި މެގަރ ޕްރޮޖެކްޓްތަކުގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކާއި، ގުޅީފަޅުގައި ބައިނަލްއަޤްވާމީ ޕޯޓެއް ތަރައްޤީކުރުމާއި، މާލެ-ގުޅީފަޅު ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫޢު ހިމެނެއެވެ. އަދި އަތޮޅުތަކުގައި ކުރިއަށްދާ ބަނދަރު ހެދުމާއި، މަގު ހެދުމާއި، ހޮސްޕިޓަލްތަކާއި ސިއްހީ މަރުމަޒުތަކާއި، ސްކޫލުތަކާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވާ މަރާމާތުކުރުން ފަދަ އެތައް މަޝްރޫޢެއްވެސް ހިމެނެއެވެ.