ކޯވިޑް-19

ކޯވިޑް-19 : "މަންމައާއި ބައްޕައާއި އަހަރެންވެސް ޕޮޒިޓިވް"


"ވަރަށް ބިރުގަތް. މުޅި މިހާ ގަނޑުވެ، ބުނާނެ އެއްޗެއް ނޭންގިފައި ހުރީ" ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި ޒުވާނެއް އޭނާއަށް ކުރެވުނު އިޙްސާސްތަކާއި ތަޖުރިބާ ޕީ.އެސް.އެމް ނިއުސްއާއި ހިއްސާކުރަމުން ފުރަތަމަވެސް ބުނީ މިފަދައިންނެވެ.

އުމުރުން 20 އަހަރުގެ ޝިފާ (އަސްލު ނަމެއް ނޫން) އޭނާގެ މަންމަ (އުމުރުން 43) އާއި ބައްޕަ (އުމުރުން 53) ވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވެފައެވެ. ޝިފާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

"ފުރަތަމަ އެމީހުން ގުޅާފައި އެހީ ނަން. ދެން އެހީ ޝިފާގެ ކޮއްކޮގެ ވާހަކަ. އެއީ ކޮއްކޮހޭ އެހުމުން ޝިފާ ބުނިން އާއެކޭ. ދެން ކުޑައިރުކޮޅަކު އެހެންހުރެފައި ފޯނު ބާއްވައިފި" ޝިފާ ބުނިގޮތުގައި އެ ކޯލާއެކު ފުރަތަމަވެސް އޭނާގެ ހިތްނުތަނަވެސްވިއެވެ. އަދި ކޮއްކޮގެ ވާހަކަ އޮޅުންފިލުވުމުން އޭނާ ފުރަތަމަ ހީކޮށްގެން ހުރީ ކޮއްކޮ ޕޮޒިޓިވްވީކަމަށެވެ. ނަމަވެސް އެ ދުވަހުގެ މެންދުރު ވަނިކޮށް އޭނާއަށް ދެވަނަ ކޯލެއް އައެވެ. އެކޯލާއެކު ލިބުނީ ކޯވިޑް-19އަށް ޓެސްޓްކުރުމަށް އޭނާގެ ގައިން ނެގި ސާމްޕަލްވެސް ޕޮޒިޓިވްވި ޚަބަރެވެ.

"ޑޮކްޓަރާއި ވާހަކަދެއްކިއިރު މާބޮޑު އުނދަގޫކަމެއް ވާހަކަދެއްކުމަކުނެތް. އެކަމު މަންމައަށް އެ ޚަބަރުދޭން ގުޅާފައި ހަމަ ރޮވުނީ. ވެދާނެ ހާސްވިލެއް ބޮޑުކަމުންކަމަށް" ޝިފާ ބުންޏެވެ.

14 ޖޫން - ފުރަތަމަ ޕޮޒިޓިވްވީ ބައްޕަ


ޝިފާ ބުނިގޮތުގައި އެ އާއިލާއިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭނާގެ ބައްޕައެވެ. ބައްޕައަށް ބަލިޖެހުނުކަން އެނގުނީ މާބޮޑަށް ހުން އައިސް، ކެއްސާ ގައިގަ ރިއްސާތީ އުޅެން ފެށުމުން މާލޭ ހިޔާ ފުރަގަހުގައި ހުރި ފްލޫ ކްލިނިކަށް ދެއްކުމުން އެތަނުން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ. އެއީ މިމަހުގެ 14 ވީ އާދިއްތަ ދުވަހެވެ.

"ހޮނިހިރު ދުވަހު ހަވީރު ޝިފާ ދިޔައީ ބައްޕަ ގޮވައިގެން ފްލޫ ކްލިނިކަށް. އެތަނުން ބައްޕަގެ ހުމާއެއްޗެހި ޗެކްކޮށް ބަލާފައި ބުނީ ސާމްޕަލް ނަގަންށޭ ޖެހޭނީ. ކްލިނިކަށް ދިޔަތާ ހަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސާމްޕަލް ނަގައިފި. ސާމްޕަލް ނެގިއިރުވެސް ބައްޕަގެ ހާސްކަން ފިލުވުމަށް ތަފާތު ވާހަކަ އެމީހުން ދެއްކި. ދެން ބައްޕަގެ އަލާމާތްތަކަށް ބަލާ ބޭސްދީފައި ގެއަށް ފޮނުވާލީ. އޭގެ ޖެހިގެން އައި ދުވަހުގެ 11 ޖަހަނިކޮށް ގުޅާފައި އެންގީ ބައްޕަގެ ސާމްޕަލް ޕޮޒިޓިވްވިކަން" ޝިފާ ބުންޏެވެ.

