ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ދެމަފިިރިއަކު ވަނީ އެމީހުންނަށް ދިމާވާ ދަތިތައް ރައީސުލްޖުމްހޫރއްިޔާއާ ހިއްސާކުރައްވާފައެވެ.
އަޑު އިވުމުން މަހުރޫމްވެފައިތިބި ދެމަފިރިން ވަނީ އެ ދެމީހުންނަކީވެސް އަޑު އިވުމުން މަހުރޫމްވެފައި ތިބި ދެމީހުންނަށްވުމުން އެމީހުން ދިރިއުޅޭ އިމާރާތުގައި ނުރައްކާތެރި ހާދިސާއެއް ހިނގިނަމަވެސް އެކަން އެނގޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން އެފަދަ ހާދިސާތައް ހިނގަފިނަމަ އެކަން އަންގައިދޭނެ ނިޒާމެއް އިމާރާތްތަކުގައި ހުރުން މުހިއްމުކަން އެމީހުން ފާހަގަކުރިއެވެ. މީގެ އިތުރުން އެ ދެމީހުންގެ 3 ދަރިންނަކީ ސްކޫލްގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންކަމަށާއި ނަމަވެސް މުދައްރިސުންނާ މުޢާމަލާތް ކުރުމަށް ދަތިވާކަންވެސް އެމީހުން ފާހަގަކުރިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ތަރައްޤީކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަތަކަށް އެނގޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި މިހާރު ހުރި އިމާރާތްތަކުގައިވެސް އެފަދަ މީހުންނަށް ފަސޭހަ ނިޒާމެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ސްކޫލް މާހައުލުން ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސްކޫލްގައިވެސް އެކްސެސްބިލިޓީ ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.
"ސްކޫލްގައާއި ދިރިއުޅޭ މާހައުލުގައި އެކްސެސްބިލިޓީ ޤާއިމްކޮށްދިނުމަށް މަސައްކަތް ކޮށްދޭނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މުޖުތަމަޢުގައި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުޅޭއިރު އެމީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އޮފީސް އިމާރާތްތަކަށާއި ތަރައްޤީކުރާ ފްލެޓްތަކަށްވެސް ފަސޭހައިން ވަދެ ނުކުމެވޭނެ އިންތިޒާމްތައް ހަމަޖައްސައެވެ. އަދި މަގުތަކާއި ޕާކްތައް ފަދަ ތަންތަނުގައިވެސް އެފަދަ މީހުންނަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިހުރެއެވެ.