ޚަބަރު

ޕޮލެންޑުގެ ސަރަހައްދީ ރޮނގު ކައިރިއަށް ރަޝިއާގެ ވަރުގަދަ ހަމަލާއެއް


ޔޫކްރެއިންއާއި ޕޮލެންޑުން ޙިއްޞާ ކުރާ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިއާގެ ހަމަލާއެއް އަމާޒުވުމާއެކު ޕޮލެންޑުގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ.

ޕޮލެންޑުގެ އަސްކަރިއްޔާއިން ބުނީ ރަޝިއާގެ ހަމަލާ ނޭޓޯ ބޯޑަރާ ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ކައިރިއަށް ފޯރާފައިވާ ކަމަށެވެ. އެ ސަރަޙައްދަށް ޑްރޯންއެއް ވެއްޓިފައިވާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ބުނެއެވެ. ނަމަވެސް ޕޮލެންޑުގެ ވައިގެ ސަރަޙައްދުގެ ތެރެއަށް ރަޝިއާއިން ވަދެފައި ނުވާ ކަމަށާއި، އެ ހަމަލާއާއެކު ޕޮލެންޑުގެ އަސްކަރީ މަތިންދާބޯޓު އުދުއްސައި އޮޕަރޭޝަނެއް ފުރިހަމަކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. ހަމަލާ ދިނުމާއެކު ޕޮލެންޑުގެ ބައެއް ވައިގެ ބަނދަރުތައް ވަގުތީ ގޮތުން ބަންދު ކުރި ނަމަވެސް މިހާރު ވަނީ އަލުން ހުޅުވާލައިފައެވެ.

މި ހަފްތާގެ ކުރީކޮޅުގައި ވެސް ޔޫކްރެއިންއާއި ރަޝިއާއިން ޙިއްޞާ ކުރާ ސަރަޙައްދީ ރޮނގާ 2 ކިލޯމީޓަރު ދުރުން ދަތުރުކުރި ފަސިންޖަރުން އުފުލާ ރޭލަކަށް ރަޝިއާގެ ޑްރޯން ހަމަލާއެއް އަމާޒުވެފައިވެއެވެ.

ރަޝިއާއާއި ޔޫކްރެއިންއިން ބަދަލުކުރަމުންދާ ހަމަލާތަކުގައި ރަޝިއާގެ ޔަރޮސްލަވްލް ސަރަޙައްދުގައި ހުރި ތެޔޮ ރިފައިނަރީއަކަށާއި ރޮސްޓޮވް-އޮން ޑޯންގައި ހުރި ޓްރަންސްފޯމާ ސަބްސްޓޭޝަނަކަށް ޔޫކްރެއިންގެ ޑްރޯން ހަމަލާއެއް ވަނީ އަމާޒުވެފައެވެ. އޭގެ އިތުރުން ރަޝިއާގެ ވެރިރަށް މޮސްކޯގައި ވެސް ހަ ޑްރޯން ވައްޓާލާފައިވެއެވެ.

ރަޝިއާއިން ބުނީ ޔަރޮސްލަވްލް ސަރަޙައްދުން ޖުމްލަ 65 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. ތެޔޮ ރިފައިނަރީއަށް އަމާޒުވި ހަމަލާގެ ސަބަބުން އެ ތަނުގައި އަލިފާން ރޯވި ކަމަށާއި، ކައިރި ސަރަޙައްދުތަކުގައި ހުރި ގޭގެއަށާއި އެއްގަމު އުޅަނދުފަހަރަށް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައިވެއެވެ. ނަމަވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ރޮސްޓޮވް-އޮން ޑޯންގައި ހުރި ޓްރަންސްފޯމާ ސަބްސްޓޭޝަނަށް ދިން ހަމަލާގައި އެ ސިޓީގެ ހަތަރު ޑިސްޓްރިކްޓަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވެއެވެ. އަދި ބައެއް ގޭގެއަށާއި އިމާރާތްތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ. އެ ހާދިސާގައި ވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން ޔޫކްރެއިންއަށް ދީފައިވާ ހަމަލާތަކުގައި މީހުން ދިރިއުޅޭ އިމާރާތެެއްގެ އިތުރުން އެކި ޑިސްޓްރިކްޓުތަކުގައި ހުރި އިތުރު އިމާރާތްތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ. އެ ހަމަލާތަކުގައި 16 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ވެފައިވާ އިރު، 9 މީހަކު ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާ ދީފައިވެއެވެ.

އޭގެ އިތުރުން ރަޝިއާއިން ދިން ޑްރޯން ހަމަލާއެއް ޔޫކްރެއިންގެ ބަނދަރަކަށް ކަނޑުމަގުން ދަތުރުކުރަމުން ދިޔަ ޓެންޒޭނިޔާގެ އުޅަނދަކަށް އަމާޒުވެފައިވެއެވެ. އެ ހަމަލާގައި އެ އުޅަނދުގެ ކެޕްޓަން ވަނީ މަރުވެފައެވެ. އަދި ތިން ފަޅުވެރިއަކަށް ޒަޚަމްވެފައިވެއެވެ. އެ އުޅަނދުގެ ޙާލަތު އަދި ސާފު ނުވާ ކަމަށާއި އެ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޔޫކްރެއިންގެ ކަމާބެހޭ ވުޒާރާއިން ބުނެއެވެ. އެ ވުޒާރާއިން ވަނީ ރަޝިއާއިން ނިޒާމީ ގޮތެއްގެ މަތިން ޔޫކްރެއިންގެ ބަނދަރުތަކާއި ގުޅުން ހުރި ބިނާރަށާއި، އަމިއްލަ މީހުންގެ ވިޔަފާރި އުޅަނދުފަހަރަށް ހަމަލާތައް އަމާޒުކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ. އޭގެ ސަބަބުން އުޅަނދުތަކުގައި މަސައްކަތް ކުރާ ފަޅުވެރިންނަށާއި، ބައިނަލްއަޤްވާމީ ޝިޕިންގއަށާއި، ބްލެކް ސީގައި ކުރާ ދަތުރުތަކަށް ނުރައްކާވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.