ފްލޫ ކްލިނިކަށް ދެއްކުމަށްފަހު ބައްޕަ ފޮނުވާލީ، ކަންކަން ކުރަންވީގޮތުގެ އިރުޝާދު ވަރަށް ރަނގަޅަށް ދީފައިކަމަށް ޝިފާ ބުންޏެވެ. އެގޮތުން ގައިގަ ރިއްސާނަމަ ބޮނޑިތާންކުރުމުށާއި، ގައިގައި ރަޖާ އަޅައިގެން ނޯތުމަށް، އަދި ތާޒާވައި ލިބޭނެހެން ކޮޓަރިތެރެ ބެހެއްޓުމަށް ޑޮކްޓަރު އިރުޝާދިންކަން އޭނާ ފާހަގަކުރިއެވެ.

ބައްޕަ ޕޮޒިޓިވްވި ހިސާބުން ކަމާގުޅޭ ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމުގެ އިތުރުން، ހުރިހާ ފޯނު ކޯލުތަކަށް ޖަވާބު ދެމުންދިޔައީވެސް ޝިފާއެވެ. ދާއިމީ ބައްޔަކަށް ބޭސް ކައިތޯއާއި، ހަކުރު ބަލި ނުވަތަ ކޮލެސްޓްރޯލް ހުރޭތޯ އަހާ އެކަންކަން އޮޅުންފިލުވިކަމަށް ޝިފާ ބުންޏެވެ. އަދި ބައްޕަ އައިސޮލޭޝަނަށް ގެންދަންޖެހޭނެކަމަށް ބުނެ 6 ގަޑިއިރުތެރޭ ތައްޔާރުވެގެން ތިބުމަށް އެންގިކަމަށް ޝިފާ ކިޔައިދިނެވެ.

"ބުނި މިވަގުތު ގޭގައި ތިބި އެއްވެސް މީހަކު ބޭރަށް ނުނިކުތުމަށާއި، އިތުރު މީހަކު ގެއަށް ވަނަނުދިނުމަށްވެސް. އަދި ޕެކް ކުރަންވީ ކޮންއެއްޗެއްސެއްކަމާއި، ސަމާލުކަންދޭންވީ ކަންކަން ވަރަށް ރަނގަޅަށް ކިޔައިދިން. އެ ފަހުން ބައްޕަގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެޗް.ޕީ.އޭއިން ގުޅީ. ބައްޕަގެ އަލާމަތްތައް ފެންނަން ފެށީ ހުކުރު ދުވަހު. އެހެންވެ އޭގެ 2 ދުވަސްކުރިން ފެށިގެން ބައްޕައާއި ދިމާވި އެންމެންގެ މަޢުލޫމާތު އެއްކޮށްދިނުމަށް އެދުނު" ޝިފާ ބުންޏެވެ.

ޝިފާގެ ބައްޕައަށް ކޯވިޑް-19 ޖެހުނުއިރު އެގޭގައި އިތުރު 6 މީހަކު ދިޔައީ ދިރިއުޅެމުންނެވެ. އެއީ ޝިފާގެ މަންމައާއި ޝިފާއާއި، އޭނާގެ ފިރިހެން ކޮއްކޮއަކާއި އަންހެން ކޮއްކޮއެއްގެ އިތުރުން ތިމާގެ ދެ މީހުންނެވެ. އެ އެންމެނަކީވެސް ބައްޕައާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންކަމުން އެ އެންމެންގެ ސާމްޕަލް ނަގާނެކަމަށް ރެޕިޑް ރެސްޕޯންސް ޓީމުން ޝިފާއަށް ގުޅާފައި އެންގިއެވެ. އަދި ޝިފާވަނީ އެ އެންމެންގެ ފުރިހަމަ ނަމާއި، އައި.ޑީ ކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު އެމީހުންނާއި ހިއްސާކޮށްފައެވެ.

އާއިލާއާއި ދުރަށް ބައްޕަ އެކަނި ފޮނުވާލުންވީ ޝިފާއަށާއި އޭނާގެ އާއިލާއަށް ހިތްދަތި އިހްސާސްތަކެއް ކުރުވިކަމަކަށެވެ. އަދި އެއީ އެމީހުން އެއްވެސް ހާލެއްގައި ކުރަން ބޭނުންވި ކަމެއްވެސް ނޫނެވެ. ނަމަވެސް ބަލީގެ ގޮތުން މިވަގުތަށް އެންމެ މުހިއްމީ ސިއްހީ ފަރާތްތަކުންދޭ އިރުޝާދުތައް ޤަބޫލުކޮށް އެފަރާތްތަކަށް އެއްބާރުލުން ދިނުންކަން ޝިފާއާއި އޭނާގެ އާއިލާއިންވެސް ޤަބޫލުކުރެއެވެ. އެހެންކަމުން އެމީހުންނަށް މަޖުބޫރުވީ ހިތާއި ދެކޮޅަށް ވިޔަސް ބައްޕަ އައިސޮލޭޝަނަށް ފޮނުވުމެވެ. ޝިފާގެ ބައްޕަ އައިސޮލޭޝަނަށް ގެންގޮސްފައިވަނީ އޮޅުވެލި ބީޗް އެންޑް ސްޕަރގައި ޤާއިމުކޮށްފައިވާ ފެސިލިޓީއަށެވެ.

"ވަރަށް އުނދަގޫވި ވަގުތުކޮޅެއް އެއީ. އެކަމު ޤަބޫލުކުރިން ހާލަތަށް ބަލާފައި އެންމެ ރަނގަޅުގޮތަކީވެސް އެއީ ކަން. ބައްޕަ އައިސޮލޭޝަނަށް ގެންދިޔަ ފަހުން އެރޭ 9 ޖަހާ އެހާކަންހާއިރު އާރް.އާރް.ޓީން ގުޅާފައި ބުނެފި އެންމެންގެ ސާމްޕަލް ނަގަން އަންނާނެ ވާހަކަ. ދެން އެފަހުން ގާތްގަނޑަކަށް ގަޑިއިރެއްގެ ތެރޭގައި އެމީހުން އައިސް ގޭގަައި ތިބި އެންމެންގެ ސާމްޕަލްތައް ނަގައިފި. ދެތިން ދުވަހުގެ ތެރޭގައި ނަތީޖާ ލިބޭނެއޭ ބުނީ" ޝިފާ ބުންޏެވެ.

މަންމަވެސް ޕޮޒިޓިވްވީމަ އެދުނީ މަންމައާއި ބައްޕަ އެއްތަނެއްގައި ބައިތިއްބާދިނުމަށް


ޖެހިގެން އައި ދުވަހު (15 ޖޫން) ގެ ދުވާލުގެ ގަޑިތައް ނިމިގެންދިޔައީ އައި.ޖީ.އެމް.އެޗް، އެޗް.ޕީ.އޭ ނުވަތަ އާރް.އާރް.ޓީގެ އެއްވެސް ފޯނުކޯލެއް ނެތިއެވެ. ޝިފާއާއި އޭނާގެ އާއިލާއިން ދިޔައީ ބައްޕައަށް ޤަވާއިދުން ގުޅައިގެން ވާނުވާ އޮޅުން ފިލުވާ، ޙާލު ބަލަމުންނެވެ. އަދި އާއިލާގެ އިތުރު މެންބަރުންވެސް ދިޔައީ ގުޅާ ހާލާއަހުވާލު ބަލަމުންނެވެ.

މުޅި ދުވަސް ދިޔައީ އެފަދަ ގޮތަކަށެވެ. އެހެން ހުއްޓާ އެރޭ ގާތްގަނޑަކަށް 8 ޖަހަނިކޮށް ފޯނުކޯލެއް އައެވެ. އެދުނީ 9 ޖަހަންވާއިރަށް ޝިފާގެ މަންމަވެސް އައިސޮލޭޝަނަށް ދާން ތައްޔާރުވުމަށެވެ. މަންމަވެސް ބައްޔަށް ޕޮޒިޓިވްވީތޯ އެހުމުން ޖަވާބުގައި، އެމީހުން ކަންކަން ކުރަމުންދަނީ އެމީހުންނަށްވެސް އަންގާގޮތަށްކަމަށާއި، ޕޮޒިޓިވްވިކަމެއް ބުނަން ނޭންގޭކަމަށް ޝިފާ ބުންޏެވެ.

"އެ ކޯލާއެކު މަންމަ އިތުރަށް ހާސްވާން ފެށީ. އޭރު ދެން އެހާ ވަގުތުވެސް ނެތީމަ ޝިފާމެން ބެލީ އަވަހަށް މަންމައަށް ބޭނުންވާނެ އެއްޗެތި އެއްކޮށްފައި ޕެކްކުރެވޭތޯ. އެ މަސައްކަތުގައި ހުއްޓާ އައި.ޖީ.އެމް.އެޗުން ގުޅާފައި އެންގީ މަންމަގެ ސާމްޕަލްތަކުގެ ނަތީޖާ ޕޮޒިޓިވްކަމަށް. އެކަން އެނގުމުން މަންމަ ފެށީ ރޯން. ދެން އަހަރުމެން އެދުނީ މަންމައާއި ބައްޕަށްވެސް އެއް ކޮޓަރިއެއްގައި ބެއިތިއްބުމަށް" ޝިފާ ކިޔައިދިނެވެ.

އާއިލާގެ އެދުމުގެމަތިން ޝިފާގެ މަންމަވެސް އައިސޮލޭޝަނަށް ގެންގޮސްފައިވަނީ އޮޅުވެލި އައިސޮލޭޝަން ފެސިލިޓީއަށެވެ. މަންމަ ދިއުމުން ގޭތެރެ ސާފުކޮށް ޑިސްއިންފެކްޓްކޮށް، ތަންތަން ތަރުތީބުކުރިކަމަށާއި، ގޭގައި ތިބި މީހުން ނިދީވެސް ފަތިހު 5:30 ވެ ބޮޑުވިފަހުންކަމަށް ޝިފާ ބުންޏެވެ.

"ވަރަށް ވަރުބަލިވެފައި ހުރި. މަންމަ ނެތީމަ ކާހިތްވެސް ނުވި. އެނދުން ތެދުވާކަށްވެސް ބޭނުމެއްނުވި" ޝިފާ އޭނާގެ އިޙްސާސްތައް ކިޔައިދެމުން ބުނީ އޭނާވެސް މި ބައްޔަށް ޕޮޒިޓިވްވިކަން އައި.ޖީ.އެމް.އެޗުން ގުޅާފައި އެންގީ ޖޫން 16 ވަނަ ދުވަހުގެ މެންދުރު 12 ޖަހަން ކައިރިވެފައި ހުއްޓާކަމަށެވެ. އެކަން އެނގުމުން ރޯން ބޭނުން ނުވިނަމަވެސް ބޭއިޚްތިޔާރުގައި ކުޑަކޮށް ރޮވުނުކަމަށް ޝިފާ ބުންޏެވެ.

"ކޮންޓެކްޓް ޓްރޭސިންގ ހަދަން ބުނި. އެކަމު ޝިފާ ބޭރަށް ނުދާތީވެ، އެވަގުތު ގޭގައިތިބި މީހުންނާއެކަނި ޑައިރެކްޓް ކޮންޓެކްޓްވީ. ދެން 3 ޖަހަންވާއިރަށް ތައްޔާރުވެގެން ހުންނާށޭ ބުނީމަ ޝިފާވެސް އެއްޗެތި ޕެކްކުރަން ފެށީ" ޝިފާ ބުންޏެވެ.

ކޯވިޑް-19އާއި ގުޅިގެން ހޯދިފައިވާ ހޯދުންތައް ދައްކާގޮތުން ވައިރަސްގެ އަސަރުކޮށްފައިވާ މީހެއްގެ ގައިން އިތުރު 2 ނުވަތަ 3 މީހުންނަށް ބަލި ޖެއްސުމުގެ ފުރުޞަތު އޮވެއެވެ. 7 މީހުން ދިރިއުޅެމުންދިޔަ ޝިފާމެންގެ ގެއިން މި ބައްޔަށް ޕޮޒިޓިވްވީ ހަމައެކަނި ބައްޕައާއި، މަންމައާއި ޝިފާއެވެ. ބާކީ ތިބި 4 މީހުންގެ ސާމްޕަލް ނެގެޓިވްވެފައިވާކަމަށް ވަނީ އަންގާފައެވެ.

ބައްޕައާއި މަންމަ އެއް އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރުމުން ޝިފާ އުއްމީދުކޮށްގެން ހުރީ އޭނާވެސް ގެންދާނީ އޮޅުވެލި އައިސޮލޭޝަން ފެސިލިޓީއަށް ކަމަށެވެ. ނަމަވެސް ކަން ވީ އެހެނެއް ނޫނެވެ. އޭނާއަށް ޖެހުނީ މަންމައާއި ބައްޕައާއިވެސް ވަކިން އެކަނި އެހެން ފެސިލިޓީއެއްގައި ހުންނާށެވެ. ޝިފާ އައިސޮލޭޝަންގައި ބަހައްޓާފައިވަނީ މަލަހިނި ކުޑަބަނޑޮހުގައެވެ.

އެންމެންގެ ހާލުވެސް ރަނގަޅު، ޚިދުމަތްތަކާމެދު ވަރަށް ހިތްހަމަޖެހޭ


" ޖެޓީ ސަރަޙައްދަށް ގޮވައިގެން ދިޔާއީމަ އާރް.އާރް.ޓީ މެމްބަރުން ކައިރީ ޝިފާ ބުނިން ކަނޑަށް ވަރަށް ބަލިވާނެއޭ. އެހެންބުނީމަ ޝިފާ ގޮވައިގެން ބަނޑޮހަށް ދިޔަ ލޯންޗުގައި އާރް.އާރް.ޓީގެ މެންބަރަކުވެސް ދިޔަ. އެކުއްޖާ ވަރަށް ހިތްހެޔޮ. އޭނާ އިނީ އެއް ސީޓްދޫކޮށްފައި. ކިރިޔާވެސް އުނދަގުލެއްވަންޏާ ބުނާށޭ ބުނި. އަދި އިރުއިރުކޮޅުން އަހަންވެސް އަހާ ކަމެއްވޭތޯ" ދަތުރުމަތީ ވީ ކަންކަން ހިއްސާ ކުރަމުން ޝިފާ ބުންޏެވެ.

ޝިފާއާއެކު ބަނޑޮހަށް ދިޔަ ލޯންޗުގައި ކޯވިޑް-19 ޕޮޒިޓިވްވި ބިދޭސީއަކުވެސް ހުއްޓެވެ. އެމީހުންނަށް ބަނޑޮހުން މަރުހަބާކީ ނަރުހެކެވެ. ބަނޑޮހަށް ދެވުމާއެކު ފުރަތަމަވެސް އެމީހުން ގެންދިޔައީ އައިސޮލޭޝަނަށް ކަނޑައަޅާފައިވާ ސަރަޙައްދަށެވެ. އަދި އެތަނުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ކިޔައިދިންކަމަށްވެސް ޝިފާ ބުންޏެވެ. ރޫމަށް ގެންދިޔުމުގެ ކުރިން ލަގެޖްތައް ބަހައްޓާފައި، ޑޮކްޓަރަށް ދެއްކުމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ގެންގޮސް ޑޮކްޓަރަށް ދެއްކިކަމަށްވެސް ޝިފާ ބުންޏެވެ.

"ހުމާއި، ބީޕީ އަދި ޕަލްސް ހުރި ވަރު ޑޮކްޓަރު ބެލި. އަދި އިތުރު އެއްވެސް ބައްޔަކަަށް ބޭސް ކަންތޯ އޮޅުންފިލުވި. ޑޮކްޓަރަަށް ދެއްކިއިރު ކޮންމެވެސް ވަރަކަަށް ހުން ހުރީމަ، ބޭސްދިން. ދެން ކޮންމެ މީހަކު އެމީހަކު ހުންނަ ރޫމަށް ގެންދިޔައީ. މިތަނުގެ ކަންތައްތައް ހިނގާނެގޮތުގެ އޮރިއެންޓޭޝަން ގަނޑެއްވެސްދިން. އެންމެންވެސް ވަރަށް ހިތްހެޔޮ. ވަރަށް ރީތިކޮށް ވާހަކަދެއްކީވެސް" ޝިފާ ބުންޏެވެ.

ބައެއް ފެސިލިޓީތަކުގެ އިންތިޒާމްތައް ރަނގަޅު ނޫންކަމަށާއި، ކެއުންވެސް ރަނގަޅު ނޫންކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުންކޮށްފައިވާ ޕޯސްޓްތަކާއި ފޮޓޯތައް ޝިފާއަށްވެސް ފެނިފައިވެއެވެ. އެހެން ނަމަވެސް ޝިފާއާއި އޭނާގެ ބައްޕައާއި މަންމައަށްވެސް ކުރެވުނު ތަޖުރިބާ ތަފާތުކަމަަށް އެ ޒުވާނާ ކިޔައިދިނެވެ. އެގޮތުން އާއިލާއާއެކު ގޭތެރޭގައި އުޅެނީ ވަރަށް މަޖާކޮށްކަމުން، ކުއްލިއަކަށް އެންމެނާއި ދުރުގައި ހުުންނަންޖެހުމުން ކުޑަ ހިތްނުތަނަވަސްކަމެއް އަދި ފަޅުކަމެއް އިޙްސާސް ކުރެވޭކަމަށް ޝިފާ ބުންޏެވެ. އަދި ފެސިލިޓީގެ ހުރިހާ އިންތިޒާމްތަކަކާމެދުވެސް ވަރަށް ހިތްހަމަޖެހޭކަން އޭނާ ފާހަގަކުރިއެވެ.

"ކެއިން ބުއިމުން ފެށިގެން ޑެއިލީ ޗެކަޕްތައް ހެދުމާއި، ހުރިހާ ކަމެއްހެން ވަރަށް ހިތްހަމަޖެހޭ. ރޭޓް ކުރާކަމަށްވަންޏާ 5 އިން 4.5 ދޭނަން. ވަރަށް ހިތްފަސޭހަ. ކޮޓަރި ތެރޭ ބަންދުވެފައި އަބަދު ނީންދެ، ކަނޑައަޅާފައިވާ ޒޯންތެރޭ ތާޒާ ވައި ހޯދާ ހިނގާލާ ހަދަން ބޭރަށްދެވޭ. އަނެއްކާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ހިތްވަރުދޭ. ހިނިތުންވެފައި ތިބެނީވެސް" ޝިފާ ކިޔައިދިނެވެ.

އައިސޮލޭޝަންގައި ހޭދަކުރާތާ މިހާރު ހަފްތާއެއްވާން ކައިރިވެފައިވާއިރު، ޝިފާއާއި އޭނާގެ ބައްޕައާއި މަންމަގެ ފުށުންވެސް ކަންބޮޑުވާންޖެހޭ ފަދަ އެއްވެސް ކަމެއް ނުފެންނަކަމަށް ޝިފާ ބުނެއެވެ. އަދި އަލާމާތްތަކާއެކު ޕޮޒިޓިވްވީ ހަމައެކަނި ބައްޕަކަމުން، ބައްޕައަށް ކާ އެއްޗެތީގައި ރަހަނުލުމާއި، ރަނގަޅަށް ވަސްނުދުވުންފަދަ އުނދަގޫތައް ކުރިމަތިވިނަމަވެސް، ބައްޕައާއި މަންމަ އަދި ޝިފާގެ ޙާލުވެސް ރަނގަޅުކަމަށް އޭނާ ބުންޏެވެ.

"ވަރަށް ދެރަވި ބައްޕައާއި މަންމަވެސް ބައްޔަށް ޕޮޒިޓިވްވީމަ. އެކަމު ސީރިއަސް ސިމްޕްޓަމްސްއެއް ނެތީމަ އެކަމަށް މާތް ﷲ އަށް ޝުކުރުކުރަން. އިރާދަކުރެއްވީތީ އެންމެންގެ ހާލުވެސް ރަނގަޅު. އާއިލާގެ މެންބަރުންނާއި ރައްޓެހިން އަބަދުހެން ގުޅާ މެސެޖްކޮށް ހަދާ. އެކަނި ހުއްޓަސް އެމީހުން އަހަރެން އެކަނިވިޔަކަ ނުދޭ" ޝިފާ ބުންޏެވެ.

ޝިފާއަށް ކުރެވުނު ތަޖުރިބާއިން އޭނާ ދޭން ބޭނުންވީ ހަމައެންމެ މެސެޖެކެވެ. އެއީ ފަރުދީ ޒިންމާ އަދާކުރުމެވެ. ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިޙްތިރާމްކޮށް، އެފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށެވެ. އަދި ކޯވިޑް-19 އިން ރާއްޖެ ސަލާމަތްކޮށްދީ އަމިއްލަ އާއިލާ ދޫކޮށް އަހަރުމެންގެ ޚިދުމަތުގައި ބަޔަކު ތިބިކަން ހަނދާކޮށް، އެ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށެވެ.

"ކެތްތެރިވެ ހިތްވަރުކުރުންދޯ ދެން އޮތީ. އާއިލާ އެންމެން އަނެއްކާވެސް އެއްތަންވެވޭނެ ދުވަހެއްގެ އިންތިޒާރުގައި މިހުރީ. ވަރަށް ހަނދާންވޭ އެންމެން މަތިންވެސް" ޕީ.އެސް.އެމް ނިއުސްއަށް ދިން އިންޓަރވިއު ނިންމާލަމުން ޝިފާ ބުންޏެވެ.